Majlis 2024

ލެބޯޓްރީގައި އުފައްދާފައިވާ ލޭ (ފޮޓޯ/އެންއެޗްއެސްބީޓީ)

ސައިންސް

ލެބޯޓްރީގައި އުފައްދާފައިވާ ލޭ ފުރަތަމަ ފަހަރަށް އިންސާނުން ގަޔަށް އަޅައިފި

މި ތަހްލީލުތަކުން، މަދުން ނޫނީ ނުލިބޭ ލޭގެ ގްރޫޕުތައް އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް ސައިންސްވެރިން ދެކޭ

ލެބޯޓްރީއެއްގައި އުފައްދާފައިވާ ލޭ ދުނިޔޭގައި ފުރަތަމަ ފަހަރަށް އިންސާނުން ގަޔަށް އަޅާފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސައިންސްވެރިންތަކެއް ބުނެފި އެވެ.

މި ލޭ އިންސާނާގެ ހަށިގަނޑަށް އެޅުމުން ވާ ގޮތް ބެލުމަށް ފުރަތަމަ އަޅާފައި ވަނީ އެންމެ ދެ ސައިސަމުސާހާ މަދު މިންވަރެކެވެ. 

މި ތަހްލީލުތަކުގެ ބޭނުމަކީ ކޮންމެހެން ބޭނުން ޖެހޭ އެކަމަކު ވަރަށް މަދުން ނޫނީ ނުލިބޭ ލޭގެ ގްރޫޕުތައް އުފެއްދުމެވެ. ސިކްލް ސެލް އެނީމިއާ ފަދަ ސިއްހީ މައްސަލަތައް ހުންނަ ބަލި މީހުންނަށް އަބަދު ލޭ އަޅަން ޖެހޭއިރު، މިފަދަ ބައެއް މީހުންގެ ލޭގެ ގްރޫޕަކީ އާންމުކޮށް ލިބެން ހުންނަ ލޭގެ ގްރޫޕުތަކެއް ނޫނެވެ.

ލޭގެ ބައެއް ގްރޫޕުތައް ހުންނަ މީހުން "ވަރަށް ވަރަށް މަދު" ކަމަށް ޔުނިވާސިޓީ އޮފް ބްރިސްޓޮލްގެ ޕްރޮފެސަރު އެޝްލީ ޓޯޔޭ ވިދާޅުވި އެވެ. އޭނާ ފާހަގަކުރެވި ގޮތުގައި، ބައެއް ހާލަތްތަކުގައި ލޭ ދޭން "ގައުމުގައި ތިބީ އެންމެ 10 މީހުން ކަމަށް ވެސް ވެދާނެ" އެވެ.

މިފަދަ އެއް ވައްތަރަކީ "ބޮމްބޭ" ލޭގެ ގްރޫޕެވެ. މިވަގުތު މުޅި އިނގިރޭސިވިލާތުގައި ވެސް ރައްކާކޮށްފައި ހުރީ މި ގްރޫޕުގެ އެންމެ ތިން ޔުނިޓުގެ ލެ އެވެ.

ލޭ އުފެއްދުމުގެ މި ތަހްލީލުތަކުގައި ބައިވެރި ވަނީ ބްރިސްޓޮލް، ކެމްބްރިޖް އަދި ލަންޑަންގެ ސައިންސްވެރިންނާއި އިނގިރޭސި ގައުމީ ސިއްހަތާ ބެހޭ ހިދުމަތް ކަމުގައިވާ އެންއެޗްއެސްގެ ބްލަޑް އެންޑް ޓްރާންސްޕްލާޓު ޓީމެވެ. މި ތަހްލީލުތަކުގައި މި ޓީމުުން ވަކިން ހާއްސަކޮށް އަމާޒުކޮށްފައި ވަނީ ފުއްޕާމެއިން ހަށިގަނޑުގެ އެހެން ހުރިހާ ދިމާލަކަށް އޮކްސިޖަން ފޮނުވައިދޭ ރެޑް ބްލަޑް ސެލްތަކަށެވެ.

މި ތަހްލީލުތަކުގައި ސައިންސްވެރިން ވަނީ ރެޑް ބްލަޑް ސެލް އަށް ވުމުގެ ގާބިލުކަން ލިބިފައިވާ ސްޓެމް ސެލްތައް ވަކިކޮށްފަ އެވެ. އަދި މި ސްޓެމް ސެލްތައް ލެބޯޓްރީގައި ވަރަށް ބޮޑުތަން އިތުރު ކުރުމަށް ފަހު ރެޑް ބްލަޑް ސެލް އަށް ބަދަލުކޮށްލަ އެވެ.

މި ހުރިހާ މަރުހަލާއަކަށް ތިން ހަފްތާ ނަގާއިރު، ބައި މިލިއަނެއްހާ ސްޓެމް ސެލް 50 ބިލިއަން ރެޑް ބްލަޑް ސެލްއަށް ސައިންސްވެރިން ބަދަލުކޮށްލަ އެވެ. މީގެ ތެރެއިން ލިބެނީ ޓްރާންސްޕްލާންޓު ކުރުމަށް ކަމުދާ 15 ބިލިއަން ރެޑް ބްލަޑް ސެލް އެވެ.

ލެބޯޓްރީގައި ލޭ އުފެއްދުމާ ގުޅޭ (ވީޑިއޯ/ޔުނިވާސިޓީ އޮފް ބްރިސްޓޮލް)

"މުސްތަގުބަލުގައި އަހަރެމެން ބޭނުންވަނީ ވީހާ ވެސް ގިނައިން ލޭ އުފައްދަން. އެހެންކަމުން އަހަންނަށް ތަސައްވަރު ކުރެވެނީ އާދައިގެ ގޮތަށް ލޭ ހަދިޔާކުރުމުން، ކޮޓަރިއެއް ފުރާ ހުންނަ މެޝިނުތަކަކުން އެ ލޭ އިތުރު ކުރަމުން ދާތަން،" ޕްރޮފެސަރު ޓޯޔޭ ވިދާޅުވި އެވެ.  

އީޖާދުކޮށްފައިވާ މިފަދަ ލޭ ސައިންސްވެރިންގެ މި ޓީމުން ފުރަތަމަ ފަހަރަށް އަޅާފައި ވަނީ ސިއްހަތު ރަނގަޅު ދެ މީހެއްގެ ގަޔަށެވެ. މި ދިރާސާގައި ސިއްހަތު ރަނގަޅު 10 މީހުން ހިމެނުމަށް ސައިންސްވެރިން ވަނީ ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް