18 ޑިސެމްބަރު 2022 - ގަތަރު ވޯލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ހަމަލާއެއް ފްރާންސްގެ ގޯލަށް ފޮނުވާލަނީ. މި މެޗު 3-3 އިން އެއްވަރުވެ ޕެނެލްޓީ ޖަހައިގެން އާޖެންޓީނާ މޮޅުވީ 4-2 އިން.

ހަނދާނުން ނުފިލާނެ ފައިނަލެއްގެ މަންޒަރުތައް

19 ޑިސެމްބަރު 2022
1
ގަތަރުގެ ލޫސައިލް ސްޓޭޑިއަމްގައި ރޭ ދުނިޔެއަށް ދައްކައިދިނީ ފުޓްބޯޅައިގެ އެންމެ މަތީ ހުނަރާއި ވާދަވެރިކަމުގެ އާދަޔާ ހިލާފު ހިތްވަރު

މެޗުގެ ކުރިން ވެސް ބެލެވުނީ ގަތަރު ވޯލްޑް ކަޕްގެ ފައިނަލް މެޗު ވާނީ އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ފްރާންސްގެ ކީލިއަން އެމްބާޕޭގެ ހަނގުރާމައަކަށް ކަމަށެވެ. އޭގެ ތެރެއިން މޮޅީ އަދި ކާމިޔާބީ ކާކުކަން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ފަހު ހިފުމުގައި ދުނިޔެއަށް ދައްކާލުމެވެ.

ގަތަރުގެ ލޫސައިލް ސްޓޭޑިއަމްގައި އެ މެޗު ރޭ ތާރީހަށް ވަދެގެން ދިޔައީ ވެސް ހަމަ އެގޮތަށެވެ. މިއީ ވޯލްޑް ކަޕްގެ އެންމެ މޮޅު ފައިނަލް މެޗަށް ނުވާ ނަމަ އެއީ އެންމެ މޮޅު އެއް ފައިނަލް މެޗެވެ. އެވަރުގެ މުބާރާތެއް ނިމެން ޖެހޭނީ އެކަހަލަ ގޮތަކަށް، އެ ވާދަވެރިކަމާއި އެ ނޭވާހިފަހައްޓާލުމުގައި ކަމަށް ގަބޫލުކުރާ މީހުންނަށް އެ ފެނުނީ އެ މަންޒަރެވެ.

ފުރަތަމަ ހާފާއި ދެ ވަނަ ހާފުގެ ފުރަތަމަ 25 މިނިޓް މެސީއަށެވެ. އެ ވަގުތުތަކުގެ ތެރޭގައި އޭނާ ޕެނެލްޓީއަކުން ފުރަތަމަ ލަނޑު ޖަހައި އާޖެންޓީނާއަށް ލީޑު ނަގައިދިނެވެ. އަދި އޭގެ ފަހުން އެންހެލް ޑިމަރިއާ ދެ ވަނަ ލަނޑެއް ވެސް ޖަހައި، ފްރާންސްގެ ކުޅުން ރޫޅާލި އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޕެނެލްޓީއަކުން ކާމިޔާބުކުރުމަށް ފަހު މެސީ އުފާ ފާޅުކުރަނީ
ވޯލްޑް ކަޕް ފައިނަލެއްގައި 2-0ގެ ލީޑެއް ލިބުމަކީ ވަރަށް ބޮޑު ޔަގީންކަމެއް: އާޖެންޓީނާ ކުޅުންތެރިން އެ ޔަގީންކަން ފުރަތަމަ ހާފުގައި ހޯދި

ވޯލްޑް ކަޕްގެ ތަރީހުގައި ފައިނަލް މެޗެއްގައި ދެ ލަނޑުގެ ލީޑެއް ނެގި ޓީމެއް ބަލިވެފައި އޮތީ އެންމެ ފަހަރަކު އެވެ. އެހެންކަމުން މުބާރާތުގެ ތަށި، އަދި ކާމިޔާބީން ފުރިފައި އޮތް މެސީގެ ފުޓްބޯޅައިގެ ހަޔާތުން ހަމައެކަނި މަދުވާ ބައި، މިފަހަރު ފަސޭހަކަމާ އެކު ފުރިހަމަވަނީކަން، ގިނަ ބަޔަކަށް ހީކުރެވުނެވެ.

ނަމަވެސް އެމްބާޕޭއަކީ ވެސް ތަފާތު ކުޅުންތެރިއެކެވެ. ފުރުސަތު ލިބުމާއި އެ ފުރުސަތުގައި ނަތީޖާ ނެރެދިނުމަކީ އޭނާއަށް ފަސޭހަ ކަމެކެވެ. މެޗުގައި އޭނާގެ ފުރަތަމަ ހަމަލާ 70 ވަނަ މިނިޓްގައި ފޮނުވާލި އެވެ. އެކަމަކު ގޯލުގެ މާ މަތިން ބޭރަށެވެ.

އޭގެ 10 މިނިޓް ފަހުން މެސީ އާއި އާޖެންޓީނާއަށް ސިހުން ގެނެސްދިން ވަގުތުކޮޅު އައިސްލައިގަތީ އެވެ؛ ފްރާންސަށް ޕެނެލްޓީއެކެވެ. ޖަހަން ދިޔައީ، މާދަމާ 24 އަހަރު ފުރޭ، އެމްބާޕޭ އެވެ. މެސީއެކޭ އެއްގޮތަށް ކުށެއް ނެތި ބޯޅަ ވައްދާލި އެވެ.

ދެން ފެނުނީ މުޅި މެޗުގެ އެންމެ ހައިރާންކުރުވަނިވި މަންޒަރެވެ. އެ ލަނޑު ޖެހިތާ އެންމެ މިނިޓެއްގެ ތެރޭގައި ޕެނެލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް، ވެއްޓިގެންފައި، ގޯލުގެ ކަނަށް ވައްދާލައިގެން، އެމްބާޕޭ، ފްރާންސް ގެންގޮސް 2-2 އިން އެއްވަރުކޮށްދިނެވެ.

ފްރާންސްގެ އެމްބާޕޭ ލަނޑު ޖެހުމަށް ފަހު ސަޕޯޓަރުންގެ ކުރިމައްޗަށް
މުޅި މެޗުގައި އެމްބާޕޭގެ ކުޅުން ފެންނަވަރު ވީ އެންމެ ފަހު 20 މިނިޓްގައި: ފުރަތަމަ ޕެނެލްޓީ ކާމިޔާބުކުރުމަށް ފަހު އެމްބާޕޭ ބޯޅަ ހިފައިގެން ދަނީ

އިތުރު ވަގުތުގެ 30 މިނިޓްގެ ދެ ހާފުގެ ކުޅުމެވެ. މުޅި ދުނިޔެ ނޭވާ ހިފަހައްޓާލައިގެންނެވެ. ފުޓްބޯޅައަކީ އެންމެ ސިކުންތެއް ލިބުނަސް ނަތީޖާ ބަދަލުކޮށްލާނެ ކުޅިވަރެއްކަން އަބަދުވެސް އެނގެ އެވެ. އެކަމަކު މިކަހަލަ ވަރުގަދަ މެޗެއްގައި އެއީ ގިނަ ފަހަރަށް ވުން ދުރު ކަމެކެވެ.

ރޭގެ ފައިނަލް މެޗުގެ ފަތުގައި ލިއެފައި އޮތީ އެ ހުރިހާ ކަމެއް ވެސް ފެނިގެން ނޫން ގޮތަކަށް ނިމިގެން ނުދާނެ ވާހަކަ އެވެ. އެހެންކަމުން އިތުރު ވަގުތުގެ ދެވަނަ ހާފުގައި، ފްރާންސްގެ ގޯލުގެ ހަމަ ކުރިމަތިން ލިބުނު ބޯޅަ ވައްދާލައިގެން 3-2 އަށް ނަތީޖާ ބަދަލުކޮށްލީ މެސީ އެވެ. 'ދެން މިކަން މި ނިމުނީއޭ' ވަރަށް ގިނަ މީހުންނަށް ހީކުރެވިދާނެ އެވެ.

އެކަމަކު އަނެއްކާވެސް އެމްބާޕޭ އެވެ. މެޗު ނިމެން އެންމެ ދެ މިނިޓެވެ. ގޯލަށް އޭނާ ފޮނުވާލި ބާރު ބޯޅަ، އާޖެންޓީނާގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ޕެނެލްޓީއެކެވެ. މިފަހަރު ވެސް، އެ ބޮޑު ޕްރެޝަރުގެ ތެރޭގައި، މެސީއެކޭ އެއްގޮތަށް، އެމްބާޕޭ ވެސް ކުށެއް ނެތި ގޯލަށް ބޯޅަ ވައްދާލައިގެންނ3-3 އަށް ނަތީޖާ އެއްވަރުކޮށްދިނެވެ.

މެޗުގައި އެމްބާޕޭ އާއި މެސީ ދެ ކޮޅަށް ހިނގާފައި ދަނީ: މުޅި ފައިނަލް މެޗު ބިނާވީ މި ދެ ކުޅުންތެރިންނަށް
މެސީގެ ހަމަލާއެއް ފްރާންސްގެ ގޯލަށް ފޮނުވާލަނީ: އާޖެންޓީނާއަށް ތަށި ލިބުމުގެ ޝުކުރަކީ މެސީ

ޕެނެލްޓީ ޖެހުމަކީ ފުޓްބޯޅަ މެޗެއްގެ ނަތީޖާ ނެރެން އެންމެ އަނިޔާވެރި ވަގުތުކޮޅެވެ. މެސީ އާއި އެމްބާޕޭ އެމީހުންގެ ޓީމުތަކަށް ޕެނެލްޓީ ފަށައިދިނުން ކާމިޔާބުކުރި އެވެ. ދެ ކުޅުންތެރިން ވެސް ޕެނެލްޓީ ޖެހީ ހަމަޖެހިލައިގެން ތިބެ އެވެ.

އާޖެންޓީނާގެ ކުޅުންތެރިންގެ އެއްވެސް ކުށެއް ނެތެވެ. އެކަމަކު ފްރާންސްގެ ދެ ޕެނެލްޓީ ކާމިޔާބެއްނުވި އެވެ. އެހާ ހިސާބުން ނަތީޖާއަކީ 4-2 އިން އާޖެންޓީނާ މޮޅުވުމެވެ. މެސީގެ ކުރިން އާޖެންޓީނާއިން އުފެއްދި ވަރުގަދަ ކުޅުންތެރިޔާ ޑިއެގޯ މެރަޑޯނާ، 1986ގައި ކާމިޔާބުކޮށްދިން ވޯލްޑް ކަޕް ތަށި، 36 އަހަރު ފަހުން ފުރަތަމަ ފަހަރަށް ލިބުނީ އެވެ. 

އެ ތަށި އުފުލައިލުމަކީ މެސީގެ އެންމެ ބޮޑު ހުވަފެން ވެސް ހަގީގަތަކަށް ވުމެވެ.

ޕެނެލްޓީ ނާކާމިޔާބުވަމުން ދިޔަ ވަގުތު ފްރާންސްގެ ކުޅުންތެރިން ކަންބޮޑުވުމުގައި: ދެ ޕެނެލްޓީ ވައްދައެއް ނުލެވުނު
ވޯލްޑް ކަޕް ތައްޓަކީ އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިޔާ، މެސީގެ ހަޔާތުގައި ރޭގެ ކުރިން އެންމެ ބޮޑު އުނިކަން
މެސީ އާއި އާޖެންޓީނާ ކުޅުންތެރިން ވޯލްޑް ކަޕްގެ ތައްޓާ އެކު އުފަލުން ފުރިފައި

ތައްޓާ އެކު އަނެއްކާވެސް ހަނދާންތައް އާވީ، މީގެ ދެ އަހަރު ކުރިން މަރުވި މެރަޑޯނާގެ 1986ގެ ފޮޓޯއިންނެވެ. ވޯލްޑް ކަޕާ އެކު ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންގެ ކޮނޑު މަތީގައި އިނދެ އޭނާ އެ ތަށި ދުނިޔެއަށް ދައްކަމުން ދިޔަ ތަނެވެ. މެސީ ވެސް ހަމަ އެގޮތަށް އުފާ ފާޅުކުރި އެވެ. އާޖެންޓީނާގެ 40 މިލިއަން މީހުންގެ ހިތަށް އުފާވެރިކަމާއި ފިނިކަން ގެނެސްދިނެވެ.

މިއީ މީގެ 36 އަހަރު ކުރިން މެކްސިކޯގައި އާޖެންޓީނާގެ ޑިއެގޯ މެރަޑޯނާ އުފުލާލައިގެން ދެއްކި ފަދަ ފޯރިއެއް
ވޯލްޑް ކަޕާ އެކު މެރެޑޯނާ: އޭނާ ވަނީ މީގެ ދެ އަހަރު ކުރިން މަރުވެފައި

މިއީ ވޯލްޑް ކަޕްގެ އާދަޔާ ހިލާފު ނިމުމެއްކަން ޔަގީނެވެ. އެންމެ އާދައިގެ ގޮތަކަށް ސިފަކުރާ ނަމަ ހުވަފެނީ، ރީތި ނިމުމެކެވެ. ކުޅުންތެރިންގެ ހަނދާނުން ފޮހެނުލެވޭނެ ނިމުމެކެވެ. ފުޓްބޯޅައިގެ ދުނިޔެއަށް އޭގެ ދެވަނައެއް ނެތް ނިމުމެކެވެ.

ހަނދާނަކަށް ގޯލުގެ ދާގަނޑު: ވޯލްޑް ކަޕް ކާމިޔާބުކުރުމާ އެކު އާޖެންޓީނާގެ ކުޅުންތެރިން ގަތަރުގެ ލޫސައިލް ސްޓޭޑިއަމްގެ ގޯލުގެ ދާގަނޑު ބުރިކޮށް، ހަނދާނަކަށް ރައްކާކޮށްލަނީ
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ދަމުން މެސީ، ވޯލްޑް ކަޕް ތަށީގައި ބޮސްދެނީ
ދަރިފުޅަށް ވެސް އަގުހުރި އިނާމެއް: މެސީގެ ދަރިފުޅު، ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އުނގަށް ލައިގެން
އެކަކު އަނެކަކަށް މަރުހަބާ ކިޔުމާއި ހިތްހަމަޖައްސައިދިނުން: ފައިނަލް މެޗުގެ ދެ ތަރިން ކަމަށްވާ އެމްބާޕޭ އާއި މެސީ މެޗަށް ފަހު ބައްދާލައިގެން

ކޮމެންޓް (1)

ާއިބްރޭ

19 ޑިސެމްބަރު 2022
ސަޅި ފޮޓޯތަކެއް. ދައުރު ޓީމަށް ސާބަސް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް