Majlis 2024

މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ކިއްލި ތެޅުމާއި ހެދިކާ ހެދުން ނޫން ހުރިހާ ވިޔަފާރިއަކަށް ސަރުކާރުން ވަދެއްޖެ: އީވާ

އިވާ ވިދާޅުވީ، މި ސަރުކާރުން މާލޭ ރައްޔިތުން ބާކީ ކޮށްފައިވާ ކަމަށާއި ރައީސް ސޯލިހަކީ ޗޮއިސްއެއް ނޫން ކަމަށް

މި ސަރުކާރުގައި އަމިއްލަ ވިޔަފާރިތަކަށް އޮންނަ ފުރުސަތުތައް ހަނިވަމުން ދާ ކަމަށާއި ސަރުކާރުން ވަރަށް ބޮޑަށް އަމިއްލަ ވިޔަފާރިތަކަށް ވަދެފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން އީވާ ވަނީ، ސަރުކާރުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓަށާއި މި ސަރުކާރުން ކުރަމުންދާ ބައެއް ކަންކަން ފާހަގަކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - ބަހުސްގައި ވާހަކަ ފައްޓަވަމުން ވެސް އީވާ ބަހުގެ ހަމަލާތައް އަމާޒުކުރެއްވީ، ސަރުކާރަށް ތާއީދުކުރާ އެމްޑީޕީ މެންބަރުންނަށެވެ. އެ މެންބަރުން މި ބަޖެޓަކީ "އުންމީދީ ބަޖެޓެކޭ" ވިދާޅުވެ، ވާހަކަދެއްކެވިޔަސް، އީވާ އެކަން ގަބޫލެއް ނުކުރައްވަ އެވެ.

"ރަނގަަޅަށް [ބަޖެޓް ފޮތުގެ] ގަނޑުތައް އުކާނުލަައި ވިދާޅުވެއްޖެ މިއީ އުންމީދީ ބަޖެޓެކޭ، 42 ބިލިއަންގެ ބޮޑު ބަޖެޓެކޭ ވިދާޅުވީމަ ބުނީ، މިއީ އުންމީދީ ބަޖެޓެކޭ. އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި މިހާރު %110އަށް އަރައިފިޔޭ ބުނީމައި ބުނީ މިއީ އުންމީދީ ބަޖެޓޭކޭ. ޑެފިސިޓް 11 ބިލިއަނަށް އަރައިފިޔޭ ބުނީމައި ބުނީ މިއި އުންމީދީ ބަޖެޓެކޭ،" އީވާ ވިދާޅުވި އެވެ.

ދެ ފެކްޝަނެއް އުފެދިފައިވާ އޮތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަޅީގައި ހުންނެވި އީވާ ވަނީ، ބަޖެޓުން އޭނާއަށް ފެނިވަޑައިގަންނަވާ "އަސްލު" މަންޒަރު ވިދާޅުވެދެއްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ސަރުކާރުން އެމްއެމްއޭ އަތުން ނެގި ފައިސާ ދައްކާފައެއް ނުވޭ؛ އެ ފައިސާ އަނބުރާ ދެއްކުމުގެ ޕްލޭނެއް ވެސް ބަޖެޓަކުން ނުފެނޭ

  • ބޭކާރު ހަަރަދުތައް އިންތިހާއަށް އެބަކުރޭ؛ އިގްތިސާދު ކުރިއެރުވޭ ފަދަ ކަންކަމަކަށް ހަރަދެއް ނުކުރޭ  

  • ސަރުކާރުގެ ހަރަދު ބޮޑުކުރުމަށް ފަހު ރައްޔިތުންގެ އަތުން ނަގާ ޓެކްސް "ހަދަނީ ރަންބިސް އަޅާ ކުކުޅަށް"

  • މި އަހަރުގެ ބަޖެޓްގައި ބޭރުގެ އެހީގެ ގޮތުގައި ލިބެން އަންދާޒާ ކުރިވަރުގެ %10 ވެސް ނުލިބޭ ކަމަށް

  • ސަރުކާރުގެ މަޝްރޫއުތަށް ހިންގަން ޖެހުނީ އެތެރޭގެ ބާޒާރުން ފައިސާ ނަގައިގެން؛ ސަރުކާރުގެ ހިންގުމަށް ވެސް އެތެރޭގެ ބޭންކުތަކުން ފައިސާ ނެގި

"އޭގެ މާނައަކީ، އަމިއްލަ ވިޔަފާރިތަކަށް ބޭންކުތަކުން ދޭން ހުންނަ ލޯނާއި ފައިސާ ނުހުންނަނީއޭ. އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހަނިވަނީއޭ. ދެން އޮތީ، ސަރުކާރުން ހިންގާ ކުންފުނިތަައް. ބޮޑުވަމުން ބޮޑުވަމުން ގޮސް، ކިއްލި ތެޅުމާއި ހެދިކާ ހެދުމާއި ބިއުޓީ ޕާލާ ހިންގުން ނޫން ހުރިހާ އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ހިންގާ ކުންފުނިތަކުން ވަދެއްޖެ،" އީވާ ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސް، އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާ ހިލާފަށް، ސަރުކާރުން މިހާރު ވިޔަފާރިކުރާ ތަނަކަށް ވެއްޖެ."

މަޖިލީހުގެ ޖަލްސާއެއްގައި އީވާ  ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އީވާ ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފަހު އިގްތިސާދު ހަމަޖެހިފައިވާ ކަމަށް ބުންޏަސް، އެއީ ހަަމަޖެހޭ ވާހަކައެއް ނޫނެެވެ.

"އަމިއްލަ ކުންފުނިތަކުން ވެސް ބޭނުންވާނެ އެ މީހުންގެ މުވައްޒަފުންނަށް މުސާރަ ދެވެން. އެ މީހުން ވެސް ބޭނުން ވާނެ އާމްދަނީ. އެ މީހުން ވެސް ބޭނުންވާނެ މަސައްކަތް. އެ މީހުން ވެސް ބޭނުންވާނެ ޕްރޮފިޓް. އެ މީހުންގެ ހުރިހާ މަސައްކަތެއް ސަރުކާރު ހިންގާ ކުންފުނިތަކުން ކޮށްފައި މި ބުނަނީ އިގްތިސާދު ހަމަޖެއްސީއޭ،" އީވާ ވިދާޅުވި އެވެ.

'ބަނދަރަކީ އުންމީދު ނިމޭ ހިސާބެއް ނޫން؛ ރައީސް ސޯލިހަކީ ޗޮއިސްއެެއް ނުން'

މި ސަރުކާރުން އެންމެ ބޮޑަށް ދައްކާ އެއް ވާހަކަ އަކީ ފެނާއި ނަރުދަމާ އަދި ބަނދަރު ހެދުމުގެ މަޝްރޫއުތައް ގިނަ ރަށްތަކެއްގައި ހިންގަމުން އަންނަ ވާހަކަ އެވެ. އެކަމަށް ރައްދު ދެއްވައި އީވާ ވިދާޅުވީ، އެއީ ވެސް މުހިންމު މަޝްރޫއުތައް ކަމަށާއި ނަމަވެސް އެމްޑީޕީއާ ދޭތެރޭ ދިވެހި ރައްޔިތުން ކުރި ހަމައެކަނި އުންމީދަކީ އެފަދަ މަޝްރޫއޫތައް އެކަނި ހިންގުން ނޫން ކަމަށެވެ.

"ކޮންމެ ބަނދަރަކާ ގުޅިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވައްކަން ހޯދާ ތަން ފެންނަން ޖެހޭ. ކޮންމެ ބަނދަރަކާ ގުޅިގެން މި ސަރުކާރުގެ ވެންޓިލޭޓޭރު ވައްކަން ހޯދަން އުޅޭ ތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން ގަލޮޅު އުތުރު، މާލެއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނެ،" ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އީވާ ވިދާޅުވި އެވެ.

ބަނދަރަކީ އަސާސީ ހައްގެއް ކަމަށާއި ނަމަވެސް ކޮންމެ ބަނދަރަކާ އެކު "އެމްޑީޕީގެ ސިފައިގެ، އެމްޑީޕީގެ އަސްލު ވައުދު" ވެސް ފުއްދަން ޖެހޭނެ ކަމަށް އީވާ ވިދާޅުވި އެވެ.

"ކޮންމެ ބަނދަރަކާ ގުޅިގެން، ގެއްލިފައިވާ ރިލްވާން އާއި މަރާލާފައިވާ ޔާމީނަށް އިންސާފު ހޯދާ ތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން، އެމްޑީޕީން މަސްވެރިންނަށް ވީ ވައުދުތައް ފުއްދާ ތަން ފެންނަން ޖެހޭނެ. އިއްޒަތްތެރި ރައީސް، އެމްޑީޕީއަށް ދިވެހި ރައްޔިތުން ކުރި އުންމީދު ފޯރާ ފަށަކީ އެއީ ބަނދަރަކަށް ހަދައި ނިންމައެއް ނުލެވޭނެ. ދިވެހި ރައްޔިތުންގެ އުންމީދު ނިމޭ ހިސާބަކީ ބަނދަރަކަށް ހަދައެއް ނުލެވޭނެ،" އީވާ ވިދާޅުވި އެވެ.

މި ސަރުކާރަށް ފާޑުކިޔާ ކޮންމެ މީހަކީ ސަރުކާރަށް ހަސަދަވާ ބައެއްގެ ގޮތުގައި ސިފަކުރަމުންދާ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ ހަރަދު މާ ބޮޑޭ. އުނހޫ، އެމްއެމްއޭގެ ގަވަރުނަރު އެ ހަސަދަވީ. އެންޓި ކޮަރަޕްޝަން ކޮމިޝަނުން ބުނީ ސަރުކާރު ހިންގާ ކުންފުނިތަކުން ހެސް ކިޔާފައި ކޮރަޕްޝަނޭ، އެންޓި ކޮަރަޕްޝަން ކޮމިޝަން އެ ހަސަދަވީ. މަނިކުފާނު ވިދާޅުވަނީ ޔޫސަބަލް ރިޒާވްއާ ދޭތެރޭ ކަންބޮޑުވެޔޭ. އުނހޫ، ރައީސް ނަޝީދު އެ އޮތް ހަސަދަވީ،" ފޯރީގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވި އެވެ.

އީވާގެ އަނެއް ކަންބޮޑުވުމަކީ، މި ސަރުކާރަށް ހަތަރު އަހަރުވެގެން ދިޔައިރު، މި ސަރުކާރުން ފަށައިގެން މާލޭ ރައްޔިތުންނަށް ފޯރުކޮށްދިން ބޯހިޔާވަހިކަމެއް ނެތުމެވެ. އެކަމުން ދައްކައިދެނީ، އޭނާ ސިފަކުރެއްވި ގޮތުގައި، މި ސަރުކާރުން މުހިންމުކަންދޭ ލިސްޓުގައި މާލޭ ރައްޔިތުުން ތިބީ ވަރަށް ދަށުގައި ކަމެވެ.

"މި ވަރަށް މާލޭ ބާކީކޮށްފައި، އެ ބުނަނީ މާލެއާ ނުލާ ވެރިކަން ކުރާށޭ މި އުޅެނީ. އިއްޒަތްތެރި ރައީސް، ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ނުކުރާނަމޭ ބުނަންޏާ މާލޭ ބޯހިޔާވަހިކަން ވެސް ހިމަނަން ޖެހޭނެ. ސަރުކާރުން މި ވަރަށް މާލެއަށް ނޯ ޖަހާފައި ދެން ރައީސުލްޖުމްހޫރިއްޔާ ނިކުމެވަޑައިގެން ތިމަންނާއަށް ދެވަނަ ދައުރޭ ވިދާޅުވީމަ، އެއީ އަޅުގަނޑަށް ޗޮއިސްއެއް ނޫން،" ގާތްގަނޑަކަށް 7 މިނިޓެއްހާއިރު ދެއްކެވި ވާހަކަ ނިންމާލައްވަމުން އީވާ ވިދާޅުވި އެވެ.

ކޮމެންޓް (3)

ބަކުރު

23 ނޮވެމްބަރު 2022
ވަންނާނެ ވަންނާނެ. ތަނެއްގައި ދޮރެއް ހުޅުވާފައި ހުރިއްޔާ އެ ތަނަކަށް ވާނެ ކޮންމެ ހެން ވެސް ވަދެ ގަންނަން
0 1

ހާމާނު

23 ނޮވެމްބަރު 2022
އީވާ ތޯ ތިހެން ތި ވިދާޅު ވަނީ؟
0 0

ކަމަނަ

23 ނޮވެމްބަރު 2022
މަ މި އިންނަނީ ކިއްލި ވަން ހިފައިގެން ދޮރު ހުޅުވައިގެން ތިޔަ ބައި މީހުން ވަންނާނެ ކަމުގެ އިންތިޒާރުގައި. އަދި އެއް މަގުގެ ކޮޅުން ވެސް ދައްކާ ނުލާ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް