ހުޅުމާލޭ ހުޅަނގުފަރާތުގައި އޮންނަ މަސްވެރިން ބޭނުންކުރާ ބީޗަށް 1 ނޮވެމްބަރު 2021ގައި ކުނި ލައްގައި ޕްލާސްޓިކް ފުޅިން ފުރިފައި. (ފޮޓޯ/އިބްރާހީމް ޝުޖާއު)

ކުނީގެ މައްސަލަ

ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ފުރިފައި؛ ކުނި މެނޭޖު ކުރަން ޖެހޭ

ޕްލާސްޓިކްގެ ގެއްލުންތަކުން ސަލާމަތްވުމަށް ސަރުކާރުގެ ސިޔާސަތުތަކާއި އާއްމުންގެ ޒިންމާދާރުކަން ގުޅިލާމެހޭ ބޮޑެތި މަސައްކަތްތަކެއް ބޭނުންވޭ
21 ނޮވެމްބަރު 2022
1

މުހިންމު ނުކުތާތައް

ރާއްޖޭގައި އަހަރަކު 143 މިލިއަން ޕެޓް ފުޅި އުފައްދާ؛ އަދި އިތުރު ބައިވަރު ޕެޓް ފުޅި އިމްޕޯޓްކުރޭ

މަހާއި ދޫނި ފަދަ ދިރުންތަކުގެ ޒަރީއާއިން، އިންސާނުންގެ ކެއުމުގެ ތެރެއަށް ވެސް ޕްލާސްޓިކް ވަދެއްޖެ

އަހަރެމެންގެ ބައެއް އާދަތައް ބަދަލުކޮށްގެން ނޫނީ ޕްލާސްޓިކް މަދެއް ނުކުރެވޭނެ

އޮސްޓްރޭލިއާގެ ފްލިންޑާޒް ޔުނިވަސިޓީން 2020ގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖެއަކީ ދުނިޔޭގައި މައިކްރޯޕްލާސްޓިކްގެ ތަގައްޔަރުކަން އެންމެ ބޮޑު އެއް ގައުމެވެ.

ޅ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ނައިފަރުގެ ވަށައިގެންވާ ފަޅުތެރެއިން ހެދި ދިރާސާގެ ނަތީޖާގައި ވާގޮތުން ފެނުގެ ކޮންމެ ކިލޯއެއްގައި 55-1127.5 ޒައްރާގެ މައިކްރޯޕްލާސްޓިކް ހުއްޓެވެ. މިއީ އިންޑިއާގެ ތަމިލް ނާޑޫ ކައިރިން ރިކޯޑު ކުރެވިފައިވާ މިންވަރަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. ރާއްޖޭގެ އިތުރު ރަށްރަށް ކައިރިން ވެސް، ނައިފަރު ކައިރިން ފެނުނު އަދަދާ ކައިރި ކުރާ ވަރަށް މައިކްރޯޕްލާސްޓިކް ފެނިފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

"އޯޝަން ޕްލާސްޓިކަކީ ރާއްޖޭގެ ގޮނޑުދޮށްތަކާއި ކަނޑާއި ފަރު ފަދަ ތަންތަން ހަލާކު ކޮށްލާނެ ވަރަށް ބޮޑު އެކައްޗެއް. އަދި އަހަރެމެންގެ މާހައުލުގައި އުޅޭ މަސްތައް ވެސް މި އެއްޗެހި ކޮންސިއުމް ކޮށްފިއްޔާ އެއިން ފުޑް ޗެއިންގެ ތެރެއަށް ވަދެ އަހަރެމެންނަށް ވެސް އޭގެ އަސަރު ކުރާނެ،" ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)ގެ ކޯ-ފައުންޑަރު ތޯރިގް އިބްރާހިމް ވިދާޅުވި އެވެ.

މޯޕާ އިން ހޯދާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު:

  • ރާއްޖޭގައި އުފެދޭ ޖުމްލަ ކުނީގެ %12 އަކީ ޕްލާސްޓިކް

  • ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ރާއްޖެއިން އެންމެ ގިނައިން ފެންނަ ވައްތަރަކީ ޕެޓް (ޕޮލިއެތިލިން ޓެރެފްތަލޭޓް)

  • ފެން، ކޯކު އަދި ސްޕްރައިޓް ފަދަ އެކި ކަހަލަ ބުއިންތައް ބަންދުކުރުމަށްޓަކައި ރާއްޖޭގައި އަހަރަކު 143 މިލިއަން ޕެޓް ފުޅި އުފައްދާ؛ އެއީ 3،300 ޓަނުގެ ޕްލާސްޓިކް

  • ރާއްޖޭގައި އުފައްދާ ޕެޓް ފުޅީގެ އިތުރުން ވެސް ބައިވަރު ޕެޓް ޕްލާސްޓިކް އެތެރެ ކުރޭ

ލޮލަށް ނުފެންނަހާ ކުޑަ؛ ވަޒަން ނުކުރެވޭހާ ގެއްލުން ބޮޑު

މައިކްރޯޕްލާސްޓިކަކީ އޭގެ ނަމުން ދޭހަވާ ފަދައިން ސައިޒުން ކުދި ޕްލާސްޓިކެވެ. ސައިންސްވެރިން ބުނާގޮތުގައި މައިކްރޯޕްލާސްޓިކުގެ ގޮތުގައި ބަލަނީ 5 މިލިމީޓަރަށް ވުރެ ކުޑަވީމަ އެވެ. ކުޑަވެގެން ގޮސް ހަމައެކަނި މައިކްރޮސްކޯޕަކުން ފެންނަ ސައިޒުގެ މައިކްރޯޕްލާސްޓިކް ވެސް ހުރެ އެވެ.

ހުރިހާ މައިކްރޯޕްލާސްޓިކެއް ވެސް އުފެދެނީ ދުނިޔޭގައި އުފައްދާ ޕްލާސްޓިކުގެ ހަތް ބާވަތް ރާޅާއި ވަޔާއި އަވީގައި ހަލާކުވެގެންނެވެ. 

ޕްލާސްޓިކުން އުފައްދާފައިވާ ކޮންމެ އެއްޗެއްގައި ވެސް އެއީ ކޮން ބާވަތެއްގެ ޕްލާސްޓިކެއްކަން ދޭހަވާ ކޯޑެއް ޖަހާފައިވާނެ އެވެ. މި ކޯޑުގެ އެހީގައި ޕްލާސްޓިކްގެ ވައްތަރާއި އެ ވައްތަރުގެ ޕްލާސްޓިކް ރިސައިކަލް ކުރުމުގެ ފަސޭހަކަން ދެނެގަނެވޭނެ އެވެ. 

ރިސައިކަލް ކުރުމަށް ފޮނުވުމުގެ ކުރިން ޕްލާސްޓިކް ފުޅިތަކެއް ވަކި ކުރަނީ. ޕްލާސްޓިކް ކުނީގެ ގޮތުގައި އެންމެ އާންމުކޮށް އުކާލާ ތަކެތީގެ ތެރޭގައި ޕެޓް ފުޅި ހިމެނޭ. (ފައިލް ފޮޓޯ/އޭޕީ)

އަހަރެމެންގެ ކަނޑުތަކާއި ފަޅުތަކާއި ވެށިން ފެންނަނީ ޕްލާސްޓިކު ތަކެތި ކުދިވަމުން ގޮސް އުފެދޭ ކުނޑިތަކެވެ. މި ކުނޑިތަކަކީ އޭގެ އަމިއްލަ ޒާތުގައި ފަނާވެގެންދާ އެއްޗެއް ނޫނެވެ. ސައިޒުން ކުދިވަމުން ދިޔަޔަސް ހުންނަނީ ހަމަ ޕްލާސްޓިކްގެ ގޮތުގަ އެވެ. 

އޯޝަން ޕްލާސްޓިކަކީ ރާއްޖޭގެ ގޮނޑުދޮށްތަކާއި ކަނޑާއި ފަރު ފަދަ ތަންތަން ހަލާކު ކޮށްލާނެ ވަރަށް ބޮޑު އެކައްޗެއް. އަދި އަހަރެމެންގެ މާހައުލުގައި އުޅޭ މަސްތައް ވެސް މި އެއްޗެހި ކޮންސިއުމް ކޮށްފިއްޔާ އެއިން ފުޑް ޗެއިންގެ ތެރެއަށް ވަދެ އަހަރެމެންނަށް ވެސް އޭގެ އަސަރު ކުރާނެ

މޯޕާގެ ކޯ-ފައުންޑަރު އަދި ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް

ލޮލަށް ނުފެންނަ ވަރަށް ކުޑަވެގެންދާ ޕްލާސްޓިކްގެ ޒައްރާތައް އެކިއެކި ދިރުންތަކުގެ ކާނާގެ ތެރެއިން ފުޑް ޗެއިނަށް ވަދެގެން މަސްމަހާމެއްސާއި ދޫނިސޫފާސޫފީގެ ބަނޑުތެރެއިން މައިކްރޯޕްލާސްޓިކް ފެންނަ ނިސްބަތް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އޭގެ ސަބަބުން އެ ދިރުންތަކަށް ލިބޭ ގެއްލުމުގެ އިތުރުން އެތަކެތި ކެއުމުން އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވެސް އެ ޕްލާސްޓިކްތައް ވަދެގެން ދެ އެވެ.

ޕްލާސްޓިކްގެ ސަބަބުން ބޮޑެތި އަނިޔާތަކެއް ލިބުނު ވެލައެއް ކަމަށްވާ 'އޭޕްރީލް' ފަރުވާ އަށް ފަހު މޫދުގައި. ޕްލާސްޓިކްގެ ސަބަބުން އަހަރެމެންގެ ވަށައިގެންވާ މާހައުލުގައި އުޅޭ ދިރުންތަކަށް އެކިވަރުގެ ގެއްލުންތައް ލިބޭ.

މިއީ ދުނިޔޭގައި ފުދޭވަރަކަށް އާ މައްސަލައެކެވެ. އެހެންކަމުން، މައިކްރޯޕްލާސްޓިކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުގެ އެންމެ ފުނަށް މިހާތަނަށް ރަނގަޅަށް ވާސިލުވެވިފައެއް ނުވެ އެވެ. މިކަމާ ބެހޭ ދިރާސާތައް ހަދާ ސައިންސްވެރިން ބުނާ ގޮތުގައި، ހަށިގަނޑަށް ގިނަ އަދަދަކަށް ޕްލާސްޓިކުގެ ޒައްރާތައް ވަންނަ ނަމަ ޔަގީނުން ވެސް ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ އެވެ.

ސިއްހީ ގެއްލުންތަކާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ އިތުރުން، ޕްލާސްޓިކްގެ މައްސަލައަކީ ރާއްޖެއަށް ވަރަށް ބޮޑެތި މާލީ ގެއްލުންތަކެއް ވެސް ކުރިމަތިކުރުވާނެ ކަމެކެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު ބިނާވެގެން ވަނީ އަހަރެމެންގެ ތިމާވެއްޓަށް. ޓޫރިސްޓުން ރާއްޖެއަށް އަންނަނީ އަހަރެމެންގެ ތިމާވެށީގެ ރީތިކަން ބަލައިލަން. އެހެންވީމަ އަހަރެމެންގެ ޖީޑީޕީގެ %60 އަށްވުރެ ބޮޑު ބައެއް އެބަ ގުޅިގެންދޭ ތިމާވެއްޓާ،" ތޯރިގް ވިދާޅުވި އެވެ.

"ރީތި ސާފު އަތިރިމަތިތަކާއި ސިއްހަތު ރަނގަޅު ފަޅުތަކާއި މޫދާއި ކަނޑުތައް ނެތި ހިނގައްޖެ ނަމަ ކޮންމެހެން [ޓޫރިސްޓުން] ރާއްޖެ އައުމުގެ ބޭނުމަކީ ކޮބާ؟" 

އެހެންކަމުން، އެންމެ އިސްކަމެއް ދީގެން ކުރަންވީ ކަމަކީ އަހަރެމެންގެ ވަށައިގެންވާ މާހައުލުގައިވާ ޕްލާސްޓިކް މަދުކޮށް، މާހައުލުގެ ތެރެއަށް ބޭރުވަމުންދާ މައިކްރޯޕްލާސްޓިކްގެ މިންވަރު ވެސް ދަށްކުރަން މަސައްކަތް ކުރުމެވެ.

އދ. މަންދޫގެ އިރުމަތީ ފަރާތު އަތިރިމަތި: ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގެ ރީތިކަމަށް ބޮޑު އަސަރެއް ކުރާނެ (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)

ބޭނުންކޮށްފައި އުކާލުމުގެ ވިސްނުން ދޫކޮށްލަންޖެހޭ

ރާއްޖޭގެ ސަރަހައްދަށް އޮޔާ އަންނަ މައިކްރޯޕްލާސްޓިކްގެ އިތުރުން މި ޖަޒީރާ މައިކްރޯޕްލާސްޓިކުން ތަގައްޔަރުވުމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުދަނާ ކުނި މެނޭޖު ކުރެވޭ ނިޒާމުތަކެއް ނެތުމެވެ. ގޮނޑުދޮށާއި މޫދާއި ކަނޑަށް ކުނިއެޅުމާއި އަންދަންނުވާ ޒާތުގެ ކުނި އެންދުން ފަދަ ކަންކަމުގެ ސަބަބުން މާހައުލުގެ ތެރެއަށް ގިނަ އަދަދެއްގެ މައިކްރޯޕްލާސްޓިކް މެދުނުކެނޑި ބޭރުވަމުން ދެ އެވެ.

ކުނީގެ ގޮތުގައި ރާއްޖޭގައި އަހަރަކު 43،000 ޓަނުގެ ޕްލާސްޓިކު އުފެދެ އެވެ. ވަޒަންކޮށްލާ ނަމަ އެއީ 23،000 އެއްހާ ކާރުގެ ބަރުދަނެވެ. އަމިއްލައަށް ކުދިކުދިވެގެން ދާން ދޫކޮށްލައިފި ނަމަ މިއީ ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެމެންގެ ފަޅުތަކާއި ކަނޑުތައް ތަގައްޔަރު ކުރާނެ މައިކްރޯޕްލާސްޓިކެވެ.

"ސައިންޓިސްޓުންގެ އެންމެ ފަހުގެ ހޯދުންތަކަށް ބަލާއިރު 2050 އަންނަން ވާއިރަށް މަހަށް ވުރެ ކަނޑުގައި ޕްލާސްޓިކް ގިނަވާނެ ކަމަށް އެބަ ބުނޭ [އެކަން ހުއްޓުވުމަށް] ކަމެއް ނުކޮށްފިއްޔާ،" ތޯރިގް ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުތަކުން ޕްލާސްޓިކް މަދުކުރުމުގެ އަމާޒުގައި 2020 ވަނަ އަހަރު ތޯރިގާއި އޭނާގެ އަނބިކަނބަލުން ލޫސިޔާން އަލިމަނިކު އުފެއްދެވި މޯޕާގެ އެންމެ ފުރަތަމަ ޕްރޮޖެކްޓު ޕެޓް ފުޅިތަކަށް އަމާޒުކުރީ މި ސަބަބަށްޓަކަ އެވެ.

'ޕްލާސްޓިކް ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓް'ގެ ނަމުގައި މޯޕާއިން ފަށައިގަތް ބޮޑު މަސައްކަތަކީ މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރަންޓު ފަދަ ތަންތަނުން ޕެޓް ޕްލާސްޓިކު އެއްކޮށް ރިސައިކަލް ކުރެވޭނެ ނިޒާމެއް ފަރުމާ ކުރުމުގެ މަސައްކަތެވެ. މިއީ އެންމެ އަވަހަށް، ފަސޭހަކަމާ އެކު، އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ގޮތް ކަމަށް މޯޕާއިން ގަބޫލު ކުރި އެވެ.

މޯޕާ އިން އެއްކުރި ޕްލާސްޓިކް ފުޅިތަކެއް: މިދިޔަ އަހަރު 1،000 ކިލޯއާ ގާތްކުރާ އަދަދަކަށް ޕެޓް ފުޅި އެއްކުރި. (ފޮޓޯ/މޯޕާ)

މޯޕާ އިން އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ކޮންމެ ދުވަހަކު އެއްކުރާ ޕެޓް ފުޅިތައް ރިސައިކަލް ކުރުމަށްޓަކައި ހަވާލުކުރަނީ ޕާލޭ މޯލްޑިވްސްއާ އެވެ. ޕާލޭއިން އެ ފުޅިތައް ރާއްޖޭން ބޭރުކޮށް އެކި ބްރޭންޑްތަކުގެ ބޫޓާއި އަންނައުނު ފަދަ، އާންމު ދިރިއުޅުމުގެ ބާވަތްތައް ތައްޔާރުކުރެ އެވެ.

މިހާރު މި ޕްރޮގްރާމުގައި މާލެ ސަރަހައްދުގެ 280 ތަނަކުން ޕެޓް ޕްލާސްޓިކު އެއްކުރެ އެވެ. ޑިސެމްބަރު 2020ގައި ފެށި މި ޕްރޮޖެކްޓުގެ ދަށުން މި އަހަރުގެ އޮގަސްޓުގެ ނިޔަލަށް މޯޕާއިން ވަނީ 70،000 ކިލޯގެ ޕެޓް ޕްލާސްޓިކް އެއްކޮށް، ރިސައިކަލް ކުރަން ފޮނުވާފަ އެވެ. މާލެ ސަރަހައްދުން މި ޕްރޮގްރާމަށް ލިބުނު ތަރުހީބާ އެކު މޯޕާއިން މިހާރު ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޕްރޮޖެކްޓު ހިންގުމުގެ މަސައްކަތް ކުރަމުންނެވެ.

ޕްލާސްޓިކް ރިސައިކަލް ކުރުމުގެ މަސައްކަތް މޯޕާއިން ކުރަމުން ދާއިރު ތޯރިގް ފާހަގަ ކުރެއްވި އެއް ކަމަކީ ބޭރަށް ފޮނުވައިގެން އެކަން ކުރުމުގެ ބަދަލުގައި ރާއްޖޭގައި ވެސް އެފަދަ ރަނގަޅު އިންތިޒާމްތަކެއް ގާއިމް ކުރުމުގެ މުހިއްމުކަމެވެ.

"އަދިވެސް ޕްލާސްޓިކް އެއްޗެހި ރިސައިކަލެއް ނުކުރެވޭ ރާއްޖެއަކު. އެހެންވީމަ ކޮބާތޯ ފީޒިބަލް ރިސައިކަލިން އޮޕްޝަންތަކަކީ ބަލަން ޖެހޭ. އަހަރެމެންގެ ބޭނުމަކީ މޯޕާ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ރީޗް ކުރެވިގެން ކަނޑަށް އެޅޭ ޕްލާސްޓިކް ކުންޏާއި ޕްލާސްޓިކް އެއްޗެހި މަދުކުރުމަށް، ނޫނިއްޔާ އެ އެއްޗެހި އެހެން ގޮތަކަށް މެނޭޖު ކުރުމަށް މަސައްކަތް ކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އާއި އެ އެލަޔަންސްގެ ބައިވެރިން އެއްކުރި ޕެޓް ފުޅިތަކެއް. މި ތަކެތި ރިސައިކަލް ކުރަން ހަވާލު ކުރަނީ ޕާލޭއާ. 

ކުނި ވަކި ކުރުން ކޮންމެހެން މުހިއްމު

ޕްލާސްޓިކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ވިޔަފާރިތަކުން ފެށިގެން ގޭބިސީތަކުން ވެސް ކުނި އުކާލާ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ތޯރިގް ވެސް ފާހަގަކުރެއްވީ އެކަމެވެ. ހަދާފައިވާ ގަވައިދުތައް ތަންފީޒު ކުރުމަށްޓަކައި މުޖުތަމައުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯޕާއިން ކުރިއަށްގެންދާ 'މޮޑެލް އައިލެންޑް ޕްރޮޖެކްޓް'ގެ ދަށުން މިކަމުގައި ނަމޫނާ ދައްކަމުންދާ ދ. ކުޑަހުވަދޫގައި ކޮކާކޯލާ އާއި ރާއްޖޭގައި އެ ކުންފުނީގެ ބޮޓްލިން ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީއާ ގުޅިގެން މޯޕާ އިން ވަނީ މި އަހަރުގެ ކުރީކޮޅު 'އޮން ދަ ގްރައުންޑް، އިން ދަ ސީ: ވޭސްޓް ސެގްރިގޭޝަން މޮޑެލް އައިލެންޑް ކުޑަހުވަދޫ'ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފަ އެވެ.

މި މޮޑެލްގެ ދަށުން ޕެޓް ފުޅި އެއްކޮށް ރިސައިކަލް ކުރުމުގެ އިތުރުން:

  • ކުނި މެނޭޖުކުރުމާއި ކުނި އުކާލުމުގެ ކުރިން ކުނި ވަކިކުރުމާއި ރިސައިކަލް ކުރުމާ ބެހޭ ގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގި؛ އެކަން ހާއްސަކޮށް އަމާޒު ކޮށްފައި ވަނީ ސްކޫލު ކުދިންނަށް

  • ކުނި މެނޭޖް ކުރުމުގެ ގަވައިދަށް ފެތޭ ގޮތަށް ކުނި ވަކިކޮށް އުކާލާނެ ގޮތް ދަސްކޮށްދިން

  • ކުޑަހުވަދޫގައި ރަނގަޅަށް ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމް ކުރުމަށްޓަކައި ވޭސްޓް މެނޭޖުމަންޓު ސެންޓަރުގައި އިންސިނަރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުން

މޯޕާއިން ކުޑަހުވަދޫގައި ހިންގި ޕްރޮގްރާމުގެ ކާމިޔާބީއާ އެކު އެ ރަށް ވެގެން ދިޔައީ ރާއްޖޭގައި ހަދާފައިވާ ކުނި ވަކިކުރުމުގެ ގަވައިދަށް ފުރިހަމައަށް އަމަލުކުރަން ފެށި ފުރަތަމަ ރަށަށެވެ. އެއާއެކު ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް އެފަދަ މަސައްކަތްތައް މޯޕާއިން ވަނީ ފަށައިފަ އެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން ދ. ކުޑަހުވަދޫގައި 17 ފެބްރުއަރީ 2022ގައި ފެށި ޕްރޮގްރާމްގެ ދަށުން އެ ރަށު ކައުންސިލާ ޑަސްބިން ހަވާލުކުރަނީ. (ފޮޓޯ/މޯޕާ)

މޯޕާއިން ހިންގާ ޕްރޮޖެކްޓުގެ ދަށުން ކުނި މައިގަނޑު ގޮތެއްގައި ބަހާލަނީ ހަތަރު ބަޔަކަށެވެ. އެއީ:

  • އޯގަނިކް ކުނި (އޭގެ ޒާތުގައި އަމިއްލައަށް ފަނާވެގެންދާ ކުނި)

  • ޕްލާސްޓިކް (ހަތް ބާވަތް ހިމެނޭ ގޮތަށް)

  • ދަގަނޑު އަދި ބިއްލޫރި

  • އެހެނިހެން (މަތީގައިވާ ކެޓަގަރީތަކަށް ނުފެތޭ ކުނި)

މިކަމުގެ ސަބަބުން، ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒަށް ކުނި ގެންދިއުމާއި އެ ތަނުގައި ކުނި ބެލެހެއްޓުމުގައި އިތުރަށް ފަސޭހަވެގެންދެ އެވެ. ހުރިހާ ޕްލާސްޓިކެއް އެހެން ކުނިތަކާ ވަކިން ހުރުމުން އޭގެ ވަކި ކެޓަގަރީތަކަށް ބަހާ ރިސައިކަލް ކުރަން ވެސް ފަސޭހަވެގެން ދެ އެވެ.

ރަށްރަށުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން ކުނި ވަކިކުރަން ފަށާފައިވާ އިރު، ޖޫން މަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބިސީތަކާއި ވިޔަފާރިތަކުން ވެސް ވަކި އުސޫލެއްގެ ދަށުން ކުނި ނެރެން އެންވަޔަރަމެންޓް މިނިސްޓްރީން އަންގާފައިވެ އެވެ. އަދި މި ގޮތަށް ކުނި ވަކިކޮށްފައި ނުނެރޭ ނަމަ ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ނަމަވެސް، މިހާތަނަށް މާލެ ސަރަހައްދުގައި އަދި ގިނަ ރަށްރަށުގައި ވެސް ކުނި މެނޭޖްކުރުމުގެ ކަންކަން ރަނގަޅަށް ތަންފީޒު ކުރެވިފައެއް ނުވެ އެވެ. މިއީ ރާއްޖޭގެ ކުނީގެ މައްސަލައަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ކުނި ވަކިކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި ތޯރިގް ވިދާޅުވީ ޕްލާސްޓިކްގެ މައްސަލަ ހައްލު ކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

"މާލޭގައި ވެސް ކުނި ވަކި ކުރާއިރު ހަމައެކަނި ޕްލާސްޓިކް ފުޅި ވަކި ކޮށްފަ ހުންނަތަން ފެންނަނީ. އެގޮތަށް ވެމްކޯ މީހުން ވެސް މި ނަގަނީ. ދެން ހުންނަ ހުރިހާ ކުންޏެއް އެއްކޮށްލަނީ. އެހެންވީމަ މިހާރު އޮންނަ ގަވައިދަށް ފެތޭބާއޭ ހިތަށް އަރާ. ޕްލާސްޓިކް [ހުރިހާ ބާވަތެއް] މުޅިން ވަކި ކޮށްގެން ވާނީ،" ތޯރިިގް ވިދާޅުވި އެވެ.

ކުނި ވަކި ކުރާނެ ގޮތްތަކާ މެދު ހޭލުންތެރިވެ، އެކަން ކުރަން އޮންނަ އެންމެ ރަނގަޅު ގޮތުގައި ކޮށްގެން ނޫނީ އެކަމުން އެދެވޭ ނަތީޖާއެއް ނުނުކުންނާނެ އެވެ. ހާލަތު ބަދަލުކުރަން ބޭނުން ނަމަ މިފަދަ ކަންކަމުގައި ފަރުދީ ޒިންމާ އަދާކުރަން މަޖުބޫރެވެ.

މާލޭގެ ގެއެއްގައި ތިން ބާވަތެއްގެ ކުނި ތިން ކޮތަޅުގައި ވަކިކޮށްފައި. ބައެއް ގޭބިސީތަކުން ރަނގަޅަށް ކުނި ވަކި ކުރިޔަސް ގިނަ މީހުން އެގޮތަށް އަމަލު ކުރާ ތަނެއް ނުފެނޭ (ފޮޓޯ/ވެމްކޯ)

"ރަނގަޅަށް ތަންފީޒު ކުރެވޭނެ ނިޒާމެއް ވަރަށް މުހިއްމު. އިމްޕްލިމެންޓް ކުރާއިރު ވެސް އެ ރިވިއު ކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އެކަން ކުރެވޭނެ އިތުރު ގޮތްތައް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް،" ކަމާބެހޭ އިދާރާތަކުގެ ޒިންމާ ވެސް އޮތްކަން ތޯރިގް ފާހަގަ ކުރެއްވި އެވެ.

"މޯޕާ ކަހަލަ ޅަ ޖަމިއްޔާ އަކަށް މުޅި ރާއްޖެއަކަށް މިކަމެއް ނުކުރެވޭނެ. މިއީ ފެށުމެއް. އަހަރެމެން ހަމަ ހިއްސާ ކުރަމުން ދާނަން، [މައުލޫމާތު] ބޭނުންވާ ހުރިހާ އެންމެންނަށް އަހަރެމެންގެ ތަޖުރިބާ."

ތޯރިގްގެ އެދުމަކީ މޯޕާއިން ކުރަމުންދާ މަސައްކަތުގެ އަލީގައި އެހެން ފަރާތްތަކުން ވެސް އިސްނަގައިގެން ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ގޮތަށް ކަންކަން ކުރިއަށް ގެންދިޔުމެވެ.

ދިރިއުޅުމުގެ އާދަތަކަށް ބަދަލެއް ބޭނުންވޭ

އަހަރެމެންނަށް މާ ބޮޑަށް ވިސްނާލުމެއް ނެތި ކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ދިގު މުއްދަތުގައި ތިމާވެއްޓަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. ދިރިއުޅުމުގައި ހުންނަ އެފަދަ ބައެއް އާދަތައް ބަދަލު ކޮށްލައިގެން ގެއްލުން ކުޑަކުރަން މަސައްކަތް ކުރެވިދާނެ އެވެ.

"މިސާލަކަށް ރާއްޖޭގައި އެންމެ ގިނައިން ބޭނުން ކުރާ އެކައްޗަކީ ކޮތަޅު. އެ ކޮތަޅު ވެސް އަލުން ބޭނުން ކުރުން ރަނގަޅު. މިސާލަކަށް ކޮންމެ ފަހަރަކު ފިހާރައަކުން އެއްޗެއް ގަންނަ އިރު އާ ކޮތަޅެއް ނެގުމުގެ ބަދަލުގައި ގޭގައި ހުންނަ ކޮތަޅު ބޭނުން ކުރުން ނުވަތަ ކޮޓަން ބޭގެއް ކަހަލަ އެއްޗެއް ގެންދެވިދާނެ،" ތޯރިގް ވިދާޅުވި އެވެ.

"މިހާރު ފިހާރަތަކުން ވެސް ކިތަންމެ ކުޑަ އެއްޗެއް ގަތަސް ކޮތަޅަކަށް ލާފައި މި ދެނީ. އެ ކޮތަޅު ބޭނުން ނުކޮށް 'ބާއްވާށޭ ތިމަންނައަށް މީތި އަތުން ގެންދެވިދާނޭ'، އެގޮތަށް އެންމެން ކަންތައް ކުރަން ފެށިޔަސް އޭރުން ކޮތަޅުގެ ބޭނުން އެ ދިޔައީ."

ޕްލާސްޓިކް ކޮތަޅުތަކެއްގައި މުދާ އުފުލަނީ

ޕްލާސްޓިކް މަދުކުރުމަށް ގެނެވިދާނެ ބައެއް ބަދަލުތަކަކީ:

  • ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެން ގަތުމުގެ ބަދަލުގައި ގޭގައި ވޯޓާ ޕިއުރިފަޔާއެއް ހަރުކުރުން؛ ބޭރަށް ދާއިރު ރިޔޫޒަބަލް ފުޅިއަކަށް ބޯފެން އަޅައިގެން ބޭނުން ކުރުން

  • އާންމުކޮށް ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ވައްތަރުތައް ދެނެގަނެ، އަލުން ބޭނުން ކުރެވޭ ފަދަ ތަކެތި ގެންގުޅުން (މިސާލު: ކޮތަޅު، އުލާއި ސަމުސާ، ކޮފީ ތަށި)

  • ބޭރުން ކާބޯތަކެތި ޑެލިވަރީ އުސޫލުން ގެނައުމުގެ ބަދަލުގައި ވީވަރަކުން ގޭގައި ކެއްކުން

  • ކުޑަކުދިން ކުޅޭ އެއްޗެހި އުކާލުމުގެ ބަދަލުގައި އާއިލާގެ އެހެން މީހެއްގެ ނުވަތަ ރައްޓެއްސެއްގެ ދަރިއަކަށް ދިނުން؛ އަބަދު އާ ތަކެތި ހޯދުމުގެ ބަދަލުގައި އަލުން ބޭނުންކުރަން އިސްކަން ދިނުން

  • ކުދިކުދި އެތިކޮޅުން ގަތުމުގެ ބަދަލުގައި ބަލްކް ކޮށް ގަނެވޭ ތަކެތި ގިނައިން ގަތުން

  • އެއްވެސް ހާލަތެއްގައި މޫދާއި ގޮނޑުދޮށަށް ކުނި ނޭޅުން؛ އަބަދުވެސް، ކުނި އުކަން ހާއްސަ ކުރެވިފައިވާ ތަނަށް ކުނި އުކާލުން

  • ކުނި އުކާލާއިރު ހާއްސަ ސަމާލުކަމެއް ދީގެން އެކި ބާވަތުގެ ކުނި ވަކި ކުރުން 

  • ކުނި މެނޭޖު ކުރުމަށާއި ޕްލާސްޓިކް މަދުކުރުމަށް ހަދާފައިވާ ގަވައިދުތަކަށް އަމަލުކުރުން

ބައެއް ޒާތުގެ ކުނި އެންމެ ރަނގަޅަށް މެނޭޖު ކުރެވޭނެ ނިޒާމުތައް އަދި ރާއްޖޭގައި ނެތްކަން ތޯރިގް ވެސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް އަހަރެމެންނަށް ރަނގަޅު ކުރެވެން ހުރި ކަންކަން ބަދަލުކޮށްލައިފި ނަމަ ހެޔޮ ބަދަލެއް ފެނިގެން ދާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"[ރާއްޖޭގައި ރަނގަޅަށް ޕްލާސްޓިކް މެނޭޖު ކުރާ ހިސާބަށް ދިޔައިމަ] ކޮންމެ ގެއެއްގައި ވެސް ރަނގަޅު ސެގްރިގޭޝަން ސިސްޓަމް ހުންނަން ޖެހޭނެ، ޕްލާސްޓިކް އެއްޗެހި ވަކިން ނެގެން ހުންނަން ޖެހޭނެ، ޕްލާސްޓިކް ރާއްޖޭގައި ރިސައިކަލް ކުރެވޭނެ ގޮތްތައް ހުންނަން ޖެހޭނެ، އަދި ރާއްޖޭގަ ކަނޑަށް އެޅޭ ޕްލާސްޓިކް ހުއްޓުވަން ޖެހޭނެ. ފަހަރެއްގައި މުޅިން ނުހުއްޓުވިދާނެ، އެކަމަކު ވަރަށް ބޮޑު ތަނުން މަދު ކުރެވެން ވާނެ،" އޭނާ ވިދާޅުވި އެވެ.

ތޯރިގްގެ އުންމީދަކީ އެ ހާލަތަށް ރާއްޖޭގެ ކަންކަން ބަދަލު ކުރެވުމެވެ.

ކޮމެންޓް (1)

ހަސަން

21 ނޮވެމްބަރު 2022
މިކަމުގެ އިމްޕެކްޓް، މިކަމަކީ ކިހާވަރެއްގެ ކަމެއްކަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ނުވިސްނޭކަމީ ދެރަކަމެއް. މިކަމައް އޮތް ހައްލަކީ ހަމަ އެވެއަރނެސް. ގިނަ ގިނައިން އެވެއަރނަސް ހިންގަން ޖެހޭ....މިކަމުގައި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންވެސް ޝާމިލުކުރަންޖެހޭ. އެންމެ ރަގަޅު ގޮތަކީ ސްކޫލް ކުދިންނަށް މިކަމުގެ މުހިންމުކަން ކިޔައިދިނުން ކަމުގައި ހަސަނަށް ފެންނަނީ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް