ރޭ ޓޮޓެންހަމް ހޮޓްސްޕާ ކޮޅަށް ދެ ލަނޑު ޖެހި މެންޗެސްޓަ ސިޓީގެ އާލިން ހާލޭންޑް އުފާ ފާޅުކުރަނީ
ޓޮޓެންހަމް ބަލިކޮށް ސިޓީގެ ޒިންމާ އަދާކޮށްފި، ދެން އޮތީ އާދިއްތަދުވަހުގެ ފަހު މެޗުތައް
ރޭގެ ކުރިން މެންޗެސްޓަ ސިޓީއަށް ޓޮޓެންހަމް ހޮޓްސްޕާގެ އާ ދަނޑުގައި ލީގު އެންމެ ލަނޑެއް ވެސް ނުޖެހެ އެވެ. މެޗުގެ 51 ވަނަ މިނިޓާ ހަމައަށް ހުރިހާ ކަމެއް ވެސް ފެނުނީ އެ ބަދުނަސީބު ތަކުރާރުވާ ކަހަލަ ގޮތަކަށެވެ.
ނަމަވެސް އާލިން ހާލޭންޑަށް ގޯލުގެ ހަމަ ކުރިމަތިން ހުހަށް ލިބުނު ބޯޅަ، ކުޅުންތެރިއެއްގެ ގައިގައި ވެސް، ދަނޑީގައި ވެސް ނުޖެހެ އެވެ. ނުވަތަ ގޯލުން ބޭރަކަށް ވެސް ނުދިޔަ އެވެ. އެ ލަނޑާ އެކު ޓޮޓެންހަމްގެ އަމިއްލަ ދަނޑުގެ އަމިއްލަ ސަޕޯޓަރުން އުފަލުން ހަޅޭއްލަވަން ފެށި އެވެ. ބައެއް ސަޕޯޓަރުން އެއް އަޑަކުން ގޮވަމުން ދިޔައީ 'އާސެނަލް، ކަލޭމެންނަށް ފެނޭ ހެއްޔޭ' އެވެ.
ޓޮޓެންހަމްގެ އެންމެ ވާދަވެރި ޓީމަކީ އާސެނަލް އެވެ. އެހެންކަމުން ރޭގެ މެޗުން ޓޮޓެންހަމް މޮޅުވެ، ލީގު ޗެމްޕިއަންކަން އާސެނަލްއަށް ލިބެން މަގު ފަހިވާކަށް %56 ސަޕޯޓަރުން ބޭނުމެއް ނުވި އެވެ.
އެކަމަކު ޓޮޓެންހަމްގެ ކުޅުންތެރިންގެ އޮތީ މޮޅުވެ، ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ އަޒުމެވެ. ސިޓީން ޖެހި ހަމައެކަނި ލަނޑާ އެކު މެޗު ނިމެން ދަނިކޮށް، ޓޮޓެންހަމްގެ ކެޕްޓަން ސަން ހިއުންގް މިންއަށް ހުސްކޮށް ލިބުނު ބޯޅަ، ސިޓީގެ ބަދަލު ކީޕަރު ސްޓެފަން އޮރެޓޭގާ މަތަކުރުމަކީ، މުޅި މެޗުގެ އެންމެ ބޮޑު ދިރުމެވެ. ނުވަތަ ސިޓީއާ އެކު އާސެނަލްގެ ވެސް ބަދުނަސީބެވެ.
އިތުރު ވަގުތުގައި ހާލޭންޑް ވަނީ ލިބުނު ޕެނެލްޓީއަކުން ނަތީޖާ 2-0އަށް ބަދަލުކޮށްފަ އެވެ.
މިހާރު މި އޮތީ އިނގިރޭސި ލީގު ހޯދޭ ބަޔަކު ކަނޑައަޅަން އަންނަ އާދިއްތަދުވަހު އެއް ގަޑިއެއްގައި ކުޅޭ 10 މެޗުގެ ތެރެއިން ސިޓީ އާއި އާސެނަލްގެ ދެ މެޗުގެ ނަތީޖާއަށް ބަލަން ޖެހިފަ އެވެ. ތާވަލްގެ ހާލަތަކީ މި އެވެ:
-
1-
މެންޗެސްޓަ ސިޓީ، ކުޅުނު 37، ޕޮއިންޓް 88 (ފައިދާ ގޯލް: 60)
-
2-
އާސެނަލް، ކުޅުނު 37، ޕޮއިންޓް 85 (ފައިދާ ގޯލް: 61)
ސިޓީގެ އަމިއްލަ ދަނޑުގައި ނުކުންނާނީ ވެސްޓް ހެމްއާ ދެކޮޅަށެވެ. އާސެނަލް އަމިއްލަ ދަނޑުގައި ވާދަކުރާނީ އެވަޓަންއާ އެވެ. މި މެޗު އެއްވަރުވެ ނުވަތަ ސިޓީ ބަލިވެއްޖެ ނަމަ އާސެނަލް މޮޅުވެގެން ޗެމްޕިއަންކަން ހޯދޭނެ އެވެ. އެކަމަކު އާސެނަލްގެ މެޗު އެއްވަރުވެ ނުވަތަ ބަލިވެއްޖެ ނަމަ ސިޓީ އެ ހަދަނީ އިނގިރޭސި ލީގުގެ މުޅިން އާ ރެކޯޑެކެވެ: ޖެހިޖެހިގެން ހަތަރު ފަހަރަށް ޗެމްޕިއަންކަން ލިބުމެވެ.