މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ސިޓީ ރެލިގޭޓްވިޔަސް އަހަރެން ހުންނާނީ އެ ކްލަބްގައި: ގާޑިއޯލާ
މެންޗެސްޓަ ސިޓީން ޕްރިމިއަ ލީގުގެ މާލީ އުސޫލުތަކާ ހިލާފުވިކަމުގެ 115 މައްސަލައެއްގައި ގޮތެއް ނިންމުން މިހާރު އޮތީ އެކަމަށް ހާއްސަކޮށް އެކުލަވާލި މިނިވަން ކޮމިޝަންގެ އަތްމަތީގަ އެވެ.
އެ ކޮމިޝަންގެ ނިންމުން އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކުރީކޮޅުގަ އެވެ. އެކަމަކު މިދިއަ ހަތަރު އަހަރުގެ ޗެމްޕިއަން ޓީމާ ދެކޮޅަށް އަޅާފާނެ ފިޔަވަޅުތުކާ މެދު ނޫސްވެރިންގެ ސުވާލުތައް ކޯޗު ޕެޕް ގާޑިއޯލާއާ ކުރިމަތިވެ އެވެ.
މިރޭ ޓޮޓެންހަމްއާ ދެކޮޅަށް (ރާއްޖޭ ގަޑިން 10:30ގައި) ކުޅޭ މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެކަމާ ބެހޭ ގޮތުން ގާޑިއޯލާ ވާހަކަދެއްކި އެވެ. އޭނާ ބުނީ ލީގު އެކަކަށް ސިޓީ ރެލިގޭޓް ވިޔަސް އޭނާ ހުންނާނީ އެ ކްލަބްގައި ކަމަށެވެ.
"އަހަރެމެން ގޯސް ކަމެއް ކުރިކަމަށް އެހެން ހުރިހާ ކްލަބަކުން ތުހުމަތުކުރުމުން މީހުން ބުނާނެ 'އަަހަރެމެން ރެލިގޭޓް ވިއްޔާ ދެން ވާނީ ކިހިނެއްހޭ؟' އެކަމާ ބެހޭ ގޮތުން ބުނެލަން އޮތީ އަހަރެން ހުންނާނަމޭ ހަމަ މި ކްލަބްގައި،" ގާޑިއޯލާ ބުންޏެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް އޭނާ ވަނީ އެ ވާހަކަ ދައްކައިފަ އެވެ. އެގޮތުން އޭރު ބުނި ގޮތުގައި ލީގު ވަންއަށް ރެލިގޭޓްކުރިޔަސް ސިޓީ ދޫކޮށްލާފައި އޭނާ ނުދާނެ އެވެ.
އިނގިރޭސި ވިލާތުގެ ފުޓްބޯޅަ ހައިރާކީއަށް ބަލާއިރު ލީގު އެކަކީ ތިންވަނަ ޑިވިޒަނެވެ. އެންމެ މަތީގައި އޮތީ ޕްރިމިއަ ލީގެވެ. އެއާ ޖެހިގެން ޗެމްޕިއަންޝިޕެވެ. ދެން ލީގު އެކެކެވެ.
ގާޑިއޯލާ ބުނީ އަދަބެއްގެ ގޮތުން ސިޓީ ރެލިގޭޓްކުރިޔަސް އެނބުރި ޕްރިމިއަ ލީގަށް އަންނާނެ ކަމަށެވެ.
ސިޓީއާ ދެކޮޅަށް ފިޔަވަޅު އަޅަން %75 ކްލަބުން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފަހަތުގައި ތިބެގެން އެ މީހުން ކުރާ ކަންތައް އަހަންނަށް އެނގޭ. އެކަމަކު އަހަރެން ބޭނުމެއް ނޫން އެކަމާ ވިސްނާކަށް. އަހަރެން މި އުޅެނީ ހަތަރު ބައްޔާ އެކު ދެން އަހަންނަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލަން،" ގާޑިއޯލާ ބުންޏެވެ.
އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ނުކުންނަ އިރު ސިޓީން އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. މިއީ 2016ގައި ސިޓީގެ ކޯޗުކަމާ ގާޑިއޯލާ ހަވާލުވި ފަހުން ޖެހިޖެހިގެން އެހާ ގިނަ މެޗުން ބަލި ފުރަތަމަ ފަހަރެވެ.