ޔޫކްރެއިނުގެ ރައީސް ޒެލެންސްކީ
ޔޫކްރެެއިން ހަނގުރާމަ ނިންމާލަން ޒެލެންސްކީ 'ތަފްސީލީ ޕްލޭނެއް' އެކުލަވާލަނީ
ރަޝިޔާއާ އެކު ކުރަމުންދާ ހަނގުރާމަ ނިމެން ޖެހޭނެކަމަށް ގަބޫލުކުރާ 'ތަފްސީލީ ޕްލޭންއެއް'ގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
"ހަނގުރާމަ ނިންމާލަން ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ޕްލޭނެއް އަހަރެމެން ދެއްކުން ވަރަށް މުހިންމު،" ސްލޮވީނިއާގެ ރައީސް ނަތާސާ ޕިރްކްއާ އެކު ކީވްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޒެލެންސްކީ ވިދާޅުވި އެވެ.
"ޑިޕްލޮމެޓިކް ކޮށް މިކަން ކުރުމަށް އަހަރެމެން ކުރަމުން އަންނަ މަސައްކަތަކީ މިއީ."
މި ވަގުތު ޔޫކްރެއިނާ ރަޝިޔާއާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރަމުންނެއް ނުދެ އެވެ. ހަނގުރާމަ ހުއްޓާލާ ސުލްހަ ގާއިމްކުރުމަށް ދެ ފަރާތުން ހުށައަޅާފައިވާ ޝަރުތުތަކުގެ ފަރަގު އިންތިހާއަށް ބޮޑެވެ.
ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން ބައިނަލްއަގްވާމީ ގޮތުން ޔޫކްރެއިނުގެ ސަރަހައްދުތަކެއް ކަމަށް ބަލައިގެންފައި އޮތް ހުރިހާ ސަރަހައްދަކުން ރަޝިޔާ ސިފައިން ފޭބުމަށް ޔޫކްރެއިނުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. މީގެ ތެެރޭގައި ރަޝިޔާއިން 2014ގައި ހިފި ކްރައިމިއާ ވެސް ހިމެނެ އެވެ.
ނަމަވެސް ރަޝިޔާއިން ޝަރުތުކުރަނީ މިހާރު ރަޝިޔާ އަތްދަށުގައި އޮތް ހުރިހާ ސަރަހައްދެއް ވެސް ޔޫކްރެއިނުން ދޫކޮށްލުމަށެެވެ. ޔޫކްރެއިނުގެ %25 މިހާރު އޮތީ ރަޝިޔާގެ އަތްދަށުގަ އެވެ. މި ހަނގުރާމައިގައި ރަޝިޔާއިން އަންނަނީ މިހާރު ކުރިއެރުންތަކެއް ހޯދަމުންނެވެ.
ޔޫކްރެއިން ހަނގުރާމައާ ބެހޭ ގޮތުން މި މަހުގެ މެދު ތެރޭ ސްވިޓްޒަލެންޑުގައި 90އަށް ވުރެ ގިނަ ގައުމެއް ބައިވެރިވި ސަމިޓެއް ވަނީ ބާއްވާފަ އެވެ. އެ ސަމިޓުގައި ބައިވެރިވި ގިނަ ގައުމުތަކަކުން އެއްބަސްވެފައި ވަނީ ކޮންމެ ގޮތަކަށް ހަނގުރާމަ ނިންމާލި ކަމުގައިވީ ނަމަވެސް ޔޫކްރެއިންގެ ސަރަހައްދީ ނަޒާހާތްތެރިކަމަށް އިހްތިރާމް ކުރުމަށެވެ.
މި ގޮތަށް އެއްބަސް ނުވި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. މި ސަމިޓަށް ރަޝިޔާއަށް ދައުވަތު ދީފައި ނުވާ އިރު ރަޝިޔާގެ އެކުވެރި ޗައިނާއިން މި ސަމިޓު ބޮއިކޮޓްކުރި އެވެ.
ބުރާސްފަތި ދުވަހު ބެލްޖިއަމްގެ ބްރަސަލްސްގައި އޮތް އީޔޫ ކައުންސިލް ސަމިޓެއްގައި ޒެލެންސްކީ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް 'ތަފްސީލީ ޕްލޭންއެއް' ހުށައަޅުއްވާނެ ކަމަށެވެ. މި ހަނގުރާމައިގައި މަރުވާ ސިފައިންނާއި އާންމުންގެ އަދަދުތަކަށް އިޝާރާތް ކުރައްވާ ޒެލެންސްކީ ވިދާޅުވީ "އަހަރެމެންނަށް މާ ގިނަ ވަގުތު ލިބިފައި ނެތް' ކަމަށެވެ.