ބްރައިޓަން އަތުން ފަހަތުން އަރައި 2-1 އިން ލިވަޕޫލް މޮޅުކޮށްދިން ލަނޑު މުހައްމަދު ސަލާހު ޖަހަނީ
ގަދަ ތިން ޓީމުގެ މެޗުތައް ނިމި ލިވަޕޫލް ތާވަލްގެ ކުރި ހޯދައިފި
އިނގިރޭސި ޕްރިމިއަ ލީގުގައި މި ފަހުން ފެނުނު އެންމެ ވާދަވެރި ތިން ޓީމުގެ މެޗުތައް މިރޭ ނިމުނު އިރު، ފަހު ވަގުތު މުހައްމަދު ސަލާހު ލިވަޕޫލް ސަލާމަތްކޮށްދިނުމާއި މެންޗެސްޓަ ސިޓީ އާއި އާސެނަލް މެޗު އެއްވަރުވުމުން، ލިވަޕޫލް ތާވަލްގެ ކުރިއަށް އަރައިފި އެވެ.
އެއް ހަމައެއްގައި ވާދަކުރަމުން އަންނަ ތިން ޓީމުގެ ތެރެއިން މިރޭ ކުޅުނު ފުރަތަމަ މެޗުގައި ލިވަޕޫލަށް ކުރިމަތިވީ ބްރައިޓަންގެ އުނދަގުލެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗުގެ ދެ ވަނަ މިނިޓްގައި ބްރައިޓަން އިން ލަނޑު ޖަހައި ހޯދި ލީޑާ އެއްވަރުކުރީ 27 ވަނަ މިނިޓްގަ އެވެ.
ލިވަޕޫލް މޮޅުކޮށްދިން ލަނޑު ސަލާހު ޖެހީ 65 ވަނަ މިނިޓްގަ އެވެ.
މި ވަގުތު މުހިންމީ ތިން ޕޮއިންޓްކަމުން ލިވަޕޫލް އެ ލަނޑުދަނޑި ހާސިލްކުރި އެވެ. މެޗަށް ނުކުތް އިރު އާސެނަލް އޮތީ އެއް ޕޮއިންޓުން ކުރީގަ އެވެ. ނަމަވެސް ސިޓީގެ ދަނޑުގައި އާސެނަލް އާއި ސިޓީ ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން، ލިވަޕޫލް މިހާރު އޮތީ ދެ ޕޮއިންޓްގެ ތަފާތުން އެއް ވަނައަށް އަރައިފަ އެވެ.
ޕްރިމިއަ ލީގުގެ ގަދަ ފަހެއް
-
1-
ލިވަޕޫލް، ކުޅުނު 29، ޕޮއިންޓް 67
-
2-
އާސެނަލް، ކުޅުނު 29، ޕޮއިންޓް 65
-
3-
މެންޗެސްޓަ ސިޓީ، ކުޅުނު 29، ޕޮއިންޓް 64
-
4-
އެސްޓަން ވިލާ، ކުޅުނު 30، ޕޮއިންޓް 59
-
5-
ޓޮޓެންހަމް، ކުޅުނު 29، ޕޮއިންޓް 56
މިދިއަ ތިން އަހަރުގެ ޗެމްޕިއަން ސިޓީ އާއި އާސެނަލްގެ މުޅި މެޗު ކޮންޓްރޯލްކޮށްގެން ސިޓީ ކުޅުނު ނަމަވެސް، ގޯލަށް އަމާޒުކޮށްލެވުނީ ވަރަށް މަދު ހަމަލާއެކެވެ. އެއަށް ވުރެ ބޮޑަށް އާސެނަލް ކުޅުނީ ދިފާއީ ކުޅުމެކެވެ. މިއީ 2022ގެ ފަހުން ޕްރިމިއަ ލީގުގައި ސިޓީއަށް ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.