Majlis 2024

ސައީދު އަދު ތޯރިގް: މަޖިލީހުގެ ޖަލްސާގައި އެކަކު އަނެއްކަމަށް ވަނީ ބަހުގެ ހަމަލާތަކެއް ދެއްވާފައި

ޕީޕީއެމްގެ އެތެރޭގެ ކޯޅުން މަޖިލިހަށް: ސައީދު ވިދާޅުވި ވާހަކައަށް ތޯރިގުގެ ރައްދެއް

ދެ ބޭފުޅުންގެ ވާހަކަ ހުރި ގޮތުން މައިތިރިވާން ޔާމީން ވަނީ އަންގަވާފައި

މުހިންމު ނުކުތާތައް

އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ސޯލިހަށް އަދީބު ދެއްވި ކަމަށް ސައީދު ވިދާޅުވީ ތޯރިގަށް ނިސްބަތްކޮށް

ތޯރިގު ރައްދު ދެއްވީ މާވަށު ދާއިރާ ކާމިޔާބުކުރައްވަން ސައީދު 22 މިލިއަން ރުފިޔާ ހޭދަކުރެއްވި ކަމަށް ވިދާޅުވެ

ޕީޕީއެމްގެ ސޯސްތަކުން ބުނަނީ ސައީދާއި ތޯރިގުގެ މެދުގައި ހިތްހަމަނުޖެހުން ބޮޑު ކަމަށް

އިދިކޮޅު މައި ޕާޓީ، ޕީޕީއެމް ކޯލިޝަންގެ މަހިބަދޫ ދާއިރާގެ އަހްމަދު ތޯރިގް (ޓޮމް) އާއި މަވަށު ދާއިރާގެ މުހައްމަދު ސައީދު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް، ފައިސާއާ ގުޅުވައިގެން، 'މަލާމާތު'ގެ ބަސްތަކެއް ރައްދުކުރައްވައިފި އެވެ. މިއީ ޕީޕީއެމް އެތެރޭގައި އޮތް ހިޔާލު ތަފާތުވުން މަޖިލިހަށް ތިލަވި ފުރަތަމަ ފަހަރެވެ.

މައްަސަލައިގެ ހުލާސާ - ޕީޕީއެމްގެ އެތެރޭގައި އޮތް ކޯޅުމެއްގައި މި ދެ މެންބަރުން ނިސްބަތްވަނީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ދެ ފެކްޝަނަކަށެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމެއް އައިސް، ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވޭ ގޮތް ނުވެއްޖެ ނަމަ، ޕީޕީއެމްގެ ޓިކެޓް ލިބުން ކައިރި ބޭފުޅުންގެ ތެރެއިން ސައީދާއި ތޯރިގު ތާއީދުކުރައްވަނީ ވަކި ދެ ބޭފުޅަކަށް ކަމަށް، އެތެރޭގެ މައުލޫމާތު ހުރި މަސްދަރުތަކުން 'ދައުރު'އަށް ބުންޏެވެ.

މަޖިލިހުގައި ބަހުގެ ފުރަތަމަ ހަމަލާ އައީ ސައީދުގެ ފަރާތުން ތޯރިގަށް، އިއްޔެ އެވެ. އެއަށް ރައްދު ދެއްވުމުގެ ގޮތުން ތޯރިގު ބޭނުންކުރެއްވީ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވި ފުރުސަތެވެ. 

ތަފްސީލު - މާލޭގައި ކާރު ރަޖިސްޓްރީކުރަން ބޭނުންވާ ގަރާޖު ސިޓީ އުވާލަން ހުށަހަޅާފައިވާ އޮތް ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި ސަރުކާރު ގެންނަން ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރު ވަރަށް ބޮޑު އެއްޗެއް ހޭދަކުރެއްވި ކަމަށާއި 2018ގެ އިންތިހާބު ކާމިޔާބުކުރަން މުޅިން ވެސް ދެއްކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ކަމަށެވެ.

ތޯރިގުގެ ނަން ގެންނަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހުކުމް އައިސްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، އެމްއެމްޕީއާރުސީގެ ފައިސާ ދެއްވި ކަމަށް ވިދާޅުވި ވާހަކާ ހަމައިންނެވެ.

ސައީދު ވިދާޅުވީ އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މަޖިލީހުގެ މެންބަރުންނަށް ގުޅުއްވާފައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައީސް ސޯލިހަށް ދިން ކަމަށް ވިދާޅުވާ ކަމަށެވެ. އަދި އެ ވާހަކަ މަޖިލީހުގައި ދެއްކެވުމަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން އަދީބުގެ އެކިއެކި ސޯސްތަކަށް އަންގަވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިއްޔެ އަޅުގަނޑަށް ދެންނެވި [މާވަށު ދާއިރާގެ މެންބަރުކަމަށް] އައިސް މި އިނީ ބާވީހަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮންޓްރެކްޓް އުސޫލުންނޭ

އަހްމަދު ތޯރިގް/ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު

އެ ސޯސްތަކުގެ ތެރޭގައި ތޯރިގު ހިމެނޭ މޭރުމަކުން ވާހަކަ ދައްކަވަން ފެއްޓެވީ އޭގެ ފަހުންނެވެ.

"މި ތަނުގެ އެކިއެކި އިއްޒަތްތެރި މެންބަރުންނަށް [އަދީބު] ގުޅައިގެން ކަންނޭނގެ، އެ ބުނަނީ ރައީސް ސޯލިހް ނެންގެވިއޭ މިހާ އަދަދެއްގެ ފައިސާ. ތިރީސް ކިހާ ވަރެއްތޯ؟ މަހިބަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އެ ވިދާޅުވަނީ 37 މިލިއަނެއްގެ ވާހަކަ،" ސައީދު ވިދާޅުވި އެވެ.

ސައީދު މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޯޓޯ/ މަޖިލީސް)

އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގި އިރު އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި ހުންނެވި ރައީސް ސޯލިހަށް، އަދީބު އެވަރުގެ އަދަދެއްގެ ފައިސާ ދެއްވިކަމަށް، މަޖިލިހުގެ ޖަލްސާއެއްގައި އެއްވެސް އިރަކު ތޯރިގު ވިދާޅުވެފައެއް ނުވެ އެވެ. މިއަދުގެ ޖަލްސާގައި ސައީދަށް ތޯރިގު ރައްދު ދެއްވީ އޭނާއަށް އިޝާރަތްކުރައްވާ އެގޮތަށް ވާހަކަ ދެއްކެވުމުން ކަމަށް، ޕީޕީއެމްގެ އެތެރޭގެ މައުލޫމާތު ހުރި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

"ސައީދު މެންބަރުކަމަށް އައީ 22 މިލިއަން ރުފިޔާ ހަރަދުކޮށްގެން"

މިއަދުގެ ތަޅުމުގައި ބަހުސް އޮތީ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަށެވެ. 

ތޯރިގަށް ވުރެ ކުރިން މި ބިލަށް ސައީދު ވާހަކަ ދެއްކެވީ އެ އިސްލާހާ ދެކޮޅަށެވެ. އެކަމަކު ތޯރިގު ވާހަކަ ދެއްކެވީ އިސްލާހާ އެއްކޮޅަށެވެ. 

ތޯރިގު ވިދާޅުވީ މެމްބަރުން އިންތިހާބުކުރާ އިރު އެ ދާއިރާއަކަށް ނިސްބަތްވާ ބޭފުޅަކަށް ވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ދާއިރާއާ ނުގުޅޭ ބޭފުޅުން ހޮވުމުން އެ ދާއިރާގެ ރައްޔިތުންގެ އިހުސާސްތައް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވަމުން މިސާލު ނެންގެވީ ގާސިމްގެ ޕާޓީ ޖޭޕީން އިންތިހާބުވި އދ. ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ސައީދެވެ.

"އަޅުގަނޑުގެ ދާއިރާއާ ޖެހިގެން އޮތް ދާއިރާގައި ހިމެނޭ ރަށްތަކަށް ވާތީ މި ދަންނަވާލަނީ. އެ ރައްޔިތުންގެ ޝަކުވާތަކެއް ހުންނާތީ އަދިއަދަށް ދާންދެން ވެސް. ޖުމްހޫރީ ޕާޓީގެ ފަރާތުން ދަނގެތީ ދާއިރާއަށް އޭރު އިންތިހާބު ކުރި މެންބަރު ވަނީ ޕާޓީއެއް އުފައްދައިގެން ގޮސްފައި،" ނާޒިމަށް ނިސްބަތްކުރައްވައި ތޯރިގް ވިދާޅުވި އެވެ. 

މަޖިލިސް ޖަލްސާއެއްގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ސައީދުގެ މިސާލު ގެންނެވީ އޭގެ ފަހުންނެވެ. ތޯރިގު ވިދާޅުވީ މާވަށު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ 22 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން ކަމަށް ސައީދު އޭނާގެ އަރިހު ވިދާޅުވި ކަމަށެވެ. 

"އެމީހާގެ ވޯޓު އެ މީހާގެ ފޮށްޓަށް ނުލެވޭ މީހުން ރައްޔިތުންގެ މަޖިލީހަށް ނައިމަ ރަނގަޅުވާނީ. އެ ރައްޔިތުންގެ އިހްސާސްތަކެއް ނުހުރޭ. މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު އިއްޔެ އަޅުގަނޑަށް ދެންނެވި [މާވަށު ދާއިރާގެ މެންބަރުކަމަށް] އައިސް މި އިނީ ބާވީހަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮންޓްރެކްޓް އުސޫލުންނޭ،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ހަރަދުކޮށްގެން މެމްބަރުން އިންތިހާބުކުރުމުން "ދާއިރާގެ ރައްޔިތުންނާ ދޭތެރޭ އަސަރެއް، ކުލުނެއް" ނުހުންނަ ކަމަށެވެ.

ސައީދަކީ ހއ. އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ސައީދާއި ތޯރިގުގެ ކޯޅުން މައިތިރިކުރަން ޔާމީން އެންގެވި

ޕީޕީއެމްގެ ޖަލްސާއެއްގެ ތެރެއިން ޔާމީން: ސައީދާއި ތޯރިގްގެ ކޯޅުން މައިތިރިކުރަން އެމަނިކުފާނު ވަނީ އަންގަވާފައި. (ފޮޓޯ/އަބްދުﷲ އަބީދު)

ޕީޕީއެމްގެ ސެނެޓްގެ މެންބަރަކު، ނަން ނުޖަހާ ގޮތަށް، 'ދައުރު'އަށް ވިދާޅުވީ ސައީދާއި ތޯރިގާ ދެމެދު ދޭތެރެ ދޭތެރެއިން ކޯޅުން ބޮޑުވާ ކަމަށެވެ. އަދި މަޖިލީހުގައި މި ގޮތަށް ދެ ބޭފުޅުން ބަހުގެ ހަމަލާތަކެއް ދެއްވުމުން ޔާމީން ވަނީ ނަސޭހަތްދެއްވާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ވަނީ އަންގަވާފައި ސައީދާއި ޓޮމް [ތޯރިގް]ގެ ކޯޅުން މައިތިރިކުރަން،" ސެނެޓްގެ މެމްބަރު ވިދާޅުވި އެވެ.

މިއީ މަޖިލިސް ތެރޭގައި ޕީޕީއެމް ކޯލިޝަންގެ މެމްބަރުން އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތަކެއް ދެއްވި ފުރަތަމަ ފަހަރެވެ.

އެކަމަކު ޕީޕީއެމްގެ އެތެރޭގައި ކޯޅުންތަކެއް އޮތްކަން ޝޯޝަލް މީޑިއާއަށް މި ފަހުން ވަނީ ތިލަފަ އެވެ. އެ ތިލަވުން އައީ ޕާޓީގެ ހަޒާންދާރު އަދި ޔާމީންއާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހްމަދު މުސްތަފާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

ޔާމީންގެ ސަރުކާރުގައި މުލިއާގޭގެ ޗީފް އޮފް ސްޓާފްކަން ކުރެއްވި މުސްތަފާ ޓްވީޓްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް ނިސްބަތްކުރައްވާ 'ޓިނު އަދުރޭ'އޭ ވިދާޅުވެ މަލާމާތްކުރެއްވި އެވެ. އެކަމާ ގުޅިގެން ޕާޓީގެ އެތެރޭގައި އެ މައްސަލަ ހޫނުވެ، މުސްތަފާއަށް ފިޔަވަޅު އަޅަން ވެސް ޕާޓީގެ އިސް ވެރިންގެ ވަޓްސްއެޕް ގްރޫޕްގައި ބައެއް ބޭފުޅުން ގޮވާލެއްވި އެވެ.

ފަހުން މުސްތަފާ ވިދާޅުވީ އެއީ މަޖާޒީ ގޮތެއްގައި ކުރެއްވި ޓްވީޓެއް ކަމަށެވެ. 

ކޮމެންޓް (2)

ތެފައާސާ

15 ސެޕްޓެމްބަރު 2022
ޓޮމްވެސް ސައީދުވެސް ލާރިއޭ ކިޔައިގެން ވާހަކަ ނުދެއްކިއްޔާ އަހަރެމެން ޕީޕީއެމް މީހުންނަށް ބޮޑަށް ރަނގަޅީ. އެމްއެމްޕީއާރުސީގެ ފައިސާއިން ބްރޯ ކައިރީ ކިޔައިގެން ނެގީ ކިހާ އަދަދުތަކެއްކަން ދެނެތިބި މީހުން ދެނެތިބި. ހުޅުމާލޭ ފޭސް 1 ގައި ވޯޓާރ ތީމް ޕާކެއް ހަދާށެކިޔައިގެން މެލޭޝިއާ ބަޔަކަށް ބޮޑު ސިންގާ ބިމެއް ދީގެން އެ ޑީލް ތެރެއިން ނެގީ ކިހާ އަދަދުތަކެއްކަންވެސް ދެނެތިބި މީހުން ދެނެތިބި.
0 0

މުޖުތާޒު

15 ސެޕްޓެމްބަރު 2022
÷ޕީޕީއެމް ތެރެއިން ދުވަހަކުވެސް ތިމަންޒަރެށްނުފެންނާނެ އެއަށްވުރެ މާބަދަހި ލަޝްކަރެއް ޕީޕީއެމްގައޮތީ އެކަން ހަޖަމުނުކުރެވޭބަޔަކު މަޖިލީހުގެ ތެރޭގަޔާއެބަތިބި ﷲގެ ހެޔޮރަހުމަތުން 2023 ގަ ރައީސްކަމުގެ ގޮޑީގަ އިށީދެވަޑިއިގަންނަވާނީ އަބުދުއްﷲ ޔާމީން ޢަބުދުލް ގައްޔޫމު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް