Majlis 2024

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރަނީ. (ފޮޓޯ/ރައީސް އޮފީސް)

ބުނި ބަހާއި އަމަލު ދިމައެއް ނުވި؛ 3 ބިލިއަންގެ އާ ލޯނާއި މަޝްރޫއު

ފަށާފައި ހުރި މަޝްރޫއުތައް ނޫން އާ މަޝްރޫއުތައް ނުފެށުމަށާއި މަޝްރޫއުތައް ހިންގަން އާ ލޯނުތައް ނެގުން މިވަގުތަށް މަޑުޖައްސާލާނެ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފައި
4 އޯގަސްޓު 2022

މިދިޔަ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތީ މިހާރު ފަށާފައި ހުރި މަޝްރޫއުތައް ނޫން އާ މަޝްރޫއުތައް ނުފެށުމަށާއި މަޝްރޫއުތައް ހިންގަން އާ ލޯނުތައް ނެގުން މިވަގުތަށް މަޑުޖައްސާލުމަށެވެ. އަދި ބަޖެޓްކޮށްފައި އޮތަސް ފައިސާ ހަމަނުޖެހޭ މަޝްރޫއުތައް ނުފެށުމަކީ ރައީސް ދެއްވި ޔަގީންކަމެކެވެ. ސަބަބަކަށް ވެފައި އޮތީ ދުނިޔޭގެ އިގްތިސާދަށް އަރަމުން އަންނަ ލޮޅުންތަކާ އެކު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނޭ ހީނަރުކަމުން ސަލާމަތްވާން ސަރުކާރުގެ ހަރަދުތައް ކުޑަކުުރުމެވެ. އަދި މިހާރު ވެސް ބޮޑުވެފައިވާ ދައުލަތުގެ ދަރަނި ހަންމަތަކުރުމަކީ ވެސް އެ ފިޔަވަޅު އަޅުއްވާ އަނެއް ސަބަބު ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު ރައީސް ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ފެނުނީ އެ ވައުދާ ދިމާ އިދިކޮޅަށް އަމަލު ކުރެއްވި ތަނެވެ. ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ގުޅިފައިވާ ބަޔާނުގައި އިއުލާން ކުރެއްވީ ރާއްޖޭގައި އިތުރު 2،000 ފްލެޓް އެޅުމަށް އިންޑިއާއިން 119 މިލިއަން ޑޮލަރު (1.8 ބިލިއަން ރުފިޔާ)ގެ ލޯނެއް ދޭން އެއްބަސްވި ކަމަށެވެ. އަދި އިންޑިއާއިން ލޯނު ދީގެން މިހާރު ވެސް ރާއްޖޭގައި ހިންގާ މަޝްރޫއުތައް އަވަސް ކުރުމަށް އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ ލޯނެއް ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ.  

ހަރަދު ކުޑަކުރުމުގެ ގޮތުން އާ މަޝްރޫއުތަކަށް ލޯނު ނުނެގުމަށް ސަރުކާރުން ވީ ވައުދަށް މިވީ ކިހިނެއް ހެއްޔެވެ؟

މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މި ދަނޑިވަޅުގައި އެ ނަގަނީ މުއްބާރު ކުރުމުގެ ސިޔާސަތުތަކެއް. ވީހާ ވެސް ބޮޑަށް ހަރަދު ކުޑަކުރުން. ދަރަނީގެ ރިސްކު މި ހުރިހާ ބޮޑު ވީމާ އެކަން ގައުމުތަކުން އެ ނުކޮށް ތިބީ. އަދި ރާއްޖެއިން މާ ބޮޑަށް ވިސްނަން ޖެހޭނެ.

އިގްތިސާދީ ދާއިރާގެ ބޭފުޅެއް

ސުވާލު އުފެދޭ ގޮތަށް ނަގާ ލޯނެއް

މަޝްރޫއުތައް އަވަސް ކުރުމަށް އިންޑިއާއިން ނެގި 100 މިލިއަން ޑޮލަރުގެ ލޯނާ މެދު އެންމެ ބޮޑަށް ސުވާލު އުފެއްދެވި އިގްތިސާދީ ދާއިރާގެ އެއް ބޭފުޅަކީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. އޭނާގެ ފޭސްބުކްގައި ލިޔުއްވި ގޮތުގައި، މަޝްރޫއުތައް އަވަސް ކުރުމަށް ގައުމަކުން އިތުރު ލޯނެއް ނެގި ކަމަށް އޭނާއަށް އެނގިވަޑައިގަތް މިއީ ފުރަތަމަ ފަހަރެވެ. އެކަމާ އޭނާ ކަންބޮޑުވެވަޑައިގަނެ އެވެ.

އިގްތިސާދީ ދާއިރާގެ އެހެން ބޭފުޅަކު ވެސް މުނައްވަރުގެ ވާހަކައަށް ތާއީދު ކުރައްވަމުން ވިދާޅުވީ މަޝްރޫއުތައް އަވަސްކުރަން އިތުރަށް ކޮންޓްރެކްޓަރަށް ފައިސާ ދިނުމުގެ ބަދަލުގައި ސަރުކާރުތަކުން އަބަދުވެސް ކުރާ ކަމަކީ މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ލުއިތައް ދިނުން ކަމަށެވެ. ނޫނީ ކުރިމަތިވާ ހުރަސްތައް ބެލުމަށް ފަހު އެ ކަންކަން ހައްލުކޮށްދިނުމެވެ. އިތުރަށް ފައިސާ ދީގެން މަޝްރޫއުތައް އަވަސް ކުުރުމަކީ ކޮށްއުޅޭ ޒާތުގެ ކަމެއް ނޫން ކަމަށް އޭނާ ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ.

"އިމްޕޯޓް ޑިއުޓީ ކަނޑާލަ ދިނުން، މަޝްރޫއު ނުނިމި ލަސްވުމުން މުއްދަތު އިތުރުކޮށްދިނުން. މި ކަހަލަ ކަންކަން ކޮށް އުޅެނީ މަޝްރޫއުތައް އަވަސްކުރަން. އިތުރަށް ލޯނު ނެގުމަކީ އެއީ ދެކޮޅުޖެހޭ ކަމެއް ނޫން. އަދި ހާއްސަ ގޮތެއްގައި އިގްތިސާދު މިކަހަލަ ފައްތަރެއްގައި އޮއްވާ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އިގްތިސާދީ ދާއިރާގެ އެ ބޭފުޅާ ވިދާޅުވި އެވެ.

އޭނާގެ އަނެއް ކަންބޮޑުވުމަކީ މުޅި ދުނިޔޭގެ އިގްތިސާދު ވާނުވާ މައްސަލަތަކެއްގެ ތެރޭގައި އޮތް އިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަރާފާނެ ކުއްލި ލޮޅުމަކުން ރާއްޖެއަށް ހުރި ދަރަނީގެ ނުރައްކާތައް މިވަގުތަށް ވެސް ބޮޑުވެފައިވުމެވެ. އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖެއިން ބޮޑެތި އަދަދުތަކުން އަނބުރާ ލޯނު ދައްކަން ޖެހޭ އިރު، އެ ކަމަށް ބޭނުންވާ ބޭރު ފައިސާ ރާއްޖެއިން ހޯދަން ޖެހެ އެވެ. އެ ފައިސާ ލިބެން އޮތީ ޓޫރިޒަމުން ކަމަށް ވާއިރު، އެ ސިނާއަތަށް ލޮޅުން އައުމުގެ ފުރުސަތު މި ދަނޑިވަޅުގައި ވަރަށް ބޮޑެވެ. އެ ނުރައްކާތައް ކުރިމަތީ އޮތް އިރު، މަތިމައްޗަށް ލޯނު ނަގަމުން ދިޔުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މި ދަނޑިވަޅުގައި އެ ނަގަނީ މުއްބާރު ކުރުމުގެ ސިޔާސަތުތަކެއް. ވީހާ ވެސް ބޮޑަށް ހަރަދު ކުޑަކުރުން. ދަރަނީގެ ރިސްކު ބޮޑު ވީމާ އެކަން ގައުމުތަކުން އެ ނުކޮށް ތިބީ. އަދި ރާއްޖެއިން މާ ބޮޑަށް ވިސްނަން ޖެހޭނެ،" އެ ތަޖުރިބާކާރު ވިދާޅުވި އެވެ.

ރައީސް ސޯލިހް އިންޑިއާށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިއްޔެ މުމްބާއީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2026 ގައި ރާއްޖެއިން 600 މިލިއަން ޑޮލަރު (9.4 ބިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަސްދުވަސް ނިމުނު އިރު ރާއްޖޭގެ ދަރަނި 98.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން %113ގެ ދަރަންޏެވެ. މިއީ އިގްތިސާދީ މިންގަނޑަކުން ބަލާ ނަމަ ވަރަށް ވެސް ބޮޑު މިންވަރެކެވެ.

ދެ ފުށެއް ނުފެނޭ؛ ފާރަވެރިއެއް ނުވެވޭ

އިގްތިސާދީ ދާއިރާގެ ބޭފުޅުންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މިފަހުން ނަގަމުން އަންނަ ބައެއް ލޯނުތަކުގެ މައުލޫމާތު ސަރުކާރުން ހާމަކުރަމުން ނުދިޔުމެވެ. ހާއްސަ ގޮތެއްގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި ހިންގާއިރު، އެ ކަމާ ގުޅިފާ ހުރި ދަރަނިތަކުގެ ތަފްސީލެއް ނޭނގެ އެވެ. އެ މަޝްރޫއުތައް ކުރިއަށްދާ މިންވަރެއް ވެސް ނޭނގެ އެވެ.

އެގްޒިމް ބޭންކުން އެންމެ ފަހުން ހާމަކުރި ގޮތުގައި، ރާއްޖެއަށް ދީފައިވާ 1.4 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން އަދި މިހާތަނަށް ރާއްޖެއަށް ދޫކޮށްފައި ވަނީ 133 މިލިއަން ޑޮލަރެވެ. އަދި 680 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއުތައް މިހާރު އެގްރިމަންޓްކޮށް ފަށާފައިވާ ކަމަށް ވެސް އެގްޒިމް ބޭންކުން ބުނެ އެވެ.

އިންޑިއާގެ ލޯނުން ހަރަދުކޮށްގެން އަޅާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ކޮންކްރީޓް އަޅަނީ. (ފޮޓޯ/އެސްޓީއޯ)

ކުރިން ވެސް ވާހަކަ ދެއްކެވި އިގްތިސާދީ ދާއިރާގެ ބޭފުޅާ ވިދާޅުވި ގޮތުގައި، އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ މީގެ ކުރިން އިންޑިއާގެ ކުންފުނިތަކުން ހިންގާފައިވާ މަޝްރޫއުތައް ތާވަލާ އެއްގޮތަށް ނިންމާފައި ނެތުމެވެ. އެކަމުގެ ސަބަބުން ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭއިރު ވެސް މަޝްރޫއުތައް ނުނިމި ހުރުމަކީ ދައުލަތަށް ބުރަ ބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ކުރިއަށް ދާ މަޝްރޫއުތައް ހިންގަނީ އިންޑިއާގެ ކުންފުނިތަކުން ކަމަށް ވާއިރު، އެކަމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ. އެހެންވެ، އިތުރު ހައުސިން މަޝްރޫއަކަށް އެގްޒިމް ބޭންކުން ލޯނު ދޭއިރު ވަގުތަށް ނިމޭނެތޯ އެއީ ސުވާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިޔާ ފްލެޓް ވެސް އެހެރީ ލަސްވެގެން ގޮސް ލޯނު ދައްކަން ޖެހުނު އިރު ވެސް އެ ތަނުން ކުލި ނުލިބުނު. ހައުސިން މުހިންމު ނަމަވެސް މި ދަނޑިވަޅުގައި ވަގުތަށް ނުނިމޭނެ ގޮތަކަށް ލޯނެއް ނަގައިގެން ހައުސިން މަޝްރޫއެއް ފެށުން ވެސް ބުއްދިވެރިއެއް ނޫން. އެ ދަރަނީގެ ބުރަ ދައުލަތަށް ނަގަން ޖެހޭނީ،"  އެ ބޭފުޅާ ވިދާޅުވި އެވެ.

ރާއްޖެއިން ދަރަނި ނަގާ ގޮތުގެ ކަންބޮޑުވުން ބޮޑުވެފައިވާ އިރު މުނައްވަރު ވިދާޅުވި ގޮތުގައި، ސަރުކާރުން ލޯނު ނަގާ ގޮތާ މެދު ސަރުކާރު ޒިންމާދާރު ކުރެވޭނެ މަގުތައް ވަނީ ބަންދުވެފަ އެވެ. ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑްކޮށްފައިވުމުގެ ނަތީޖާއަކީ އިދާރާތަކަށް ވެސް ސަރުކާރުން ދަރަނި އުފައްދާ ގޮތާ މެދު ސުވާލުކުރަން ޖާގަ ހަނިވުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރައްވަނީ ކޮވިޑަށް ފަހު ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ސަރުކާރުން ފައިސާ ޗާޕް ކުރަމުން އަންނަ އައުމަށެވެ. ލޯނު ނެގުމުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ގާނޫނުގައި ހުރި ހިފެހެއްޓުންތައް މިހާރު މާ ބޮޑަށް ކުޑަ ކަމަށް ވެސް މުނައްވަރު ގަބޫލުކުރައްވަ އެވެ.

"މިކަހަލަ ގައުމީ މައްސަލަތަކަށް ވުރެ އަޅުގަނޑުމެންގެ ފޯކަސް މި ހުރީ އެހެން ދިމާލަކަށް،" މުނައްވަރު ލިޔުއްވި އެވެ.

އޭނާ ވިދާޅުވަނީ ދަރަނި ބޮޑުވުމުގެ ގޮންޖެހުންތައް މިހާރު ވެސް ބޮޑު އިރު، އާ ދަރަނިތަކާ އެކު އެ ގޮންޖެހުންތައް އިތުރަށް ބޮޑުވާނެ ކަމަށެވެ. އެކަމަކު ސަރުކާރުން ކަންކަން ފޮރުވާ ކަމުގެ ތުހުމަތު ވެސް މުނައްވަރު ކުރައްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން އެކުލަވާލާފައިވާ ރާއްޖޭގެ ދަރަނީގެ އެނަލިސިސް ވެސް ވަނީ ހާމަނުކޮށް ފޮރުވައިފަ (މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ.) އެވެ. އެކަމަކު އެއީ އެކަން ވާން ޖެހޭ ގޮތް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

"މިކަންކަން މި ގޮތަށް ފޮރުވިފައި ހުރެގެން ނުވާނެ. އައިއެމްއެފްއިން އެކުލަވާލާފައިވާ ދަރަނީގެ ސަސްޓެއިނަބިލިޓީ ރިޕޯޓް ހާމަކުރަން ޖެހޭނެ،" މުނައްވަރު ވިދާޅުވި އެވެ.

ދަރަނި ނެގުމާއި ހަރަދު ކުޑަކުރުމުގެ ކަންކަމުގައި ސަރުކާރުން މިހާރަށް ވުރެ ބޮޑަށް ސީރިއަސްވާން ޖެހެ އެވެ. ބަހާއި އަމަލު ދިމާވާން ޖެހެ އެވެ. އެހެން ނޫނީ ކުރިމަތިވަމުން އަންނަ އިގްތިސާދީ ތޫފާނުން ސަލާމަތްވެ ރާއްޖޭގެ އިގްތިސާދުގެ މައްޗަށް އިތުބާރެއް ނުއުފެއްދޭނެ އެވެ. އެކަމަކު އިންޑިއާ ދަތުރުގައި ސޮއި ކުރި އާ ލޯނުތަކާ އެކު މި ފެނުނީ އެ މަންޒަރެއް ނޫނެވެ. އެ މަގަށް ކުރެވޭ މަސައްކަތެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް