Majlis 2024

ވިލާ ކޮލެޖުގައި ޗައިނީޒް ލާނިން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ވިލާ ކޮލެޖު

ވިލާ ކޮލެޖުގައި ޗައިނާ ބަސް ދަސްކޮށްދޭ ސެންޓަރެއް ހުޅުވައިފި

އެ ސެންޓަރުގައި ޗައިނާ ބަސް ދަސްކޮށްދިނުމުގެ ހަތަރު ޕްރޮގްރާމެއް ކުރިއަށް ގެންދާނެ
28 ސެޕްޓެމްބަރު 2022

ވިލާ ކޮލެޖާއި ޗައިނީސް އިންޓަނޭޝަނަލް އެޑިއުކޭޝަން ފައުންޑޭޝަން (ސީއައިއީއެފް) ގުޅިގެން ރާއްޖޭގައި ޗައިނާ ބަސް ކިޔަވައިދިނުމަށް ޗައިނީސް ލެންގުއޭޖް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - އެ ސެންޓަރު ހުޅުވައިދެއްވީ އެކަމަށްޓަކައި ވިލާ ކޮލެޖުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި:

  • ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލީޖިންގް 

  • ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފް

ތަފްސީލް - ވިލާ ކޮލެޖުގައި ހުޅުވި ލޭންގުއޭޖް ސެންޓަރު ހިންގާނީ ޗައިނާގެ ޗަންގް އާން ޔުނިވާސިޓީ އާއި ހުނާން މާސް މީޑިއާ ވޮކޭޝަނަލް އެންޑް ޓެކްނިކަލް ކޮލެޖާ ގުޅިގެންނެވެ. އެ ސެންޓަރުގައި ކުރިއަށް ގެންދަން ނިންމާފައިވާ ތަމްރީނުތަކަކީ:

1. އީޒީ ޗައިނީޒް: ގްރޭޑު 1-7ގެ އުމުރުފުރާގެ ކުދިންނަށް ހާއްސަ

2. އީޒީ އެޕްރޯޗް ޓު ޗައިނީޒް: އާންމު ދިރިއުޅުމުގެ މުއާމަލާތަކަށް ހާއްސަ

3. ޓުއަރިޒަމް ޗައިނީޒް: ޗައިނާގެ ފަތުރުވެރިންނާ ގުޅޭ މުއާމަލާތްތަކަށް ހާއްސަ

4. ބިޒްނަސް ޗައިނީޒް: ވިޔަފާރީގެ މުއާމަލާތަތްކަށް ހާއްސަ

ޗައިނީޒް ލާނިން ސެންޓާ ހުޅުވުން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗައިނާ ސަފީރު ވިދާޅުވީ، މިއަދު ހުޅުވި ސެންޓަރަކީ ހަމަ އެކަނި އެ ގައުމުގެ ބަސް އުނގަންނައިދޭ ތަނެއްގެ އިތުރުން، އެ ގައުމުގެ ސަގާފަތާއި އާދަކާދަތައް ވެސް ދަސްކޮށްދޭ ތަނަކަށް ވެގެންދާނެ ކަމަށެވެ.

ހަމައެއާ އެކު، ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަކަށް ވުމުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހީންނަށް ވެސް އެކަމުގެ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެގެންދާނެ ކަމަށާއި މަތީ ތައުލީމު ހާސިލުކުރަން ޗައިނާއަށް ދާ ދިވެހި ދަރިވަރުންނަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވާންގް ލީޖިން ވާހަކަދައްކަވަނީ؛ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
މިއަދުގެ ރަސްމިއްޔާތުގައި ފޮރިން ސެކްރެޓަރީ ލަތީފް ވާހަކަދައްކަވަނީ؛ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓަރީ ލަތީފް ވެސް ވިދާޅުވީ، ޗައިނާ ބަސް އެނގޭ ދިވެހިން ނޫޅޭތީ ފަތުރުވެރިކަމުގެ ދާއިރާއިން އަންނަ ޝަކުވާތަކަށް އެ ސެންޓަރުގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެނގުން މުހިންމު - ރާއްޖޭގައި ޗައިނާ ބަސް ކިޔަވައިދޭން ފަށާއިރު، ޗައިނާގެ ބެއިޖިންގެ ޔުނިވާސިޓީއެއް ކަމަށްވާ ފޮރިން ސްޓަޑީސް ޔުނިވާސިޓީގައި އަންނަނީ ރަސްމީކޮށް ދިވެހި ބަސް ކިޔަވައިދެމުންނެވެ. މިއީ ރާއްޖެ ނޫން އެހެން ގައުމެއްގައި ދިވެހި ބަސް ކިޔަވައިދޭ ފުރަތަމަ ފަހަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް