ރަސްގެފާނު ޗާލްސް 3 ވަނަ.
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ކެންސަރަށް ފަރުވާ ހޯއްދަވަނީ
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއަށް ކެންސަރު ޖެހިވަޑައިގެންފައިވާ ކަމަށް ޝާހީ ގަނޑުވަރު ބަކިންގްހަމް ޕެލަސް އިން ހާމަކޮށްފި އެވެ.
އެކަމަކު ރަސްގެފާނު ޗާލްސްއަށް ޖެހިވަޑައިގެންފައިވާ ކެންސަރުގެ ވައްތަރެއް ބަކިންގްހަމް ޕެލަސް އިން ހާމަކޮށްފައެއް ނުވެ އެވެ.
ޗާލްސްއަށް ކެންސަރު ޖެހިވަޑައިގެންފައިވާކަން ފާހަގަކުރެވުނީ މި ފަހުން ޕްރޮސްޓްރޭޓް ބޮޑުވެގެން ފަރުވާ ހޯއްދެވި އިރު ކަމަށް ބުންޏެވެ. ނަމަވެސް ޖެހިވަޑައިގެންފައި ވަނީ ޕްރޮސްޓްރޭޓް ކެންސަރެއް ނޫން ކަން ވަނީ އެނގިފަ އެވެ.
ބަކިންގްހަމް ޕެލަސް އިން ބުނީ ރަސްގެފާނު ކެންސަރު ބައްޔަށް ފަރުވާ ހޯދަން ފައްޓަވާފައި ވަނީ ހޯމަދުވަހު ކަމަށެވެ. މިއާ އެކު އާންމު ޒިންމާތައް އަދާކުރެއްވުން ރަސްގެފާނު ފަސްކުރައްވާނެ ކަމަށް ވެސް ޝާހީ ގަނޑުވަރުން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ރަސްކަމާ ހަވާލުވެވަޑައިގެންނެވި 75 އަހަރު ފުޅުގެ ޗާލްސް "ފަރުވާއާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ވީ އެންމެ އަވަހަކަށް އާންމު ހިދުމަތްތައް އަދާކުރެއްވުމަށް އެނބުރި ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް" ވެސް ޝާހީ ގަނޑުވަރުން ބުންޏެވެ.
އާލާސްކަންފުޅުގެ ވާހަކަ ޗާލްސް ވަނީ އޭނާގެ ދެ ދަރިކަލުންނާ ހިއްސާކުރައްވައިފަ އެވެ. ދޮށީ ދަރިކަލުން ޕްރިންސް އޮފް ވޭލްސް ވިލިއަމް ބައްޕާފުޅާ ގަވާއިދުން ވާހަކަ ދައްކަމުން ގެންދަވާ ކަމަށް ހަބަރުތައް ރިޕޯޓުކޮށްފައި ވާއިރު، އެމެރިކާގައި ދިރިއުޅުއްވާ ހަގު ދަރިކަލުން ޕްރިންސް ހެރީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއް ތެރޭގައި ބައްޕާފުޅު އަރިހަށް ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
އާންމު ހަފްލާތަކުގައި ބައިވެރިވެވަޑައިގަތުން ރަސްގެފާނު މަޑުޖައްސާލެއްވި ނަމަވެސް ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ފުރިހަމަކުރަން ޖެހޭ އިދާރީ މަސައްކަތްތަކާއި ބައްދަލުވުންތައް ޗާލްސް ކުރިއަށް ގެންދަވާނެ އެވެ.
ހަފްތާއަކު އެއް ފަހަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކްއާ އެކު ބާއްވަމުން ގެންދަވާ ބައްދަލުވުންތައް ވެސް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަވާނެ އެވެ.