Majlis 2024

އިންގްލެންޑާއި ހަންގޭރީ ކުޅުނު މެޗުގެ ތެރެއިން.

އިޓަލީ އާއި އިންގްލެންޑަށް ބޮޑު ނާކާމިޔާބެއް

ގްރޫޕުގެ އެއް ވަނައިގައި އޮތީ ހަންގޭރީ

ޔުއެފާ ނޭޝަންސް ލީގުގައި، އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން އިޓަލީ އާއި އެ މުބާރާތުގެ ރަނާސްއަޕް އިންގްލެންޑަށް ރޭ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އިޓަލީ ރަށުން ބޭރުގައި ޖަރުމަން އަތުން ބަލިވީ 5-2 އިންނެވެ. އިންގްލެންޑް އަމިއްލަ ދަނޑުގައި ހަންގޭރީ އަތުން ބަލިވީ 4-0 އިންނެވެ.

ގްރޫޕުގައި ކޮންމެ ޓީމެއް ހަތަރު މެޗު ކުޅެފައިވާއިރު ހަތް ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ރޭންކިން އަށް ބަލާއިރު މި ގްރޫޕުގެ އެންމެ ބަލި ޓީމު ކަމަށްވާ ހަންގޭރީ އެވެ. ދެ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު ޖަރުމަނެވެ. އިޓަލީ އޮތީ ފަސް ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އިންގްލެންޑް އޮތީ ދެ ޕޮއިންޓާ އެކު ފުލުގަ އެވެ.

ބޮރޫޝިއާ ޕާކްގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި ޖަރުމަނުގެ ޖޯޝުއާ ކިމިޗް އެ ޓީމަށް ލީޑު ނަގައިދިނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތު ޕެނަލްޓީއަކުން ޖެހީ އިލްކޭ ގުންޑޮގާން އެވެ. އަދި ދެ ވަނަ ހާފުގެ ކުރީކޮޅު ތިން ވަނަ ގޯލް ތޯމަސް މުލާ ޖެހި އެވެ. ޖަރުމަނުގެ އަނެއް ދެ ލަނޑު ޖެހީ ޓިމޯ ވާނާ އެވެ.

އިޓަލީ އަށް ތަފާތުކުޑަކޮށްދިނީ 78 ވަނަ މިނެޓުގައި ވިލްފްރިއެޑް ގްނޮންޓޯ އެވެ. މިއީ ސްވިޒަލެންޑުގައި ލީޑު ކުޅޭ 18 އަހަރުގެ ފޯވާޑް އިޓަލީ އަށް ޖަހައިދިން ފުރަތަމަ ގޯލެވެ. އިޓަލީގެ ދެ ވަނަ ގޯލް އިތުރު ވަގުތުގެ ތެރޭ ޖެހީ ޑިފެންޑަރު އަލެސަންދްރޯ ބަސްޓޯނީ އެވެ.

ޖަރުމަނުގެ ގުންޑޮގާން (ވ) އަތުން ބޯޅަ ހޯދަން އިޓަލީގެ ބަރެއްލާ މަސައްކަތްކުރަނީ.

މި އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމާ ގުޅިގެން ޓީމަށް ބަދަލެއް ގެންނަން ކޯޗު ރޮބާޓޯ މަންޗިނީ މި މުބާރާތުގައި ވަނީ ވަރަށް ގިނަ އާ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އެގޮތުން މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ވެސް އޭނާ ވަނީ ތަފާތު ފޯމޭޝަންތަކަށް، އެކި ކުޅުންތެރިންނަށް ފުރުސަތުދީ ތަޖުރިބާތަކެއްކޮށްފަ އެވެ.

އަނެއްކޮޅުން އިންގްލެންޑުގެ ކޯޗު ގެރެތު ސައުތުގޭޓް ވެސް ނޭޝަންސް ލީގު ބޮޑަށް ބޭނުންކުރީ ސްކޮޑް ތަޖުރިބާކުރުމަށެވެ. އެގޮތުން ވޯލްޑް ކަޕަށް ޓީމު ސެޓުކުރުމަށްޓަކައި އޭނާ ވަނީ ތަފާތު ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.

ވުލްވްސްގައި ރޭ އިންގްލެންޑާ ދެކޮޅަށް ހަންގޭރީން 16 ވަނަ މިނެޓުގައި ރޮލަންޑް ސަލާއީގެ ގޯލުން ލީޑު ނެގި އެވެ. އެ ޓީމުގެ އަނެއް ތިން ގޯލް ފެނުނީ މެޗުގެ ފަހު ބައިގަ އެވެ. އެގޮތުން 70 ވަނަ މިނެޓުގައި ދެ ވަނަ ގޯލް ޖަހައިދިނީ ވެސް ސަލާއީ އެވެ. އަނެއް ގޯލް 80 ވަނަ މިނެޓުގައި ސޯލްޓް ނެގީ ޖެހިއިރު ފަހު ގޯލް 89 ވަނަ މިނެޓުގައި ޖެހީ ޑެނިއަލް ގަޒްޑަގް އެވެ.

މި ގްރޫޕުގައި ދެން އޮތީ ސެޕްޓެމްބަރު މަހު ޖަރުމަނާއި ހަންގޭރީ، އިޓަލީ އާއި އިންގްލެންޑް، އިންގްލެންޑާއި ޖަރުމަން އަދި ހަންގޭރީ އާއި އިޓަލީ ކުޅޭ މެޗުތަކެވެ.

އަންނަ އަހަރު އޮންނަ ފައިނަލް ބުރަށް ހޮވޭނީ ގްރޫޕުގެ އެއް ވަނަ ޓީމެވެ. ފުލުގައި އޮންނަ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް