ޗައިނާގެ އިލެކްޓްރިކް އުޅަނދު އުފައްދާ ކާރުހާނާއެއް.
ޗައިނާގެ އިލެކްޓްރިކް އުޅަނދުތަކާއި ސޯލާ ސެލްތަކަށް އެމެރިކާގައި ޑިއުޓީ ބޮޑުކޮށްފި
ޗައިނާއިން އެމެރިކާއަށް އެތެރެ ކުރާ އިލެކްޓްރިކް އުޅަނދުތަކާއި ސޯލާ ޕެނަލްތަކާއި ބައެއް އެހެނިހެން ތަކެއްޗަށް ދައްކަން ޖެހޭ ޑިއުޓީގެ މިންވަރު ބޮޑުކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވައިފި އެވެ.
ބޯޑަރުން އެތެރެ ކުރާ އިލެކްޓްރިކް ކާރުތަކަށް %100ގެ ޑިއުޓީއެއް ދައްކަން ޖެހޭ މި ޑިއުޓީއާ ބެހޭ ގިއުގަނޑު އެކުލަވާލީ އިންސާފުވެރި ނޫން ސިޔާސަތުތަކާއި އެމެރިކާގެ ވަޒީފާތައް ރައްކާތެރި ކުރަން ކަމަށް ވައިޓް ހައުން އިން ވަނީ ބުނެފަ އެވެ.
ނަމަވެސް މިއީ ސަރުކާރުން ރިޔާސީ އިންތިހާބު އޮންނަ އަހަރެއް ކަމަށް ވުން އެޅި ރަމްޒީ ފިޔަވަޅުތަކެއް ކަމަށް އެނަލިސްޓުން ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް ބައިޑަންއާ ދެކޮޅަށް ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވިފައިވާ ކުރީގެ ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ، އިލެކްޓްރިކް ކާރާ ބެހޭ ސިނާއަތަށް ބައިޑަން ދެއްވަމުން ގެންދަވާ ތާއީދާ ގުޅިގެން އެމެރިކާގެ އިލެކްޓްރިކް ނޫން ކާރު ސިނާއަތް މަރުވާނެ ކަމަށް ފާހަގަކޮށް ފާޑުވިދާޅުވަމުން ނެވެ.
އަންގާރަ ދުވަހު ވައިޓް ހައުސް އިން ބުނިގޮތުގައި، އަލަށް އެކުލަވާލި ޑިއުޓީގެ މިންގަނޑުތައް އަހަރަކު އެމެރިކާއަށް އިމްޕޯޓު ކުރާ 18 ބިލިއަން ޑޮލަރުގެ މުދަލަށް އަސަރު ކުރުވާނެ އެވެ.
އިލެކްޓްރިކް ވެހިކަލްތަކުގެ ޑިއުޓީ %25 އިން %100 އަށް އިތުރު ކުރުމުގެ އިތުރުން ޗައިނާއިން އެތެރެ ކުރާ ސޯލާ ސެލްތަކުގެ ޑިއުޓީ ވެސް %25 އިން %50 އަށް ބޮޑު ކުރަން ވޮޝިންޓަނުން ވަނީ ނިންމާފަ އެވެ.
އަދި ސްޓީލް އާއި އެލިމިނިއަމްގެ ބައެއް އުފެއްދުންތަކަށް ނަގަމުން އަންނަ %7.5ގެ ޑިއުޓީ %25 އަށް ވޮޝިންޓަނުން ވަނީ ބޮޑުކޮށްފަ އެވެ.
ޗައިނާއިން އިންސާފުވެރި ނޫން ވިޔަފާރި ސިޔާސަތުތަކެއް ގެންގުޅޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ވެސް ޗައިނާއިން އިމްޕޯޓް ކުރާ ގިނަ ބާވަތްތަކަކަށް ޑިއުޓީ އިތުރުކޮށްފައިވެ އެވެ.
ނަމަވެސް ޓްރަމްޕްގެ އެ ފިޔަވަޅުތަކާ ހިލާފަށް މިފަހަރު ޑިއުޓީ ބޮޑުކޮށްފައި ވަނީ ވަކި ވައްތަރެއްގެ އިމްޕޯޓުތަކަކަށް ކަމަށާއި މީގެ ސަބަބުން އެމެރިކާގެ އެތެރޭގެ އިންފްލޭޝަން މައްޗަށް ދާނެކަމަށް ލަފާ ނުކުރެވޭ ކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފަ އެވެ.