ސަރުކާރުގެ ހަބަރުފަތުރާ އަނަދޮލޫ އެޖެންސީއިން ރިޕޯޓުކުރި ގޮތުގައި ރިޕަބްލިކަން ޕީޕަލްސް ޕާޓީއިން ވަނީ 81 ޕްރޮވިންސުގެ ތެރެއިން 36 ޕްރޮވިންސެއް ކާމިޔާބުކޮށްފައި.

ތުރުކީ

ތުރުކީގެ ލޯކަލް އިންތިހާބުގައި އިދިކޮޅު ޕާޓީއަށް ބޮޑު ކާމިޔާބީތަކެއް

މިއީ 20 ވަރަކަށް އަހަރު ތެރޭ ވެރިކަން ކުރާ އޭކޭ ޕާޓީއަށް ކުރިމަތިވެ އެންމެ ބޮޑު ނާކާމިޔާބީ

ތުރުކީގެ ލޯކަލް އިންތިހާބުގައި އެގައުމުގެ އިދިކޮޅު މައި ސިޔާސީ ޕާޓީއިން އިސްތަންބުލް އާއި އަންކާރާ ސިޓީ ކާމިޔާބުކޮށް، ވެރިކަން ކުރަމުން އަންނަ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ނިސްބަތްވެވަޑައިގަންނަވާ އޭކޭ ޕާޓީއަށް ފާއިތުވެދިޔަ 20 އަހަރު ތެރޭ ލިބިފައި  ނެތް ވަރުގެ ބޮޑު ނާކާމިޔާބެއް ލިބިއްޖެ އެވެ.

އިސްތަންބުލްގައި ނެގުނު ވޯޓުގެ %95 އިއްޔެ ގުނާ ނިމިފައި ވަނިކޮށް އެ ސިޓީގެ މޭޔަރު އަދި ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) ކެނޑިޑޭޓް އެކްރެމް އިމަމޮގްލޫ ވިދާޅުވީ އޭކޭ ޕާޓީގެ ކެންޑިޑޭޓް އެއް މިލިއަން ވޯޓުން ބަލިވެފައިވާ ކަމަށެވެ.

"ގައުމުން ދޭ މެސެޖު ނޭނގޭ މީހުންނަށް ނާކިޔާބީއާ ކުރިމަތިލާން ޖެހޭނެ،" އެތައް ހާސް ސަޕޯޓަރުންނާ ރޭ މުހާތަބުކޮށް ތަގްރީރު ކުރައްވަމުން، ކުރިން ވިޔަފާރިވެރިއެއް ގޮތުގައި މަސައްކަތް ކުރެއްވި، އިމަމޮގްލޫ ވިދާޅުވި އެވެ.

"މިއަދު، އިސްތަންބުލްގެ 16 މިލިއަން ރައްޔިތުން މިވަނީ އަހަރުމެންގެ ވާދަވެރިންނަށާއި ރައީސް އަށް މެސެޖެއް ފޮނުވާފައި."

ތުރުކީގެ ވެރިރަށް އަންކާރާއިން ކާމިޔާބު ހޯއްދެވި ސީއެޗްޕީ ޕާޓީގެ މޭޔަރު މަންސޫރް ޔަވާސް ވެސް ވިދާޅުވީ މި ނަތީޖާއިން "މި ގައުމުގައި ވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް ސާފު މެސެޖެއް" ލިބިގެން ގޮސްފައިވާ ކަމަށެވެ.

ތުރުކީގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ އިޒްމީރުގައި ވެސް ސީއެޗްޕީއިން ވާދަކުރި ކެނޑިޑޭޓު އުޅެނީ ވޯޓުން ކުރީގަ އެވެ.

ތުރުކީގެ ޖުމްލަ 81 ޕްރޮވިންސުން ސީއެޗްޕީއިން 36 ޕްރޮވިންސު ކާމިޔާބުކޮށްފައިވާ ކަމަށް ސަރުކާރުގެ ހަބަރުފަތުރާ އަނަދޮލޫ އެޖެންސީއިން ވަނީ ރިޕޯޓުކޮށްފަ އެވެ. މީގެ ތެރޭގައި ވެރިކަން ކުރަމުން އަންނަ އޭކޭ ޕާޓީއަށް ބޮޑު ތާއީދެެއް އޮތް ޕްރޮވިންސުތައް ވެސް ހިމެނެ އެވެ.

ވޯޓުގެ ނަތީޖާތަކާ އެކު އިދިކޮޅު އެތައް ހާސް ސަޕޯޓަރުންނެއް ވަނީ އިސްތަންބުލް އަށް އެއްވެ އުފާފާޅު ކޮށްފަ އެވެ.

އިންތިހާބުގެ ނަތީޖާއާ ބެހޭގޮތުން ރިޔާސީ ގަނޑުވަރުގެ ބެލްކަނީއިން ތަގްރީރު ކުރެއްވި ރައީސް އުރުދުގާން ވިދާޅުވީ އޭނާގެ ޕާޓީއަށް ނާކާމިޔާބީތަކެއް ލިބިފައިވާ ކަމަށާއި އެކަމާ މެދު ވިސްނާވަޑަައިގެން ހެއްދެވުނު ގޯސްތައް ރަނގަޅު ކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ތުރުކީގައި ބޭއްވި ލޯކަލް އިންތިހާބުގައި އިމަމޮގްލޫ ވަނީ އިސްތަންބުލްގެ މޭޔަރުކަން ކާމިޔާބު ކުރައްވާފަ އެވެ. އޭނާގެ ކާމިޔާބީ އޭރު ބެލެވިފައި އޮތީ 2002 ވަނަ އަހަރުން ފެށިގެން ތުރުކީގައި ވެރިކަން ކުރަމުން އަންނަ އޭކޭ ޕާޓީއަށް އެހާތަނަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީގެ ގޮތުގަ އެވެ. މި ނާކިޔާބީ ވަކިން ހާއްސަވީ ރައީސް އުރުދުގާން އަކީ އިސްތަންބުލް އަށް އުފަން ބޭފުޅަކަށް ވެފައި، އެ ސިޓީގެ މޭޔަރުކަން 1990ގެ އަހަރުތަކުގައި ފުރައްވާފައި ވުމުން ނެވެ. 

އިއްޔެގެ ނަތީޖާތަކާ އެކު ގައުމުގެ އެންމެ ތަހްޒީބުވެފައިވާ ސިޓީތަކުގެ ކޮންޓްރޯލު ހޯދުމަށް އުރުދުގާން ކުރައްވަމުން ގެންދެވި މަސައްކަތަށް މިވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ އެވެ.

ތުރުކީގެ ލޯކަލް އިންތިހާބުން ވެރިކަން ކުރާ އޭކޭ ޕާޓީއަށް ލިބުނު ކާމިޔާބީއާ ގުޅޭ (ވީޑިއޯ/ރޮއިޓާސް)

ތުރުކީގެ 81 ޕްރޮވިންސެއްގެ މޭޔަރުންނާއި، ޕްރޮވިންޝަލް ކައުންސިލް މެމްބަރުންނާއި ލޯކަލް އޮފިޝަލުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 61 މިލިއަން ރައްޔިތުން ތިއްބެވެ.

މި އިންތިހާބު ބެެލެވިފައި އޮތީ ގައުމު ވެއްޓިފައި އޮތް ބޮޑު އިގްތިސާދީ އަނދަވާ މެދު އާންމުން ސަރުކާރާ މެދު ދެކޭ ގޮތް ފާޅުކުރުމަށް ލިބުނު ފުރުސަތެއް ގޮތުގައި ކަމަށް މާހިރުން ލަފާކުރައްވާފައިވެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް