ބައްޔަކަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވި މީހަކާއި ޑޮކްޓަރަކު ވާހަކަދައްކަނީ (ފޮޓޯ/އައިޖީއެމްއެޗް)

ސިއްހަތު

ޑޮކްޓަރު އޯގާތެރިތަ؟ ނޫނީ ހިތްދަތިކޮށްލީތަ؟

ޑރ. ފައިސަލްގެ ފުރަތަމަ ސުވާލާ އެކު ޑޮކްޓަރުންގެ އެތައް މައްސަލަތަކެއް ފާހަގަވި އިރު ދެވަނަ ސުވާލުގެ ޖަވާބުތަކުން އޭގެ އަނެއްކޮޅު ދައްކައިދިން

ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް މިދިޔަ ހަފްތާގައި ޓްވިޓާގައި ސުވާލެއް ކުރެއްވި އެވެ: "ޑޮކްޓަރު ބުނާ ބަހަކުން ބައެއް ފަހަރު ހިތްމަރުވެދޭ. އެކަހަލަ ބަސްތައް އަހަރެމެންނަށް އެބަޖެހޭ އެނގެން. އެކަހަލަ ބަހެއް އަޑުއަހަންޖެހުނު ނަމަ އެ ބަހަކީ ކޮބާ؟"

"'ދެން މަށަށް ކީއްކުރަން ދެއްކީ ތި. މަށާ ބެހޭ ކަމެއް ނޫނެއްނު. ބެހޭ މީހަކަށް ދައްކަން ދޭ.' މި ވެސް ރާއްޖޭގެ ނަން މަޝްހޫރު ފިޒިޝަންއެއް އުމުުރުން +60 މީހަކާ ދިމާލަށް ބުނި އަޑު އިވުނު ބަސްކޮޅެއް،" ޖަވާބުގައި އަހުމަދު ރިޝާމް ޓްވީޓްކުރި އެވެ.

ޖެހިގެން އައި ދުވަހު ޑރ. ފައިސަލް އެދިވަޑައިގަތީ އޭގެ އަނެއްކޮޅު ކިޔައިދިނުމަށެވެ: "[ޑޮކްޓަރުން] ކަންތައް ކުރާ ގޮތުން ހިތްހަމަޖެހޭ އެތައް ފަހަރެއް އަންނާނެ. އެކަހަލަ ކަމެއް ބުނެލަދީބަލަ!"

"ހިނިތުންވެ ވާހަކަ ދެއްކީތީ އެވެ. ހިތްވަރުދީ ބަލިމީހާއަށް އެހިތެރިވެދޭން އަބަދުވެސް ހުރިކަމަށް ބުނީތީ އެވެ. ބޮޑުވަރުވަންޏާ ގުޅަން ބުނެ ބަލިމީހާއަށް އިތުބާރުކޮށް އަމިއްލަ ނަމްބަރު ދިނީތީ އެވެ. ﷲގެ އިރާދަފުޅުން ގުޅަން ނުޖެހި އެކަމުން އަރައިގަނެވުނެވެ،" މީހަކު ޖަވާބު ދިނެވެ.

ޑޮކްޓަރުން ބަލިމީހުންނާ ދޭތެރޭ ހިތާ ގޮތް ބެއްލެވުމަށް ޑރ. ފައިސަލް ކުރެއްވި ދެ ސުވާލުގެ ޖަވާބުތަކުން ވެސް ގިނަ ވާހަކަތަކަކާއި ތަޖުރިބާތައް ހާމަވި އެވެ. ގޯސް ކަންކަމާއި ރަނގަޅު ކަންކަމެވެ. ހިތްފަޅައިގެންދާ ވަރަށް ދެރަކޮށްލުމާއި ހިތްފުރޭ ވަރަށް އޯގާވެރިވުމެވެ. ބަލިމީހުންނަށް ބައެއް ޑޮކްޓަރުންގެ ފަރާތުން ބޮޑެތި މައްސަލަތައް ފެނުނު އިރު އަނެއް ބައި ޑޮކްޓަރުންގެ ފަރާތުން ފާހަގަކުރެވުނީ ހިދުމަތުގެ ފުރިހަމަކަމެވެ. 

ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް އައިޖީއެމްއެޗުގެ ސިމްޕޯޒިއަމްއެއްގައި މިދިޔަ އަހަރު ޕްރެޒެންޓޭޝަނެއް ދެއްވަނީ: އޭނާ ޓްވިޓާގައި އާއްމުންނާ ކުރެއްވީ މުހިއްމު ދެ ސުވާލެއް (ފޮޓޯ/އައިޖީއެމްއެޗު)

މަމްދޫހު ނަސީމްގެ ޓްވީޓުގައި ކިޔައިދިނީ ވާގިނެތިފައިވާ ބައްޕައާ ދިމާލަށް، އަމިއްލައަށް އެއް ކަމެއް ވެސް ނުކުރެވޭނެއޭ ޑޮކްޓަރަކު ބުނި ދުވަހުގެ ވާހަކަ އެވެ.

"މިހާރު [އޭގެ ފަހުން] 10 އަހަރު. ބައްޕަ ކަނީ އަމިއްލައަށް. އެ ދުވަހު ބައްޕައަށް ރޮވުނު. އަހަރެން ބައްޕަ ހޮސްޕިޓަލުން ނެރެގެން އަމިއްލައަށް ބޭރަށް ގެންދިޔައީ،" މަމްދޫހު ލިޔެފައިވެ އެވެ.

އޭގެ އަނެއްކޮޅުން އަހުމަދު ފަޒީލް ކިޔައިދިނީ ބައްޕަ އިމަޖެންސީއަށް ގެންދަން ޖެހުނު ދުވަހަކު ގޮތްހުސްވެފައި ހުއްޓާ ޑޮކްޓަރަކު އައިސް އޭނާއާ ދެއްކި ވާހަކަތަކުން ލިބުނު ހިތްވަރެވެ.

"އޭގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވި،" ފަޒީލްގެ ޓްވީޓްގައި ބުންޏެވެ.

މާބަނޑު ދުވަސްވަރު ދިނީ ހިތްދަތިކަން

ޑރ. ފައިސަލްގެ ފުރަތަމަ ސުވާލަށް އިޖާބަދިން އަންހެނުން ގިނައިން ދެއްކީ މާބަނޑުއިރު ކުރަން ޖެހުނު ހިތި ތަޖުރިބާތަކުގެ ވާހަކަ އެވެ. ގިނަ ބަޔަކު ވަނީ ބައިގެންދާނެ ކަމަށް ޑޮކްޓަރުން ބުނި ދަރިން ސަލާމަތުން އުފަންވެ، ދުނިޔޭގައި ތިބި ވާހަކަ ކިޔައިދީފަ އެވެ.

ލުބްނާގެ ބަނޑަށް 25 ހަފްތާގައި ލޭ އަންނަން ފެށުމުން އިމަޖެންސީއަށް ދައްކަން ދިޔަ އެވެ. އޭނާގެ ޓްވީޓްގައި ބުނިގޮތުގައި އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކު، ވާނުވާ އެއްގޮތަކަށް ވެސް ނުބަލާ، ބައިގެންދިޔުމަކީ ކޮންމެ މީހަކަށް، ކޮންމެ އިރަކު ވެސް ކުރިމަތިވެދާނެ ކަމެއް ކަމަށް ބުނެލީ އެވެ.

"އަހަރެންގެ ދަރިފުޅު ވިހެއީ 37 ހަފްތާގައި،" ދަރިފުޅު ބައިގެންނުދާކަން ބުނެދިނުމަށް ލުބްނާގެ ޓްވީޓްގައި ލިޔުނެވެ.

ދަރިއަކު ނުލިބިގެން އަހަރުތަކެއް ވަންދެން ފަރުވާ ހޯދަން ޖެހުނު މީހަކު ވެސް އޭނާއަށް ދިމާވި ގޮތް ކިޔައިދިނެވެ. އޭނާ ބުނިގޮތުގައި އެންމެ ފަހުން އައިވީއެފް ކާމިޔާބުވެގެން ރާއްޖެ އިން ބޭރުން މާލެ އައިސް ހުއްޓާ ލޭ އަންނާތީ ހޮސްޕިޓަލަށް ދިޔަ ނަމަވެސް ޑޮކްޓަރުން ފަރުވާއެއް ނުދިނެވެ. އޭނާ ގާތު ވެސް، ބައިގެންދިޔުމަކީ ވެދާނެ ކަމެއް ކަމަށް ބުނެފައި ނިންމާލީ އެވެ. އެކަމަކު ވެސް ޖެހިގެން އައި ދުވަހު ފަރުވާއަށް ބެންގަލޫރަށް ފުރީ ކަމަށާއި ލިބުނު ފިރިހެން ދަރިފުޅަށް މިހާރު 7 އަހަރު ކަމަށް އެ މީހާ ބުންޏެވެ.

ދެ ޑޮކްޓަރަކު ދެ ގޮތަށް ވާހަކަދެއްކި ތަޖުރިބާއެއް ވެސް އެކަކު ކުރި އެވެ. ޝިމްލާ ބުނިގޮތުގައި އޭނާގެ ބަނޑަށް ފަސް މަހުގައި މައްސަލަތަކެއް ދިމާވެގެން ފުރަތަމަ ދެއްކި ހޮސްޕިޓަލުގެ ޑޮކްޓަރު ބުނީ އިރާދަކުރެއްވިއްޔާ ދަރިފުޅު ދިރިއޮންނާނެ ކަމަށެވެ. އެކަމަކު އަނެއް ހޮސްޕިޓަލުގެ ޑޮކްޓަރުގެ ވާހަކައަކަށްވީ "ތި ބޭބީ އެބޯޓްވާނެ" ކަމެވެ.

"އަލްހަމްދުﷲ. އޭނާއަށް 3 އަހަރު ފުރިއްޖެ،" ޝިމްލާ ޓްވީޓްކުރި އެވެ.

ފާތުމަތު ޝިފްޒާ ކިޔައިދިނީ ބޮޑު ނުކުޅެދުންތެރިކަމެއް ހުރެދާނެ ކަމަށް ބުނެ، ދަރިވައްޓާލަން ޑޮކްޓަރަކު ލަފާދިން ގޮތުގެ ވާހަކަ އެވެ. އޭނާގެ ބަނޑަށް ފަސް މަހުގައި، ދަރިފުޅުގެ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނެވެ.

"ދެން ޑޮކްޓަރު ބުނީ ތި ކުއްޖާ ދެން ދުނިޔެއަށް އަޔަސް ހިނގާބިނގާވެ ނޯމަލް ދިރިއުޅުމެއް އުޅެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތޭ. ތި ކުއްޖާ އެބޯޓްކޮށްލުމޭ އެންމެ ބުއްދިވެރީ. އަހަރެންގެ ދަރިފުޅަށް 3 އަހަރު ފުރިއްޖެ، އޭޑީއެޗްޑީ ހުރޭ އެކަމަކު ބަރާބަރަށް ހިނގައި، ދުވެ ހަދާ،" ޝިފްޒާ ޓްވީޓްކުރި އެވެ. 

ރީޝާއަށް ދިމާވި ގޮތް ތަފާތެވެ. ރީޝާ ބުނިގޮތުގައި 16 ހަފްތާ ވެފައި ވަނިކޮށް، ބަނޑުގައި ޓިއުމަރެއް އިންކަން އެނގި ކަންބޮޑުވެގެން ވާހަކަދެއްކުމުން އޭނާއާ ދިމާލަށް ބުނީ "ދެން މާ ވަރަކުންނޭ ތިއުޅެނީ، މިޒަމާނުގައި ބޭބީ ބަނޑުގައި ބާއްވާފައި ވެސް ތިކަހަލަ ސާޖަރީ ކުރެވެއޭ" އެވެ. އޭގެ ދެ ހަފްތާ ފަހުން ކުއްޖާ ބައިގެންދިޔައީ އެވެ.

ރީޝާ އިތުރު ޓްވީޓެއްގައި ބުނިގޮތުގައި އޭނާއަށް އެތައް ކަމަކާ ކުރިމަތިލާން ޖެހި، ރާއްޖޭގެ ސިއްހީ ނިޒާމަށް އިތުބާރު ގެއްލިއްޖެ އެވެ. ގިނަ އޮޕަރޭޝަންތަކެއް ކޮށް، ފަރުވާ ހޯދަން ޖެހުނު އިރު ކުރިމަތިވި މާޔޫސްކަމާ އެކު އޭނާ ހުރީ ރާއްޖެ އިން އިތުރު ހިދުމަތެއް ނުހޯދައި ފުރައިގެން ބޭރަށް ދެވެންދެން މަޑުކޮށްގެންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުން ހިދުމަތް ހޯދައިގެން މީހުން ނުކުންނަނީ.

'ހާދަ ފަލައޭ' އަދި އެމްސީ ހޯދަން އުޅޭ ކަމުގެ ތުހުމަތު

އެކަކުގެ ޓްވީޓްގައި ބުނި ގޮތުގައި "ހާދަ ފަލައޭ، ފަރުވާ ކުޑައީ، ދެން ރަނގަޅެއް ނުވާނެ، މުޅި އުމުރަށް ތި ހާލުގައި، ތިމަކަށް ދެން ފަރުވާއެއް ނެތް، އުއްމީދެއް ނެތް" ފަދަ، ދެރަވާ ބަސްބަސް ޑޮކްޓަރުން ބުނެ އެވެ.

އެހެން މީހަކު ކިޔައިދިނީ ދަރިއަކު ނުލިބޭތީ އަންހެނުންގެ ޑޮކްޓަރަކަށް ދެއްކި ރަހުމަތްތެރިއަކާ ދޭތެރޭ ޑޮކްޓަރު ހިތި ގޮތެވެ. ހައްވާ ޒިމްނާ ބުނިގޮތުގައި އެކުވެރިޔާއާ ދިމާލަށް ޑޮކްޓަރު ބުނީ "ހާދަ ފަލައޭ، ތިކަމެއް ނުވާނެ"އޭ އެވެ.

ބައެއް ފިރިހެނުންނަށް، ޑޮކްޓަރަށް ދައްކަން ދިޔުމުން ކުރިމަތިލާން ޖެހުނީ ސަލާމުގެ ސެޓްފިކެޓް ހޯދަން އުޅޭ ކަމުގެ ތުހުމަތާ އެވެ. އަބްދުﷲ ނަދީމް ޓްވީޓްކުރި ގޮތުގައި "ތިޔަ އައީ އެމްސީއެއް ހޯދަން ދޯ"އޭ ޑޮކްޓަރު އޭނާއާ ދިމާލަށް ބުނެލީ ވާ ގޮތް އިތުރަށް ބަލައިލުމެއް ވެސް ނެތި އެވެ.

"'ދިމާލަށް އަދި ނުބުނޭ އެކަމަކު އެހެން މީހެއް ކައިރީ ބުނި އަޑު އިވުނު 'އެއީ އެމްސީ ހޯދަން އައި ސޮރެއް'،" އެހެން މީހަކު ޓްވީޓްކުރި އެވެ.

އަންހެނަކު، އޭނާގެ ދަރިފުޅަށް 2 އަހަރުގައި ދިމާވި ކަމެއްގެ ވާހަކަ ކިޔައިދިނެވެ. އޭނާ ބުނިގޮތުގައި ދަރިފުޅުގެ ހަށިގަނޑުގައި ހީމޯގްލޯބިން މާ ބޮޑަށް ދަށްވެފައި ހުރިކަން އެނގުމާ އެކު ޑޮކްޓަރު ބުނެލީ އެ ކުއްޖާ "ދުނިޔޭގައި ހުރީ ވެސް ކިހިނަކުން" ހެއްޔޭ އެވެ. އެ ކުއްޖާއަށް މިހާރު 5 އަހަރެވެ. އޭރު އެ ވީ ކިހިނެއް ކަމެއް ނުހޯދުނެވެ.

އެހެން ތަޖުރިބާއެކެވެ: "'ކުރިން ވެސް އޮތް މިތާ ހަމަ ތިހެން ދިމާވި ޕޭޝެންޓެއް. އޭނަ ވެސް ދުވަސްކޮޅެއް ވެފައި މަރުވީ.' މިފަދަ ގޮތަކަށް ވާހަކަދެއްކީ،" އަމީނާ ޓްވީޓްކުރި އެވެ.

ޑައިޓީޝަން އާސިޔާ އަބްދުއްރަހުމާން ވަނީ މިފަހުން އޭނާއަށް ދައްކަން ދިޔަ އަންހެނަކަށް ދިމާވި ގޮތުން އޭނާއަށް ކުރެއްވުނު އިހުސާސްގެ ވާހަކަ ކިޔައިދެއްވައިފަ އެވެ. އާސިޔާ ވިދާޅުވި ގޮތުގައި އުފެދުމުގައި ހިތުގެ ބަލި ހުންނަ ދަރިފުޅުގެ ބަރުދަން އިތުރުކުރަން ޖެހޭ ކަމަށް ކުޑަކުދިންގެ ޑޮކްޓަރަކު އެ އަންހެންމީހާ ގާތު ބުންޏެވެ.

"އަޅުގަނޑު ދެރަވި ކަމަކީ، އޭނާގެ ޕީޑިއެޓްރިޝަން އޭނާ ކައިރީ ބުނީ ކުއްޖާގެ ބަރުދަން އިތުރުކުރަން ޑައިޓީޝަނަކަށް ނުދައްކާށޭ، އެކަން ކުރާނެ ގޮތެއް ޑައިޓީޝަނަކަށް ނޭނގޭނެއޭ،" އާސިޔާގެ ޓްވީޓުގައި ލިޔުއްވި އެވެ.

އިތުރު ތަޖުރިބާއެކެވެ: "ޑަކްޓަރު ގާތު ބުނީ ކޮލެސްޓްރޯލް މަތިވީ ޑައިޓެއްގެ ސަބަބުންނޭ، ކޮން ޑައިޓެއްހޭ ނާހާ ޑަކްޓަރު ބުނީ އެއްވެސް ޑައިޓަކުން ކޮލެސްޓްރޯލް މައްޗަކަށް ނުދާނެއޭ، ހިތްމަރުވީ ޑަކްޓަރަށް 'ޑައިޓަކީ' ކޯޗެއްކަން ނޭނގޭކަން އިހުސާސްވީމަ، އިތުރަށް ދެރަވީ، އެވާހަކަ ޑަކްޓަރު އަހަން ވެސް ބޭނުން ނޫންވީމަ،" އަލީ ނާފިޒު ޓްވީޓްކުރި އެވެ.

ދައްކާ ވާހަކަ އަޑު ނޭހުން: ބޮޑު ޝަކުވާއެއް

ޑޮކްޓަރުން ރަނގަޅަށް އަޑުނާހާތީ އާއި ވާނުވާ ހޯދަން ނޫޅެ ފަރުވާކުޑަކޮށްލާތީ އާއްމުންގެ ހިތްހަމަނުޖެހުން ބޮޑުކަން ޓްވީޓްތަކުން އެނގެ އެވެ.

އެކަކު ބުނިގޮތުގައި "އަހަރެމެން ދައްކަން އުޅޭ ވާހަކައެއްގެ އަޑު ޑޮކްޓަރުން ދުވަހަކު ވެސް ނާހާކަން" ފާހަގަކުރެވެ އެވެ. އޭނާ ބުނީ ޑޮކްޓަރު އަޑު ނާހައި، ކޮންމެވެސް އެއްޗެއް ހީކޮށްލަނީ ކަމަށާއި މާ ބޮޑު ކަމަކަށް ނަހަދައި ދެ ކޮނޑު އަރުވާލުމަށް ފަހު، ބަލިމީހާ "ގޫގްލްކުރަނީ" ކަމަށް ތުހުމަތުކުރާ ކަމަށެވެ. އެކަމަކު އެންމެ ފަހުން ގޮސް ގޫގްލްކުރަން ޖެހެނީ ވެސް، އޭނާ ބުނިގޮތުގައި، ޑޮކްޓަރުން އަޑުނާހާތީ އެވެ.

އެހެން މީހަކު ވެސް ބުނިގޮތުގައި އޭނާ އެންމެ ހިތްހަމަނުޖެހެނީ ބަލިމީހާ ދައްކާ ވާހަކަ ރަނގަޅަށް އަޑު ނާހައި އަދި އެއްޗެކޭ ވެސް ބުނެނުލައި އަވަސްއަވަހަށް ބޭސް ސިޓީ ލިޔެދީފައި ފޮނުވާލާ ޑޮކްޓަރުންނާ މެދު އެވެ.

އެންމެ ބޮޑު ހިތްހަމަޖެހުން: ހިތްހެޔޮކަން

ޑރ. ފައިސަލްގެ ފުރަތަމަ ސުވާލާ އެކު ޑޮކްޓަރުންގެ އެތައް މައްސަލަތަކެއް ފާހަގަވި އިރު ދެވަނަ ސުވާލުގެ ޖަވާބުތަކުން އޭގެ އަނެއްކޮޅު ދައްކައިދެ އެވެ. އޯގާތެރި، ރަނގަޅު ޑޮކްޓަރުން އުޅޭކަން ގިނަ ބައެއްގެ ތަޖުރިބާ އިން ވަނީ ކިޔައިދީފަ އެވެ.

"އަވަސް އަރުވާލާފައި ނުބަލާކަން، ވަރަށް އޯގާތެރިކޮށް ވާހަކަދެއްކުން، މާ ކުރީގައި ދައްކާފައި ހުއްޓަސް އެ މީހާ އެނގޭކަން. މިހެން ގޮސް އެތައް ކަމެއް،" ކަށީގެ ޑޮކްޓަރަކާ ބެހޭ ގޮތުން މަރިޔަމް ޒުބައިރު ޓްވީޓްކުރި އެވެ.

"ޓްވިޓާ އިން މެސެޖުކޮށްލުމުން ވަރަށް ހަމްބްލްކޮށް ރިޕްލައިކޮށްލުން. މިއީ ވެވޭ ވަރަށް ބޮޑު އެހީއެއް،" އެހެން މީހަކު ބުންޏެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރުން ކ. މާފުށީ ސިއްހީ މަރުކަޒަށް ކުރި ޒިޔާރަތެއްގައި ޑޮކްޓަރަށް ދައްކަން ގެންދިޔަ ކުޑަކުއްޖަކު ބަލަނީ (ފޮޓޯ/އައިޖީއެމްއެޗް)

ސަނާ ސަލީމް ކިޔައިދިނީ ހިނިތުންވެލާފައި ސަލާން ގޮވާލާ ޑޮކްޓަރުންގެ ފަރާތުން އޭނާގެ މާމައަށް ލިބޭ އުފަލުގެ ވާހަކަ އެވެ.

ވަރަށް މޫޑު ގޯސްވެފައި ހުއްޓާ ޑޮކްޓަރު "ވަރަށް ލޯބިން އޯގާތެރިކޮށް ވާހަކަ ދެއްކި ދުވަސް" އެއީ އަޒްލީމް އެންމެ ރަނގަޅު ތަޖުރިބާ އެވެ.

އެކަކަށް، ހިތްހަމަޖެހުމަކީ ޑޮކްޓަރު ގަޑިއަށް ބަލަން ފެށުމެވެ. 

އަޅާލުންތެރިކަމުގައި ވަކިން ބޮޑަށް ފާހަގަކުރެވޭ ޑޮކްޓަރުންތަކެއް ތިބިކަން ވެސް އެކި މީހުންގެ ވާހަކައިން ހާމަވެ އެވެ. އޭގެ ތެރޭގައި ޑރ. ފައިސަލް ހިމެނެ އެވެ. އަދި ޑރ. އަލީ ނިޔާފް އާއި ޑރ. މުހައްމަދު އަލީ ވެސް ގިނަ ބައެއްގެ ރަނގަޅު ލިސްޓަށް ވަނީ އަރައިފަ އެވެ.

ޑރ. ފައިސަލްގެ ދެ ސުވާލަށް އާއްމުން ދިން ޖަވާބުތަކުން އެއް ކަމެއް ސާފެވެ. އެންމެން ވެސް އެދެނީ ޑޮކްޓަރުން ހިތްހެޔޮކަމާއި ހިތްތިރިކަމާ އެކު ބަލިމީހުންނާ މުއާމަލާތުކުރުމެވެ. ދައްކާ ވާހަކަ ކަނުލާ އަޑުއަހައި އެ މީހެއްގެ ހާލަތަށް ސަމާލުކަންދިނުމާއި ބަލިމީހާއާ ދޭތެރޭ ފަރުވާބެހެއްޓުމެވެ.

ކޮމެންޓް (1)

އަބުޅޯ

12 އޭޕްރީލު 2022
އޯގާތެރި ޑޮކްޓަރުން އެންމެ ބެސްޓީ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް