ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގައި ބަޔަކު ހަވީރު ސައިކަލު ބުރު ޖަހަނީ: މެޓް އޮފީހުން ބުނި ގޮތުގައި، މިއަދަކީ މި އަހަރުގެ މިހާތަނަށް އެންމެ ހޫނުގަދަ އެއް ދުވަސް. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

މޫސުން

މިއަދަކީ އަހަރުގެ އެންމެ ހޫނުގަދަ އެއް ދުވަސް؛ މާލެއަށް 43 ޑިގްރީ އިހުސާސްކުރެވުނު

ކޮންމެ އަހަރެއްގެ އޭޕްރިލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރު ކަމަށް މީގެ ކުރިން މެޓް އޮފީހުން ބުނެފައިވޭ
17 އޭޕްރީލު 2022

މިއަދަކީ މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ހޫނުގަދަ ކަމަށް އިހުސާސްކުރެވުނު އެއް ދުވަސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުންނަ މެޓް އޮފީހުގެ ސްޓޭޝަންތަަކުން ރެކޯޑުކުރި ވައިގެ ފިނިހޫނުމިނާއި ފިނިހޫނުމިން އިހުސާސްކުރެވޭ ވަރު ނުވަތަ "ފީލްސް ލައިކް ޓެމްޕަރޭޗާ" އެ އޮފީހުން ވަނީ އާންމުކޮށްފަ އެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު މެންދުރު 2ގައި ހުޅުލޭގައި ހުންނަ ސްޓޭޝަނުން މާލެ ސަރަހައްދުގައި ފިނިހޫނުމިން އިހުސާސްކުރެވޭ ވަރު ނުވަތަ "ފީލްސް ލައިކް ޓެމްޕަރޭޗާ" ހުރި ކަމަށް ދެއްކީ 43.3 ޑިގްރީގަ ސެލްސިއަސްގަ އެވެ.

އުތުރުގައި، ހދ. ހަނިމާދޫން ވެސް ފިނިހޫނުމިން އިހުސާސްކުރެވޭ ވަރު 40.9 ޑިގްރީ ސެލްސިއަސްގައި ރެކޯޑުކޮށްފައި ވާއިރު، މެދުރާއްޖެތެރެ އާއި ދެކުނަށް ވެސް އެ މިންވަރު ހުރީ 40 ޑިގްރީއާ ގާތްކުރާ ހިސާބެއްގަ އެވެ.

ފަސް ސްޓޭޝަނުން މިއަދު މެންދުރު 2ގައި ރެކޯޑުކުރި "ފީލްސް ލައިކް ޓެމްޕަރޭޗާ":

  • ހުޅުލެ: 43.3 ޑިގްރީ ސެލްސިއަސް

  • ހަނިމާދޫ: 40.9 ޑިގްރީ ސެލްސިއަސް

  • ލ. ކައްދޫ: 39.2 ޑިގްރީ ސެލްސިއަސް

  • ގދ. ކާޑެއްދޫ: 38.3 ޑިގްރީ ސެލްސިއަސް

  • އައްޑޫ ގަން: 39.3 ޑިގްރީ ސެލްސިއަސް

އެނގުން މުހިންމު - މި މަހުގެ ތެރޭގައި މީގެ ކުރިން ވެސް މާލެއަށް ފިނިހޫނުމިން އިހުސާސްކުރެވުނު ވަރު 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައި އެބަ ހުއްޓެވެ.

ބުނީ ކީކޭ؟ - 'ދައުރު'އާ ވާހަކަދެއްކެވި މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓަކު ވިދާޅުވީ އެވަރެޖުކޮށް އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު ހޫނުގަދަ ކަމަށް ބުނަން އެނގޭނީ މި މަސް ނިމުމުން އެހެން އަހަރުތަކާ އަޅާކިޔާފައި ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ކޮންމެ އަހަރެއްގެ ވެސް އޭޕްރިލް މަހަކީ ރާއްޖޭގައި އެންމެ ހޫނުގަދަ ދުވަސްވަރެވެ.

ގުޅުންހުރި ކަމެއް - މިި އޭޕްރިލް މަހު ރޯދަމަސް އަންނާތީ މީގެ ކުރިން ވެސް މެޓް އޮފީހުން ވަނީ މިއީ އެންމެ ހޫނުގަދަވާ މަސްކަން ފާހަގަކޮށް، އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. ސްޓެލްކޯއިން ވެސް ވަނީ އެކަން ފާހަގަކޮށް، ކަރަންޓު ބޭނުންކުރާ މިންވަރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް