ސެރޭނާ ވިލިއަމްސް އޭނާގެ ދަރިފުޅާ އެކު ތައްޓެއް ހިފައިގެން: ޓެނިސް ކުޅުމާ ދުރަށް ދަނީ ހަޔާތުގައި އެއަށް ވުރެ މުހިންމު ކަންކަން މިހާރު ހުރުމުން ކަމަށް ބުނި
ސެރޭނާ އާއި ޓެނިސް އަދި ސްޓައިލް
ނިއު ޔޯކްގައި އޮތް ޔޫއެސް އޯޕަން ޓެނިސް މުބާރާތެވެ. ދުނިޔޭގެ އެންމެ ބޮޑު ހަތަރު ޓެނިސް މުބާރާތް ނުވަތަ ގްރޭންޑް ސްލޭމްގެ ތެރެއިން އެއް މުބާރާތެވެ. އުމުރުން އެންމެ 17 އަހަރުގެ އަންހެން ކުޅުންތެރިޔަކު ދުނިޔެ ހައިރާންކޮށްލި އެވެ. އޭރުގެ އެންމެ ޓޮޕް ތިން ކުޅުންތެރިން، ކްއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލްގައި ބަލިކޮށް، ޗެމްޕިއަންކަން ހޯދައިގެންނެވެ.
އެއީ ސެރޭނާ ވިލިއަމްސް އެވެ. އެއީ 1999 އެވެ. އެ ކާމިޔާބީއާ އެކު ދެން ވޭތުވި 20 އަހަރަށް ވުރެ ދިގު މުއްދަތުގައި، ސެރޭނާ ވީ ދުނިޔެ ދުށް އެންމެ ކާމިޔާބު އެއް އަންހެން ކުޅުންތެރިޔާއަށެވެ. އޭނާގެ 23 އަހަރުގެ ޓެނިސް ހަޔާތުގައި 23 ގްރޭންޑް ސްލޭމް ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވެ އެވެ.
ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ސެރޭނާ ހޯދީ އޭރުގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ މާޓިނާ ހިންގިސްއާ ވާދަކޮށް މޮޅުވެގެންނެވެ. ފައިނަލަށް ދިއުމުގެ ކުރިން ކްއާޓާ ފައިނަލްގައި އޭރު ދުނިޔޭގެ ހަތަރު ވަނަ ކުޅުންތެރިޔާ މޮނިކާ ސެލެސް، ސެމީ ފައިނަލްގައި ދެ ވަނަ ކުޅުންތެރިޔާ ލިންޑްސޭ ޑެވަންޕޯޓް ވެސް ބަލިކުރި އެވެ.
ސެރޭނާއަކީ މޮޅުވަން ހިތްވަރުކުރުމުގައި ނަމޫނާއެކެވެ. އެއްވެސް މެޗެއްގައި ފަސޭހައިން އޭނާ ދުލެއް ނުކުރެ އެވެ. ކޮންމެ މެޗެއް ވެސް އޭނާއަށް ފައިނަލެކޭ އެއްފަދަ އެވެ. އެ ހިތްވަރުގެ ސަބަބުން ސެރޭނާއަކީ ކޮންމެ ކުޅުންތެރިޔަކަށް ވެސް ބަލިކުރަން އުނދަގޫ ވާދަވެރިއެކެވެ. އޭނާއާ ދެކޮޅަށް ނުކުންނަން ޖެހިލުން ވެސް ވެ އެވެ.
މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށްފައި ވަނީ މާގްރެޓް ކޯޓް އެވެ. އޭނާގެ ޖުމްލައަކީ 24 އެވެ. މި މަހު ނިއު ޔޯކްގައި އޮންނަ ޔޫއެސް އޯޕަންއަށް ފަހު ކުޅުމާ ދުރަށް ދާނެކަން އިއުލާންކޮށްފައިވާ ސެރޭނާގެ އަދަދަކީ 23 އެވެ. އެހެންކަމުން ސެރޭނާއަށް އެ ރެކޯޑާ އެއްވަރުކުރުމުގެ ފަހު ފުރުސަތަކީ ވެސް ޔޫއެސް އޯޕަން ކަމަށް ބަލަން ޖެހެ އެވެ.
ޓެނިހަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅިވަރެވެ. ޓެނިހުގެ ތަރިންގެ ނަން ވެސް އެހާމެ މަޝްހޫރެވެ. ސެރޭނާ ހިމެނެނީ ހަމައެކަނި މޮޅު ކުޅުންތެރިންގެ ލިސްޓްގައި އެކަންޏެއް ނޫނެވެ. ޓެނިސް މެޗުތަކުގައި އޭނާ ލާ ހެދުންތަކަށް ވެސް އެތައް ބައެއްގެ ސަމާލުކަން ލިބެ އެވެ. އެކި ފާޑުގެ އަންނައުނު އިސްތިހާރުކުރަން މޮޑެލްއެއްގެ ގޮތުގައި ވެސް ސެރޭނާ މަސައްކަތްކުރެ އެވެ. އެހެންކަމުން މެޗުތަކުގައި އޭނާ ލާ އެއްޗެހި ފޭނުންގެ މެދުގައި މަގުބޫލުވެ އެވެ.
ސެރޭނާއަކީ އަންހެން އެއްވަނަ ކުޅުންތެރިޔާގެ މަގާމުގައި ތިން ވަނައަށް އެންމެ ގިނަ ދުވަހު ދެމިހުރި ކުޅުންތެރިޔާ އެވެ. އެގޮތުން އޭނާ 319 ހަފުތާ ވަންދެން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމު ދެމެހެއްޓި އެވެ. އޭނާއަށް ވުރެ ދިގު މުއްދަތެއްގައި އެ މަގާމުގައި ހުރީ ޖަރުމަންގެ ސްޓެފީ ގްރާފް (377 ހަފުތާ) އާއި އެމެރިކާގެ މާޓިނާ ނަވަރަޓިލޯވާ (332 ހަފުތާ) އެވެ.
ޓެނިހުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ސެރޭނާގެ އެންމެ މުހިންމު ސިފަޔަކީ ފެންވަރުގައި ހުންނަން ކުރާ މަސައްކަތެވެ. ދުނިޔޭގެ އެންމެ މަތީ ލެވެލްގައި 23 އަހަރު ދެމިހުރުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. ލިބޭ އަނިޔާތައް ވެސް ބޮޑެވެ. އެ އަނިޔާތަކުން ސަލާމަތްވެ، އަނެއްކާވެސް އެންމެ މަތީ ހަރުފަތުގައި ވާދަކުރަން ސިކުނޑި ތައްޔާރުކުރުމަކީ ވެސް، ގިނަ ކުޅުންތެރިންގެ ކިބާގައި ހުންނަ ހިތްވަރަކަށް ވެސް ނުވެ އެވެ. އެކަމަކު ސެރޭނާ ދެއްކީ ނަމޫނާ އެވެ.
ހަމައެކަނި ކޯޓުގައި ޓެނިސް މެޗެއް ކުޅެފައި ސެރޭނާ ނިންމައެއް ނުލަ އެވެ. އެއްވެސް ކަހަލަ ބޭއިންސާފެއް ފެނިއްޖެ ނަމަ އެ އަޑު އިއްވަ އެވެ. މީގެ ތިން އަހަރު ކުރިން 2918ގައި އޮތް ޔޫއެސް އޯޕަން ފައިނަލް މެޗުގައި ސެރޭނާ ބަލިވީ އަމްޕަޔަރާ ދިމާއަށް 'ވަގެކޭ' ގޮވުމުން ޕޮއިންޓް އުނިކުރުމުންނެވެ.
ސެރޭނާ ބުނި ގޮތުގައި ފިރިހެން ކުޅުންތެރިއެއް ނަމަ އެކަހަލަ އެއްޗެކޭ ބުނެގެން އަމްޕަޔަރުން އެފަދަ ގޮތަކަށް ޕޮއިންޓެއް އުންޏެއް ނުކުރާނެ އެވެ. އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅީ އަންހެނަކަށް ވާތީ ކަމަށް ބުންޏެވެ.
ސެރޭނާގެ އެ ވާހަކައަށް ކުރީގެ ބައެއް ކުޅުންތެރިން ތާއީދުކުރި އެވެ.
ސެރޭނާގެ ދައްތަ ވީނަސް ވިލިއަމްސްއަކީ ވެސް މޮޅު ޓެނިސް ކުޅުންތެރިއެކެވެ. މި ދެ ކުޅުންތެރިން ގްރޭންޑް ސްލޭމްގެ ބައެއް ފައިނަލްގައި ބައްދަލުކޮށްފައިވެ އެވެ. އަދި އެކުގައި ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދި އެވެ. މި ދެ ކުޅުންތެރިން އޮލިމްޕިކްސްގައި ކާމިޔާބުކުރި ހަތަރު ރަން މެޑެއްޔަކީ މިހާތަނަށް ގޭމްސްގެ ރެކޯޑެކެވެ.
ކާމިޔާބީތަކުން ފުރިފައިވާ ކުޅިވަރުގެ ހަޔާތަކަށް ފަހު ސެރޭނާ، 40، މި މަހު ކުޅުން ހުއްޓާލަނީ، އޭނާ ބުނި ގޮތުގައި، އެއަށް ވުރެ މުހިންމު އެހެން ކަންކަން ހަޔާތުގައި ހުރުމުންނެވެ. އެގޮތުން އޭނާގެ ދަރިފުޅަށް ވަގުތު ދިނުމާއި އިތުރު ދަރިން ހޯދުމުގެ އުއްމީދު ހިމެނެ އެވެ.
އެކަމަކު ސެރޭނާގެ މި ވަކިވުމަކީ އަންހެން ޓެނިހަށް ވެސް އަދި މުޅި ޖުމްލަކޮށް ދުނިޔޭގެ ޓެނިހަށް އަންނާނެ ހުސްކަމެކެވެ. ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި އެފަދަ އެހެން ކުޅުންތެރިއެއް ކައިރި މުސްތަގުބަލެއްގައި ފެނުމަކީ ވެސް ދުރު ކަމެކެވެ.