ޗިންމޯއި ކްރިޝްނާ ދާސް ހައްޔަރުކުރީ ގައުމިއްޔަތުގެ ތުހުމަތުގައި.
ހާމުދުރުގެ ހައްޔަރާ އެކު އިންޑިއާ އާއި ބަންގާޅުގެ ގުޅުން އިތުރަށް ގޯސްވެއްޖެ
ބަންގްލަދޭޝްގައި ހިންދޫ ހާމުދުރަކު ހައްޔަރުކުރުމާ އެކު އަވަށްޓެރި އިންޑިއާއާ ދެމެދު އަނެއްކާވެސް ބަހުގެ ހަނގުރާމައެއް ފެށި، ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެއްޖެ އެވެ.
ބަންގްލަދޭޝްގެ ބައި މަދު ހިންދޫ ޖަމާއަތެއްގެ ތަރުޖަމާނު ޗިންމޯއީ ކްރިޝްނާ ދާސް ވަނީ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި މި ހަފުތާގައި ހައްޔަރުކޮށްފަ އެވެ. އެ ހަމަނުޖެހުންތަކުގެ ސަބަބުން އެކަކު މަރުވި އެވެ.
އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ ހައްޔަރުކުރުމުން ކަންބޮޑުވާ ކަމަށާއި ބަންގްލަދޭޝް އިން "ހިންދޫންނާއި ބައިމަދު ހުރިހާ ނަސްލުތަކުގެ މީހުންގެ" ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެދޭ ކަމަށެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން ބަންގްލަދޭޝް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހައްޔަރުކުރުން ބައެއް ފަރާތްތަކުން އޮޅުވާލާފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރާ ކަމަށެވެ.
އާދަޔާ ހިލާފަށް ގާތް ގުޅުމެއް ބާއްވަމުން އައި އަވަށްޓެރި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ހީނަރުވެފައި ވަނީ މިދިޔަ އޮގަސްޓް މަހު ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވެރިކަމުން ދުރުކުރުމާ ގުޅިގެންނެވެ. ހަސީނާ އިސްތިއުފާ ދެއްވައި އިންޑިއާއަށް ފިއްލެވީ ދަރިވަރުން އެތައް ހަފުތާތަކެއް ވަންދެން ކުރި މުޒާހަރާތަކަށް ކެތްނުކުރެވިގެންނެވެ.
އޭގެ ފަހުން އޭނާ ހުންނެވީ އިންޑިއާގަ އެވެ. އެއާ އެކު ދެ ގައުމުގެ ގުޅުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.
ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި ބަންގްލަދޭޝްއަކީ އިންޑިއާގެ ބޯޑަރު ސެކިއުރިޓީއަށް، ހާއްސަކޮށް އުތުރު އިރުމަތީގެ ސްޓޭޓްތަކުގައި ސްޓްރެޓެޖިކް ޕާޓްނަރެއް އަދި އެކުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ގައުމެކެވެ. އަދި އިންޑިއާއާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން އެ ގައުމަށް މާލީ ގޮތުން ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.
ނަމަވެސް ހަސީނާ މަގާމުން ދުރުކުރި ފަހުން އިންޑިއާއިން އަންނަނީ ބަންގްލަދޭޝްގެ ހިންދޫ މައިނޯރިޓީންގެ ސަލާމަތާ މެދު ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ބަންގްލަދޭޝްގެ އާބާދީގެ ގާތްގަނޑަކަށް %8 އަކީ ހިންދޫންނެވެ.
މިދިޔަ ހޯމަ ދުވަހު ޑާކާ އެއާޕޯޓުން ދާސް ހައްޔަރުކުރުމާ ގުޅިގެން އަނެއްކާވެސް ދެ ގައުމުގެ ނުތަނަވަސްކަން މި ވަނީ އިތުރަށް ހޫނުވެފަ އެވެެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ މިދިޔަ މަހު ޗިޓަގޮންގްގައި ބޭއްވި އެއްވުމެއްގައި ބަންގްލަދޭޝްގެ ގައުމީ ދިދައަށް އިހުތިރާމް ކުރި ކަމުގެ ތުހުމަތެވެ.
އޭނާގެ ޖަމިއްޔާ، އިސްކޯން އިން ވަނީ އޭނާ ހައްޔަރުކުރުން ކުށްވެރިކޮށް، ދާސްއަކީ މައިނޯރިޓީ ހިމާޔަތަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށް ބުނެފަ އެވެ.
މިދިޔަ އަންގާރަ ދުވަހު ޗިޓަގޮންގްގެ ކޯޓަކުން ވަނީ ދާސް ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އެ ތަނުގައި ތިބި ފުލުހުން ބުނީ ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ އޭނާ އަނބުރާ ޖަލަށް ގެންދަން އުޅުނު ވޭން އެތައް ސަތޭކަ ސަޕޯޓަރުން ވަށާލުމުން ކަމަށެވެ. ސަލާމަތީ ބާރުތަކުން ވަނީ އެއްވުން ރޫޅާލުމަށް ބަޑިއާއި ކަރުނަ ގޭސް ބޭނުންކޮށްފަ އެވެ.
ބަންގްލަދޭޝްގެ އޮފިޝަލުން ބުނި ގޮތުގައި އެ މާރާމާރީގައި މަރުވެފައިވަނީ މުސްލިމް ގާނޫނީ ވަކީލެއް ކަމަށްވާ ސައިފުލް އިސްލާމް އާލިފް އެވެ.
ފުލުހުން ބުނީ އެ މަރާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 20އަށް ވުރެ ގިނަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މި ހާދިސާގެ ސަބަބުން ދީނީ ހަމަނުޖެހުންތައް އުފެދިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.
ބަންގްލަދޭޝްގެ އިންތިގާލީ ލީޑަރު މުހައްމަދު ޔޫނުސް ވިދާޅުވީ ބަންގްލަދޭޝްގެ ސަރުކާރަކީ ދީނީ އެއްބައިވަންތަކަން ގާއިމުކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށެވެ.
ކޮމެންޓް