އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލާ ބޭއްވި މުޒާހަރާގެ ތެރެއިން.
އިޒްރޭލް ސަރުކާރާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި
ގާޒާ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލު ރައްޔިތުން އެގައުމުގެ ސަރުކާރާ ދެކޮޅަށް ބޭއްވި އެންމެ ވަރުގަދަ މުޒާހަރާ ރޭ ކުރިއަށް ގެންގޮސްފި އެވެ.
ގުދުސްގައި ހުންނަ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ބޭރަށް އެއްވި އެތައް ހާސް ރައްޔިތުންނެއް ވަނީ ސަރުކާރުން ރަހީނުން މިނިވަން ކުރުމަށް ހަމާސްއާ އެކު ޑީލެއް ހެދުމަށާއި އާ އިންތިހާބެއް ބޭއްވުމަށް ގޮވާލާފަ އެވެ.
ރޭ އޮތް މުޒާހަރާ އަކީ ގާޒާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެފަދަ އެއްވުން ކަމަށް އޭގައި ބައިވެރިވި ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ހަމާސް އިން އޮކްޓޯބަރު 7 ވަނަ ދުވަހު ލޯންޗުކުރި ކުއްލި ހަމަލާތަކުން ފެނިގެން ދިޔައީ ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުން ސަލާމަތީ ކަންކަމުގައި ފެއިލުވެފައިވާތަން ކަމަށް އެގައުމުގެ ގިނަ ބަޔަކު ދެކެ އެވެ. އަދި ހަމާސް އިން ރަހީނުކުރި ގިނަ ބަޔަކު އަދިވެސް މިނިވަން ނުވެ ތިބީ ނަތަންޔާހޫގެ ސިޔާސަތުތައް ފޭލުވުމުގެ ސަބަބުން ކަމަށް ވެސް އާންމުން ދެކެ އެވެ.
ހަމާސް-އިޒްރޭލު ހަނގުރާމައިގައި މިހާތަނަށް 33،000 އެއްހާ ފަލަސްތީނު ރައްޔިތުން ވަނީ މަރުވެފަ އެވެ.
"ހަ މަސް ފާއިތުވެގެން ދިޔައީމަ ހީވަނީ ސަރުކާރަށް އެނގޭނެހެން ނަތަންޔާހޫ އަކީ ހުރަހެއްކަން،" މުޒާހަރާގައި ބައިވެރިވި ރަހީނުކޮށްފައި ހުރި މީހެއްގެ އާއިލާ މީހަކު އެސޯސިއޭޓެޑް ޕްރެސް ނޫހަށް މައުލޫމާތު ދިނެވެ.
"ހީވަނީ އޭނާ އެމީހުން މިނިވަންކުރަން އެއްގޮތަކަށް ވެސް ބޭނުން ނުވަނީހެން، ހީވަނީ މި މިޝަންގައި އެމީހުން ފޭލުވެފައި ވާހެން."
ރޭ ގުދުސްގައި އޮތް މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ މި ހަރަކާތްތައް ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. އަދި މި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ޓެންޓުތަކުގައި ނިދަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް މުޒާހަރާ ކުރާ އާންމުން ބުނެފައިވާ ކަމަށް އަލް ޖަޒީރާގެ ނޫސްވެރިޔާ ހަމްދާން ސަލްހޫތު ރިޕޯޓުކޮށްފައިވެ އެވެ.
"އެ މީހުން ބުނަނީ ނަތަންޔާހޫ ބޭރުކުރަން ބޭނުންވާކަމަށް؛ އޭނާގެ ސިޔާސަތުތަކާ މެދު އުއްމީދެއް ނެތް ކަމަށް. އެއީ ގާޒާގައި ރަހީނުކޮށްފައި ތިބި މީހުން މިނިވަންވެފައި ނުވާ ސިޔާސަތުތަކެއް،" ސަލްހޫތު ރިޕޯޓުކުރި އެވެ.
ރޭ އޮތް މުޒާހަރާގެ ބައިވެރިވިން ވަނީ އިޒްރޭލުގައި އާ އިންތިހާބުތަކެއް ބޭއްވުމަށް ވެސް ގޮވާލާފަ އެވެ. އަދި މި ހަރަކާތުގައި ބައިވެރިވި އިދިކޮޅު ސިޔާސީ ލީޑަރު ޔައާ ލަފީދު ވަނީ ނަތަންޔާހޫއަށް ފާޑުވިދާޅުވެ، އޭނާގެ ސަބަބުން އެމެރިކާއާ އެކު އޮތް ގުޅުން ހަލާކުވަމުންދާ ކަމަށާއި، ރަހީނުން މިނިވަންވާނެ ކަމުގެ އުއްމީދު ގެއްލެމުންދާކަމަށް ވިދާޅުވެފަ އެވެ.
ބޮޑުވަޒީރު "ހުރިހާ ކަމެއް ކުރައްވަމުން ގެންދަވަނީ ސިޔާސީ ހަޔާތަށް، ގައުމަކަށް އެއްވެސް ކަމެއް ނުކުރައްވާ" ލާފިދު ތުހުމަތު ކުރައްވާފައި ވެއެވެ.
ގުދުސްގެ އިތުރުން އިޒްރޭލުގެ އެންމެ ބޮޑު ސިޓީކަމުގައިވާ ތެލް އަވީވްގައި ވެސް ރޭ ވަނީ މުޒާހަރާކޮށްފަ އެވެ.
މުޒާހަރާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަތަންޔާހޫ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ރަހީނުންގެ އާއިލާތަކަށް ކުރިމަތިވެފައިވާ ވޭންތައް ދެނެވަޑައިގަންނަވާ ކަމަށެވެ. އަދި އާ އިންތިހާބެއް ބާއްވާނަމަ ހަ އާއި އަށް މަސް ދުވަސް ވަންދެން ގައުމު ހުއްޓުމަކަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އިޒްރޭލު ސިފައިން ރަފާއަށް އެއްގަމުން ވަދެގަނެ އޮޕަރޭޝަނެއް ކުރިއަށް ގެންދާނެ ކަމަށް ނަތަންޔާހޫ ވަނީ ތަކުރާރު ކުރައްވާފަ އެވެ.
"ރަފާއަށް ނުވަދެ ކާމިޔާބު ލިބޭނެ ގޮތެއް ނެތް،" އެމެރިކާގެ ޕްރެޝަރަށް ނުލެނބޭނެ ކަމަށް ފާހަގަކޮށް ނަތަންޔާހޫ ވިދާޅުވި އެވެ.