ޝަމާ އޭނާގެ ވާހަކަ 'ދައުރު' އަށް ކިޔައިދެނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދިރިއުޅުން ބަދަލުކޮށްލި ތަދާއި ވޭން: ރިހުމެއްގައި، އެކަމަކު ރޫހަށް ގެނުވި އުފާވެރިކަމެއްގައި

އެންޑޯމީޓްރީއޯސިސްގެ ވޭނާއި އުނދަގުލާ ހަނގުރާމަކުރަމުން ދަރިއަކު ހޯދަން ޝަމާ ހެދި ހަތް އައިވީއެފް ވެސް މިހާތަނަށް ވީ ނާކާމިޔާބު. އެކަމަކު އޭނާގެ އުއްމީދު ގެއްލިގެންނެއް ނުދޭ
13 ސެޕްޓެމްބަރު 2022
3

މިއީ ދަރިމައިވުމުގެ މައްސަލަތަކާ ބެހޭ ގޮތުން 'ދައުރު'ން ފަށާފައިވާ ސިލްސިލާ ރިޕޯޓްތަކުގެ ތެރެއިން ތިން ވަނަ ރިޕޯޓެވެ. މިއިން ކޮންމެ ރިޕޯޓަކުން ވެސް ލިބެނީ އުއްމީދެވެ. ހިތްވަރެވެ. ދަސްކޮށްދެނީ ނާއުއްމީދުނުވުމަށެވެ.

އެއީ އޮކްޓޯބަރު 2013 އެވެ. ހައްޖު ދުވަހު ރޯދައަށް ތިބެންވެގެން ޝަމާ ޝިހާމް އާއި އޭނާގެ ފިރިމީހާ ނޫޒާން އަލީ ހާރުކައިގެން ގޮސް އެނދަށް އެރި ގޮތަށް ގަދަ ނިންޖެއްގައި ބަނދެވުނީ އެވެ. އެ ނިދީގައިވީ އިރެއް ބުނާކަށް ނޭނގެ އެވެ. އެހެން ތިއްބައި ނޫޒާނަށް ކުއްލިއަކަށް ހޭލެވުނީ މީހަކު ނިކަން ބާރަށް ރޮއި ހޭރިގަތް އަޑުފަށްގަނޑަށެވެ.

ފުންމައިގެން ތެދުވެ ބަލައިލިއިރު ބަނޑުކޮޅުގައި އަތްއަޅައިގެން ވޭނުގައި އޮތް ޝަމާ ހީވަނީ މަރަށް ތެޅެމުންދިޔަހެންނެވެ.

"ތޫނު ތަދެއް ކުއްލިއަކަށް އަރައިގެން އަޅުގަނޑަށް ހޭލެވުނީ. ހީވީ ހަމަ އަސްލަށް ވެސް މީހަކު ބަނޑުކޮޅަށް ވަޅިއެއް ހަރާލައި، މަސްގަނޑު ތެރެއިން އަނބުރާލައިގެން ގެންގޮސް އުނަގަނޑާ ދިމާލުން ފޫއަޅުވާލިހެން،" ޝަމާ ކިޔައިދިނެވެ.

ނަމަވެސް ޝަމާގެ ބަނޑުގެ ބޭރު ފުށުގައި އެފަދަ އެއްވެސް ޒަހަމެއް އަދި ލޭގެ އަސަރެއް ވެސް ނެތެވެ.

ނޫޒާން ހާސްވެ ތެޅިގަތެވެ. ފުންމައިގެން ތެދުވި ގޮތަށް އަންހެނުން ގޮވައިގެން އޭނާ ދުއްވައިގަތީ އޭޑީކޭގެ އިމަޖެންސީއަށެވެ. އޭރު މެންދަމުން އަލިވެ ގާތްގަނޑަކަށް 3 ޖަހަނީ އެވެ.

އެތަނުގައި ޓެސްޓްތައް ހެދުމަށް ފަހު އެންމެ ފުރަތަމަ އެމީހުން ލަފާކުރީ ޝަމާގެ އެޕެންޑިކްސްއަށް ސީރިއަސް މައްސަލައެއް ދިމާވެގެން އުޅެނީ ކަމަށެވެ.

"ދެން އިމަޖެންސީއޭ ކިޔާފައި، ވަގުތުން އޮޕަރޭޝަން ކުރަން އެބަ ޖެހެއޭ ކިޔާފައި، ހަޒްބަންޑް ލައްވައި ލިޔެކިޔުންތަކުގައި ސޮއިކުރުވަން ފަށައިފި،" ޝަމާ ކިޔައިދިނެވެ.

"ދެން ހަޒްބަންޑް ޕެނިކްވެއްޖެ. ވަގުތުން އޮޕަރޭޝަންކޮށް އެ ހުރިހާ ހަރަދެއް ކުރާނެ ލާރިއެއް އަހަރެމެންގެ އަތަކު ނެތް. އެންމެ ފަހުން ބައްޕަމެންނަށް ގުޅައިގެން މާލީ ގޮތުން އެހީތެރިވާނެ ކަމަށް ބުނެގެން ހަޒްބަންޑް އެ ހުރިހާ ލިޔެކިޔުންތަކެއްގައި ސޮއިކޮށްފި، އޮޕަރޭޝަން ކުރަންވެގެން."

އެއާ އެކު އޮޕަރޭޝަން ޑޮކްޓަރު ވެސް އަތުވެއްޖެ އެވެ. ފުލުފުލުގައި ޓެސްޓުތައް ހަދަމުން ބާރުގަދަ ބޭސްތަކާއި އިންޖެކްޝަންތަކުން ޝަމާ އާއި އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން މައިތިރިކުރަމުން ދަނިކޮށް ދެން ލިބުނީ މުޅިން އައު ހަބަރެކެވެ.

"އޮޕަރޭޝަން ޑޮކްޓަރު ބަލައި ޗެކުކޮށްފައި ބުނެފި އެޕެންޑިކްސްގެ މައްސަލައެއް ނެތޭ، ކޮންމެވެސް އެހެން ކަމެކޭ މި އުޅެނީ."

އެއަށް ފަހު ޒުވާން މި ދެމަފިރިންނާ ބައްދަލުކުރީ ކުރިން ދުވަހަކު ވެސް ތަޖުރިބާކޮށްފައިނުވާ ވަރުގެ ޝޮކެކެވެ.

"އިތުރު ޓެސްޓްތައް ހަދައިގެން ރިޕޯޓްތައް ލިބުމާ އެކު ދެއްކީ އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް. ރިޕޯޓްތައް ބަލާފައި ޑޮކްޓަރު ބުނީ އަޅުގަނޑަށް ވަނީ އޯވޭރިއަން ކެންސަރު ޖެހިފައޭ."

އެ ހިސާބުން ހުރެވުނުތަން ވެސް ޝަމާއަކަށް ނޭނގުނެވެ. ހުއްޓުން އަރައި ގަބުވެ ހުރިހާ އައްޔެއް ކުއްލިއަކަށް ނިވިގެން ދިޔައީ އެވެ.

ނަމަވެސް އެއީ ނުބައި ޑައިގްނޯސިސްއެކެވެ.

ޝަމާ އިންޓަވިއު ދެނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

"ކެންސަރު ޖެހިފައޭ ބުނީމަ އަޅުގަނޑަށް ހަމަ ގަބޫލުނުކުރެވިގެން ގޮސް ދެއްކީ [އަންހެނުންގެ ހާއްސަ] ޑރ. އަސީލަށް. ދެއްކީމަ އެއްވެސް ޓެސްޓް ރިޕޯޓްތަކެއް ނުބަލައި ސުވާލުކުރަމުން ދިޔައީ އަޅުގަނޑުގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއި ފެންނަ އަލާމާތްތަކާ ބެހޭ ގޮތުން،" ފިނިކޮށްލާފައި އޮތް މީޓިން ރޫމުގައި އިނދެ ޝަމާ ކިޔައިދިނެވެ.

"ދެން އަޅުގަނޑަށް ދިމާވާ ހުރިހާ ކަމެއް ކިޔައިދިނީމަ ޑޮކްޓަރު ބުނެފި، އަލާމާތްތަކުން އެންމެ ބޮޑަށް ހީވަނީ އެންޑޯމީޓްރީއޯސިސް ހެންނޭ. އެއީ އަލަށް ވެސް އެންޑޯމީޓްރީއޯސިސްއޭ މީހަކު ބުނި އަޑު އިވުނު ފުރަތަމަ ފަހަރު."

ޑޮކްޓަރު ލަފާ ދިނީ އެންޑޯމީޓްރީއޯސިސްތޯ ޔަގީންކުރުމަށް ލެޕަރޮސްކޯޕީ (މަސްގަނޑު ފަޅާނުލައި، ފޫއަޅުވާލައިގެން، ކެމެރާ ބޭނުންކޮށްގެންކުރާ އޮޕަރޭޝަނެއް) ވަގުތުން ހެދުމަށެވެ. ނަމަވެސް އައިޖީއެމްއެޗުގައި އޭރު އޮތް ބޮޑު ކިޔޫއެއްގައި ނުޖެހެންވެގެން ޝަމާ އާއި އޭނާގެ ފިރިމީހާ ފުރައިގެން ދިޔައީ ސްރީ ލަންކާގެ ޑާޑަންސް ހޮސްޕިޓަލަށެވެ.

އެއީ 2014 ވަނަ އަހަރެވެ.

އެތަނުގައި ހެދި ޓެސްޓްތަކަށް ފަހު އެންޑޯމީޓްރީއޯސިސް އަށް ޝަމާ ޑައިގްނޯސްކުރީ ސްޓޭޖު 4ގަ އެވެ. އަބަދަށް ބަލަމުން ތަބާވަމުން އައި ސަމުގާއާ ބީރައްޓެހި ކަނޑަކަށް ޝަމާ ކުއްލިއަކަށް ޖަހައިގެން ގެންދިޔަ ހިސާބަކީ މި އެވެ. ދިރިއުޅުން ކުއްލިއަކަށް ބަނަކޮށްލި ތޫފާނާ ކުރިމަތިލުން ނޫން އެހެން ގޮތެއް ނެތްކަން އޭނާ އަށް ޔަގީންވި ހިސާބަކީ މި އެވެ. އަދި މި ދަތުރުގައި އެނބުރި އައުމެއް ނެތްކަން ގަބޫލުކޮށް ފިރިމީހާގެ އަތުގައި ހިފައި އޭނާ ބާރުކޮށްގަތެވެ. – ދެ މީހުން ވީހާ ވެސް އަވަހަކަށް ދަރިއަކު ހޯދުމަށް ޑޮކްޓަރުން ދިން ލަފަ އާއި އިންޒާރުތަކާ ގުޅިގެންނެވެ.

ނޫޒާން އާއި ޝަމާ

ފުރަތަމަ އެއްވެސް ޕްލޭނެއް ނެތް، ދެން ޖެހުނީ ހުރިހާ ކަމެއް ޕްލޭންކުރަން

ޝަމާ އާއި ނޫޒާންގެ ލޯތްބަށް 15 އަހަރު ފުރުނީ އެވެ. ދެ މީހުން ސޯޝަލް މީޑިއާ އިން ބައްދަލުވެ، ޗެޓު ލޮގްތަކުގައި ފޮޅުވި މާ ބަގީޗާ ފަނޑުވެ ނުދާނޭހެން ދެ މީހުންގެ ހަނދާނާއި ހިތާއި ޖިސްމުގައި ރައްކާކޮށްދިނީ ދެ މީހުންގެ އަލަތު ކައިވެންޏެވެ. އުމުރުން މިހާރު 35 އަހަރު ވެފައިވާ ދެ ޒުވާނުންގެ ކައިވެންޏަށް މިއީ 10 ވަނަ އަހަރެވެ.

މާލެއަށް އުފަން ޝަމާ މިވަގުތު މަސައްކަތްކުރަނީ އެޗްއެސްބީސީ މާލޭ ބްރާންޗުގައި ރިލޭޝަންޝިޕް މެނޭޖަރަކަށެވެ. އޭނާގެ ފިރިމީހާ މަސައްކަތްކުރަނީ އައިޓީ ދާއިރާގަ އެވެ. ޒިންމާދާރު ވަޒީފާތަކާއި ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކެވެ. ދިރިއުޅުމުގެ ގަވާއިދުތަކާއި ވަކި ކަހަލަ އުސޫލުތަކެކެވެ. ނަމަވެސް ޝަމާ ބުނީ ދެ މީހުން އެކުގައި މި ދަތުރަށް ފުންމާލިއިރު ވެސް އަދި އޭގެ ފަހުން ވެސް އެމީހުންގެ އަތުގައި ދުވަހަކު ވެސް ޕްލޭނެއް ނެތް ކަމަށެވެ. އަދި އޭނާ ސިފަކުރި ގޮތުން ނަމަ ދެ މީހުންގެ ދެމެދުގައި އޮތް ނަލަ ސަޅި ކެމިސްޓްރީ އާއި ލޯބީގެ ގުޅުމުގައި ވީ އެންމެ ބޮޑު ސިއްރަކީ ވެސް، ޕްލޭނެއް ނެތުމެވެ.

"ވީ ވެންޓް ވިތު ދަ ފްލޯ. އެއްވެސް ލޭބަލެއް ނުދީ އެންމެ ފުރަތަމަ އުޅުނީ ވެސް،" ޝަމާ ބުނެލި އެވެ.

"ފަނަރަ އަހަރު މި ގުޅުމަށް ވީއިރު ވެސް އަޅުގަނޑު ބުނާނީ އޭގެ ސިއްރަކީ އޭރަކު ޖެހުނު ވަޔާއި އޮޔާ އެކުގައި ދެ މީހުން ވެސް އެއްވަރަކަށް ދިއުމޭ."

ދެ މީހުން ގުނަމުން ދިޔަ ދުވަސްތައް ގެތެމުން ފުރޮޅެމުން، އުފާވެރިކަމުގައި ދެ މީހުން ބަނދެވެމުން ކޮއްޕަމުން ގެންދިޔައީ ޕްލޭނެއް ނެތަސް، ދެ މީހުން ވެސް ބޭނުންވި ދިމާލަށެވެ. – ވަރަށް އުފާވެރި ހަޔާތަކަށެވެ. ދިރިއުޅުމަކަށެވެ.

"އެހެންވީމަ ކުއްޖަކު ހޯދާކަށް ވެސް އަސްލު ޕްލޭނެއް ނުކުރަން އަޅުގަނޑުމެންނެއް. އެހެން އުޅެނިކޮށް އެންމެ ފަހުން އެންޑޯމީޓްރީއޯސިސް އަށް ޑައިގްނޯސްކުރީމަ ވެސް އަސްލު ހިތަކަށް ނާރާ މިވަރުގެ ބޮޑު ކަމަކަށް މިކަން ބަދަލުވެދާނެއެކޭ ވެސް."

ނަމަވެސް ޑޮކްޓަރުގެ އިންޒާރާ އެކު، ދިރިއުޅުމުގެ ފިކުރުތައް ކުއްލިއަކަށް ބަދަލުކުރަން މަޖުބޫރުވީ އެވެ. އަދި މި އިންޒާރުގެ ރަނގަބީލު މީގެ އެތައް އަހަރެއް ކުރިން ވެސް ޝަމާގެ ހަޔާތް އޭނާއަށް ކޮންމެ މަހަކު އެއްފަހަރު ދެމުން ދިޔަކަން ކުއްލިއަކަށް ވިސްނުނީ ދެނެވެ.

ނޫޒާން އާއި ޝަމާ

"ހަޒްބަންޑާ ދިމާވުމުގެ އަދި މާ ކުރިން ވެސް ޕީރިއަޑް ޕެއިން އެއީ ވަރަށް އާދަޔާހިލާފަށް ވޭން ގަދަވެ ވޭންއަރުވާ ތަޖުރިބާއެއް އަޅުގަނޑަށް އަބަދުވެސް. އެކަމަކު ހިތަށްއަރަނީ އެއީ ޕީރިއަޑްވީމަ ޕީރިއަޑް ޕެއިންއޭ. ކޮންމެ އަންހެނަކަށް ވެސް ހަމަ އެގޮތަށް އަހަންނާ އެއްވަރަކަށް ތަދުވާނެއޭ. އެގޮތަށް ގަބޫލުކުރެވިފައި އޮތީ،" ދިރިއުޅުން ބަދަލުކޮށްލި ބައްޔަށް ޑައިގްނޯސްވުމުގެ މާ ކުރިން ތަޖުރިބާކުރި އެކަމަކު އަލާމާތްތަކެއް ކަމަށް ގަބޫލުނުކުރެވުނު ސިފަތައް ކިޔައިދެމުން ޝަމާ ބުންޏެވެ.

"ހިތަށް އަރަނީ ޕެނަޑޯލް ގުޅައެއް ކާލީމަ ތަދު ފިލައިގެން ހިނގައިދާނެއޭ. ދެން ތަދުވިޔަސް އެ ވާހަކަ އެހާ ބޮޑަށް ދައްކާނެ ކަމެއް ނެތޭ. ކެތްކޮށްލައިގެން ހުންނާނީއޭ. އެއީ ވިސްނިފައި އޮތް ގޮތަކީ."

"އޭރު ޕީރިއަޑް ވެސް ހަމަ ރެގިއުލާ. އެކަމަކު އެ ތަދު، އެއީ އާދައިގެ ތަދެއް ނޫން. މިހެން މިގޮތަށް ކިޔައިދޭން، ބަޔާންކޮށްދޭން ވެސް ނޭނގޭ ވަރުގެ ތަދެއް އެއީ. ފެއިންޓްވެގެން ވެއްޓޭ ވަރުވޭ އެ ތަދު އަންނައިރު."

"ނުވެސް ހިނގޭނެ، ރަނގަޅަކަށް ފިޔަވަޅެއް ނޭޅޭނެ. ހޮޑު ވެސް ލެވޭނެ."

ނަމަވެސް އުމުރުން 17 އަހަރުގައި އެކަން މާ ބޮޑު ކަމަކަށް ނުވި އެވެ. އަދި އޭގެ ދެ ތިން އަހަރު ފަހުން ވެސް އެކަން މައްސަލައަކަށް ނުވި އެވެ. ނުވަތަ ތަދުވިޔަސް، އެކަން މާ ބޮޑު ކަމަކަށް ހަދަން އޭނާ ބޭނުން ނުވީ އެވެ. ނުވެސް ކެރުނީ އެވެ.

މި ވޭނުގެ ސިލްސިލާއަށް މުޅިން އައު ބޮޅެއް އިތުރުވީ އަލަތު ކައިވެންޏާ އެކު އެވެ. ޝަމާ ކިޔައިދިނީ މިހެންނެވެ.

"މެރިޖާ އެކު ސެކްޝުއަލް ލައިފް އެގޮތަށް އެކްޓިވްވީމަ ތަދު އިތުރުވާން ފެށީ. ޕީރިއަޑްގެ ތަދުގެ އިތުރުން އިންޓަކޯސްގައި ވެސް އާދަޔާހިލާފަށް ތަދުވާން ފެށީ. އެކަމަކު އޭރަކު އަދި ހިތަކަށް ވެސް ނާރާ މިއީ މިކަހަލަ މައްސަލައެއްގެ އަލާމާތްތަކެކޭ. އެހެންވީމަ ޑޮކްޓަރަކަށް ދެއްކުމުގެ ވިސްނުމެއް ވެސް ނެތް."

އަނެއްކޮޅުން މި ހުރިހާ ވޭނެއް ޝަމާ ނިންމީ އޭނާގެ ހަށިގަނޑު ތެރޭގައި އެންމެނަށް ފޮރުވާށެވެ.

ނޫޒާން އާއި ޝަމާ

"ހަޒްބަންޑަށް ވެސް ނާންގަން. ނުބުނަން ތަދުވެއެކޭ ވެސް. ސަބަބަކީ އެފަދަ ވާހަކައެއް ދައްކައިގެން ނުކުމެދާނެ ނަތީޖާއަކާ ދޭތެރޭ އަޅުގަނޑު ބިރުގަތީ،" އާންމުކޮށް މި މުޖުތަމައުގައި ކަން ހިނގާ ގޮތަށް އިޝާރާތްކޮށް ޝަމާ ކިޔައިދިނެވެ.

"ވަރި މިހާ އާންމުއިރު އަޅުގަނޑަށް ވިސްނުނީ މި ހުރިހާ ވާހަކައެއް ކިޔައިދީފިއްޔާ ދެ މީހުންގެ ކައިވެންޏާއި ގުޅުމަށް ނޭދެވޭ އަސަރުކޮށްފާނެއޭ. ވަރިވާން ޖެހިދާނެތީ އަޅުގަނޑު ބިރުގަތީ."

"އެހެންވީމަ ކިތަންމެ ތަދުވިޔަސް، އެ ތަދަށް ކެތްކޮށްލައިގެން އޮތީ."

އެކަމަކު މަޑުމަޑުން އެ ތަދުގެ ގުޅަވަރު ބޮޑުވަމުން ގޮސް އެންމެ ފަހުން ފަޅައިގެންދިޔައީ އެވެ.

"ލަންކާއަށް ގޮސް ދެއްކީމަ ބުނީ ރައިޓް ސައިޑުގައި ވަރަށް ބޮޑު ސިސްޓެއް އެބަ އިނޭ. އަދި ވަގުތުން ފަރުވާ ނުހޯދައިފިއްޔާ މި ސިސްޓް ކެންސަރަށް ވެސް ބަދަލުވެދާނެއޭ. ދެން ވަގުތުން އެޑްމިޓްކޮށްފައި އޮޕަރޭޝަންކުރީ."

އެކަމަކު ދެން ވެސް އެ ސިސްޓުތަކެއް ނުހުއްޓުވުނެވެ. އެއަށް ފަހު ޑޮކްޓަރު ދެން ދިނީ މާ ނުބައި ހަބަރެކެވެ. އެއީ "ނެޗުރަލްކޮށް ޝަމާ ޕްރެގް ނުވާނެ" ކަމުގެ އިންޒާރެވެ. އަދި އައިވީއެފް ހެދިޔަސް ކާމިޔާބުވުމުގެ އެންމެ %40 އޮތް ވާހަކަ އެވެ.

ޝަމާ ދިން އިންޓަވިއުގެ ތެރެއިން.(ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަށް ވަނަ އައިވީއެފަށް ތައްޔާރުވާއިރު މުޅިން އެހެން ހިތްވަރެއްގައި

އެއް އަހަރު ވަންދެން އެއްކުރި ހުރިހާ ފައިސާއެއް ހިފައިގެން ވަޒީފާއިން އެއް އަހަރުގެ ނޯ ޕޭ ލީވެއް ނަގައިގެން ޝަމާ އޭނާގެ ފުރަތަމަ އައިވީއެފް ތަޖުރިބާއަށް ފުރީ އޮގަސްޓް 2016ގަ އެވެ. އެއަށް ފަހު އެތައް މަހެއްގެ ތަހުލީލާއި ޓެސްޓުތަކާއި ފަރުވާއަށް ފަހު އައިވީއެފްގެ ފުރަތަމަ އެ ތަޖުރިބާ ވީ ނެގެޓިވް އެވެ. އެކަމަކު އެއަށް ވުރެ ބޮޑު އަސަރެއް ކުރީ އޭނާގެ ނަފުސަށެވެ.

"މީހާ ވަރަށް ބޮޑަށް ޑިޕްރެސްވީ. ފެނެއް ނުވަރައި، ގެއިން ނުނިކުމެ، ކޮޓަރިން ނުނިކުމެ އެނދުމަތީގައި ހަމަ އޮވެވުނީ. ދެން އެގޮތަށް އޮންނައިރު މި ފެންނަނީ ބޯމަތިން ފަންކާ. ދެން ހިތަށް އަރަނީ އަމިއްލައަށް މަރުވާން. އެކަހަލަ ހިޔާލުތަކާ އެކު ބިރުގަންނަން ފެށީ،" ޝަމާ ކިޔައިދިނެވެ.

"އެކަމަކު ދެން ވެސް ހަޒްބަންޑް އަޅުގަނޑުގެ އަތުން ދޫކޮށެއް ނުލި. އަޅުގަނޑާ ރައްޓެހިވާން އެހި ދުވަހު ވެސް އޭނަ ބުނީ، ތިމަންނަގެ ހަމައެކަނި އެދުމަކީ ރީންގެ ތި އަތް ހިބަކޮށް ދިނުމޭ ތިމަންނައަށް. އޭރުން އުމުރަށް ލޯބިން، ސަލާމަތާއި ރައްކާތެރިކަމާ އެކުގައި ގެންގުޅޭނަމޭ."

ފިރިމީހާ ދިން ހިތްވަރާ އެކު ދެ މީހުން އަނެއްކާވެސް ފުރައިގެން ދިޔައީ ލަންކާއަށެވެ. ދެވަނަ އައިވީއެފް ހެދުމަށެވެ.

"އެކަމަކު ދެވަނަ ފަހަރަށް ހަދައިގެން ވެސް އަޅުގަނޑު ޕްރެގެއް ނުވި. ދެން ހެދީ ތިންވަނަ ފަހަރަށް. އެއީ 2018 ވަނަ އަހަރު،" ޝަމާ ކިޔައިދިނެވެ.

ތިން ވަނަ ފަހަރު ޝަމާ އާއި އޭނާގެ ފިރިމީހާގެ އަތުގައި ނަސީބު ހިފި އެވެ. ޝަމާ އަލަށް ބަލިވެއިންއިރު، ބަލިވެއިނީ އެއްމާބަނޑު ދެ ކުދިންނަށެވެ.

"އެކަމަކު އެ ޕްރެގްނެންސީއަށް އަށް ހަފުތާގައި އެއް ރެއަކު ހޭލެވުނީ ވަރަށް ތޫނު ތަދެއް އިހުސާސުވެގެން. ހީސްލެވުނުހެން ހީވީ ގަޔަށް. ފުންމައިގެން ތެދުވެ ބަލައިލިއިރު ބްލީޑްވަނީ،" ޝަމާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އެ ނާކާމިޔާބީ އަށް ފަހު މާޔޫސްކަން އިތުރުވެ އުއްމީދު ވެސް ގެއްލިގެން ދިޔަ އެވެ. ނަމަވެސް ފިރިމީހާ އަބަދުވެސް ދިން ހިތްވަރުން ކޮންމެ ފަހަރަކު ވެސް އުއްމީދުގެ ހުޅުކޮޅު އަލުން ރޯވަނީ އެވެ.

ހަތަރުވަނަ ފަހަރު ވެސް ވީ ނާކާމިޔާބެވެ. ފަސްވަނަ ފަހަރު ވެސް ވީ ނާކާމިޔާބެވެ. ހަވަނަ ފަހަރު ވެސް ނެގެޓިވް އެވެ. އޭގެ ފަހުން ހަތްވަނަ އައިވީއެފް ހެދީ މިދިޔަ އަހަރު އެވެ. މިފަހަރު ކޮން ޖިންސެއްގެ ކުއްޖެއްކަން އެނގުނެވެ. ނަމަވެސް ބަނޑަށް ހަތަރު މަހުގައި ބައިގެންދިޔައީ އެވެ.

ޝަމާ މާޔޫސެއް ނުވެ އެވެ. ހިތްވަރެއް ނެއެލެ އެވެ. އުއްމީދެއް ނުގެއްލެ އެވެ. އޭނާ ބުނަނީ ހަޔާތުގެ މި ދަތުރު އޭނާ އެއްކޮށް ބަދަލުކޮށްލައިފި ކަމަށެވެ. އަދި ނާކާމިޔާބު ނަތީޖާތަކެއް ނުކުތަސް މިއީ ހަގީގަތުގައި ކާމިޔާބު ދަތުރެއް ކަމަށެވެ.

"ކުއްޖަކު ނުލިބި ކުރަން ޖެހިފައިވާ މި ދަތުރަށް އަޅުގަނޑު ހަގީގަތުގައި ވަރަށް ބޮޑަށް ޝުކުރުވެރިވަން. މި ދަތުރުގައި އަޅުގަނޑުގެ މުޅި ދިރިއުޅުން މި ވަނީ ބަދަލުވެފައި. މި ހާލަތެއް މެދުވެރިނުވި ނަމަ ފަހަރުގައި ދުވަހަކު ވެސް އަޅުގަނޑުގެ ދިރިއުޅުން ބަދަލުނުވެދާނެ ފަދަ ގޮތަކަށް،" އޭނާ ބުންޏެވެ.

"އަބަދުވެސް ހިތަށް އަރަނީ ކޮންމެވެސް ދުވަހަކުން މިކަން ކާމިޔާބުވާނެއޭ. މިއަދު ނުވެދާނެއޭ. މާދަމާ ވެސް ނުވެދާނެއޭ. ނުވަތަ މީގެ ފަސް އަހަރު ފަހުން ވެސް އަދި ނުވެދާނެއޭ. އެކަމަކު ކޮންމެވެސް ދުވަހަކުން، އިންޝާﷲ މިކަން ކާމިޔާބުވާނެއޭ."

"އަދި އަޅުގަނޑު ބުނެލަން ބޭނުންވަނީ ދަރިއަކު ނެތުމަކީ، މަންމައަކަށް ނުވުމަކީ އަންހެނެއްގެ ގޮތުގައި ފުރިހަމަނުވާންވީ ސަބަބެއް ނޫނޭ. އެ ނަސީބު ނެތަސް އަޅުގަނޑުމެން މިއީ ބަދުނަސީބުވެރިންނެއް ނޫނޭ."

ޝަމާ އެ ދަނީ އޭނާގެ އަށް ވަނަ އައިވީއެފްއަށް ފައިސާ އެއްކުރަމުންނެވެ. އަދި އޭނާ އާއި މި ބަލި ތަހައްމަލްކުރަމުންދާ އެހެން ބައެއް މީހުން ގުޅިގެން އެންޑޯމީޓްރީއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި 2018ގައި އުފެއްދި އެންޖީއޯއާ އެކު އުއްމީދުގެ ދަންމަރުތައް ދިއްލަމުންނެވެ.

"މީހުންގެ ހަމްދަރުދީ އަޅުގަނޑު ބޭނުމެއް ނުވޭ. އޭގެ ބަދަލުގައި އަޅުގަނޑު ބޭނުންވަނީ މީހުންނަށް އުއްމީދަކަށް ވާން. އުއްމީދު ގެނެސްދޭ މީހަކަށް ވާން. އެ ހިތްވަރު ހޯދައިދޭން. އެއީ ފައުންޑޭޝަންގެ މަގުސަދަކީ ވެސް،" ޝަމާ ބުނެލި އެވެ.

"އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ހަށިގަނޑުގައި އަޅާ ވޭން. އެކަމަކު އަޅުގަނޑު ތަހައްމަލުކުރާ ހިތްދަތިކަމާއި ވޭނަށް ވުރެ މާ ހާލުގައި މާ ވޭނުގައި، އެބަ އުޅޭ އެހެން މީހުން. އެ އިހުސާސާސްކުރެވި، އަޅުގަނޑަށް އަސްލު ލިބިފައިވީ ނަސީބުތަކާ ދޭތެރޭ ވަރަށް ބޮޑަށް ޝުކުރުވެރިވާން ދަސްވެގެން ދިޔަ ތަޖުރިބާއެއް މުޅި ދަތުރަކީ."

މި ދަތުރުގައި އަދިވެސް ރިހުން ގަދަ އެވެ. އެކަމަކު ރޫހަށް ގެނެސްދިން އުފާވެރިކަން މާ ބޮޑެވެ. ޝަމާގެ ހަގީގީ ފަހުރަކީ މި އެވެ.

ކޮމެންޓް (3)

ބުރާކި

13 ސެޕްޓެމްބަރު 2022
ދިވެހީންގެ ދަރިމައިވުމުގެ ހޭލުންތެރިކަން މިހާ ދަށްފެންވަރެއްގައި މިޒަމާނުގައި ހުންނާނެކަމަކަށް އަހަރެން ހިއެއްނުކުރަން!!! އިންޓަނެޓު އައިސް އިނގިލިކުރީގަ މިހާރު އޮތް އިރު ފަރުދީ ޒިންމާ އަދާކުރުމުގެ ގޮތުން އަމިއްލައަށް މައުލޫމާތު ހޯދާ ހޭލުންތެރިވުމުގެ ބައި ނޯންނަނީ ކީއްވެބާއޭ މަހިތަށްއަރާ!!! ދިވެހި ތައުލީމީ ނިޒާމު އަދިވެސް ދޯހަޅީ!!
3 18

ހުސޭނު

13 ސެޕްޓެމްބަރު 2022
'ދައުރު' ނޫހުން މިފަދަ އާއްމުންގެ ވާހަކަ ގެނެސްދޭތީ ވަރައް ރަނގަޅު. ތަފާތު ކަމައްފެނޭ.
26 0

ހަންބެ

13 ސެޕްޓެމްބަރު 2022
އަސަރުގަދަ ވާހަކަތަކެއް އަދި ޝަމާގެ ހިއްވަރައް ހަމަ ސާބަސް. ދެމަފިރިންގެ ހުވަފެން ހާސިލުވާނެ ކަމަށް ދުއާކުރަން.
36 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް