އަމީނީމަގުގައި ހުރި ގަސްތައް ކަނޑަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތިމާވެށި

ފެހިކަމާ އެކު ތަރައްގީ ގެނެވޭނެ އެއްވެސް ގޮތެއް ނެތީބާ؟

ކޮންކުރީޓު ޖަންގައްޔެއްގެ ގޮތުގައި ސިފަކުރެވޭ މާލޭގެ ފެހިކަން ހައްތަހާ ކުޑަވާ ގޮތަށް ކުރިއަށް ގެންދާ އަމީނީމަގު ހެދުމުގެ މަޝްރޫއުއަށް އާއްމުން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުން
22 ސެޕްޓެމްބަރު 2022

މާލޭގެ އެއްކޮޅުން އަނެއްކޮޅަށް ދެމިގެންދާ އަމީނީމަގަކީ މޫސުން ރަނގަޅު ދުވަހެއްގައި މާލޭގެ އެންމެ ހިތްފަސޭހަ އެއް މަގެވެ. ނަމަވެސް، މިވަގުތު އެ މަގުން ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ތިރީހަކަށް އަހަރު ދުވަހުން ހެދިފައި ހުރި، ހިޔާ ލިބޭ، ބިޔަ ގަސްތައް ކޮނެގެން ނަގާ ތަނެވެ.

އަމީނީމަގަކީ އަޑިގުޑަން ގިނަ، ވާރޭ ވެހޭ ކޮންމެ ފަހަރަކު ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާ މަގެކެވެ. އެ މަގުން ހިނގާބިނގާވެ އުޅުމަށާއި ވެހިކަލް ދުއްވުމަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް އާންމުން އައީ ސަރުކާރުގެ ކިބައިން ވަރަށް ބޮޑަށް އެދެމުންނެވެ. މައްސަލައަކީ، އެ ހައްލު ހޯދުމަށްޓަކައި، އަމީނީމަގުގެ ދެ ފަރާތުގައި ހައްދާފައިވާ 145 ވަރަކަށް ގަސް ގުރުބާން ކުރުމެވެ.

އަމީނީމަގު ހެދުމުގެ މަޝްރޫއުގައި އެ މަގުގެ ގަސްތަކެއް ކޮށާލާފައި: އަމީނީމަގުގައި ހުރި ހިޔާދޭ ބޮޑެތި ގަސްތައް ނަގަން ވަނީ ނިންމާފައި (ފޮޓޯ/ޓްވިޓާ/އަފްރާހު އިސްމާއީލް)

މާލޭގައި ދިރިއުޅޭ ގިނަ މީހުންނަށް އަމީނީމަގުގެ ގަސްތަކަކީ އަގުހުރި ތަރިކަ އެކެވެ. ހިޔާދޭ ބޮޑެތި ގަސްތައް ނުހަނު މަދު މި ސިޓީގައި ރަތްދަކަ އަވިން ސަލާމަތް ކޮށްދޭ ހިޔަލެކެވެ. ގަސްތައް ކަނޑާތަން ބަލާކަށް އެ މީހުންގެ ހިތެއް ނޭދެ އެވެ.

އެހެންކަމުން، މި މަޝްރޫއު ގަސްތައް ނުނަގާ ކުރިއަށް ގެންދާނެ ގޮތެއް ހޯދަން ގޮވާލައި، 84 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓްގެ ސައްހަކަމާ މެދު އެކި ފަރާތްތަކުން ގެންދަނީ ސުވާލު ވެސް އުފައްދަމުންނެވެ.

އާއްމުންނަށް ބޮޑު ދެރައެއް

ސޭވް މޯލްޑިވްސް ކެމްޕެއިންގެ ވޮލަންޓިއަރު ހުމައިދާ އަބްދުލްޣަފޫރު (ހުމޭ)، ގަސްތައް ނަގައިގެން އަމީނީ މަގުގައި ތާރު އެޅުމުގެ މަޝްރޫއު ސިފަކުރެއްވީ ސިއްހީ ނުރައްކަލެއްގެ ގޮތުގަ އެވެ.

"މާލެ އަކީ އިންތިހާއަށް ހޫނު ގަދަ ތަނެއް. އެހެންވީމަ މާލޭގެ ފިނިކަން ގެއްލުވާލުމަކީ މާލޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް. މިހާރު ވެސް މާލޭގެ ޕޮލިއުޝަން އެހާ މަތި،" ހުމައިދާ ވިދާޅުވި އެވެ. 

އަމީނީމަގުގައި ހުރި ގަސްތައް ކޮށާލުމަށް ފަހު ގޮފިތައް ނަގަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މާލޭގެ ވައި ނުސާފުވުމުގެ ސަބަބުން މިހާރު ވެސް އެކި މީހުންނަށް ނޭވާލާ ނިޒާމުގެ މައްސަލަތަކާއި ހަމުގެ މައްސަލަތަކާއި އެންޒައިޓީ ކުރިމަތިވާކަމާއި ހޫނު ގަދަވުމުގެ ސަބަބުން ވަކި ގަޑިތަކެއްގައި މަގުމައްޗަށް ނުކުތުމަށް އުނދަގޫވާކަން ހުމައިދާ ފާހަގަކުރެއްވި އެވެ. އަދި ގަސްތަކުން ލިބޭ ފައިދާ އަށް ނުބަލާ އަމީނީމަގުގެ މަޝްރޫއު ކުރިޔަށް ގެންދާތީ އޭނާ ނުރުހުން ފާޅުކުރެއްވި އެވެ.

އަމީނީމަގުގެ މަސައްކަތް ނިމޭއިރު ގަސް އިންދެން ހުރި ތަންތަނުގައި ގަސް އިންދާނެ ކަމަށާއި މަގު އިތުރަށް ފެހިކުރުމަށް ޓްރީ ޕިޓް ވެސް ބަހައްޓާނެ ކަމަށް، ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް ކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވަނީ ބުނެފަ އެވެ. އަދި އަމީނީމަގުން ނަގާ ގަސްތައް، މާލޭގައި އުޅޭ މީހުން ދަތުރު ދާން ހަދަމުން އަންނަ، ކ. ކުޑަގިރީގައި އިންދަން އެ ރަށަށް ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ނަމަވެސް، ކުޑަގިރިއަށް ގަސްތައް ގެންދިޔުމަކީ އަމީނީމަގަށް ހިޔާ ލިބޭނެ ގޮތެއް ނޫން ކަމަށް ބުނެ، އާންމުން ދަނީ އެ ނިންމުމަށް ފާޑުކިޔަމުންނެވެ. 

އަމީނީމަގު ހެދުމުގެ މަޝްރޫއު ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/އާރްޑީސީ)

ގޮންޖެހުމަކީ މާލެ ތަރައްގީކޮށްފައި އޮތް ގޮތް

އާރްޑީސީ އިން ބުނެފައި ވަނީ އަމީނީމަގު ތަރައްގީ ކުރަން ފުރަތަމަ ނިންމާފައި އޮތީ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެ، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ. ނަމަވެސް، މާލޭގެ އެހެނިހެން މަގުތަކެކޭ އެއްގޮތަށް، އަމީނީމަގަކީ ވެސް ފެނާއި ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތަކެއް ވެސް ވަޅުލާފައިވާ މަގަކަށް ވާތީ، އެ ގޮތަށް އެ މަސައްކަތް ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް އާރްޑީސީން ބުންޏެވެ. އޭގެ ސަބަބަކީ، އެ ކުންފުނިން ބުނިގޮތުގައި، މަގުގައި ވަޅުލާފައި ހުރި ހޮޅިތަކާއި ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވުމެވެ.

ދުރާލާ ޕްލޭން ކޮށްގެން މަޝްރޫއުތައް ހިންގާ ނަމަ ހިތްފަސޭހަ މާހައުލެއް ބިނާކޮށް، ފެހިކަމާ އެކު ވެސް އާބަން ތަރައްގީ ގެނެވޭނެ ކަމުގެ މިސާލު ހުޅުމާލެއިން ފެންނަން އެބައޮތެވެ. މާލެއާ ބްރިޖަކުން ގުޅުވާލާފައި އޮތް ހުޅުމާލެ އަކީ ހިއްކި ބިމެއްގައި، ތާރު އަޅާފައިވާ މަގުތަކެއްގެ ދެ ފަރާތުގައި ގަސް އިންދާފައިވާ ފެހި ސިޓީ އެކެވެ. މާލޭގައި ދިރިއުޅޭ ގިނަ މީހުން ހިތްހަމަޖައްސާލާ، މުނިފޫހިފިލުވާލާ، ވަގުތު ހޭދަކޮށްލަން ދާ ތަނެވެ. 

މައްސަލައަކީ މާލެއަކީ އެ ގޮތަށް ޕްލޭންކޮށްފައި އޮތް ސިޓީއަކަށް ނުވާ ކަމެވެ.

ހުޅުމާލޭގެ މަގެއް: ދެ ފަރާތުން ހައްދާފައިވާ 'ޔެލޯ ރެއިން' ގަސްތަކުގައި ކޮންމެ ޑިސެމްބަރު މަހެއްގައި ރީނދޫ މާ އަޅާ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހުޅުމާލެ ތަރައްގީކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ގްރީނިން ސައިޓްގެ އެސިސްޓަންޓް މެނޭޖަރު އިބްރާހިމް ޝަރުމީލް ވިދާޅުވިގޮތުގައި ރަނގަޅަށް ޕްލޭންކޮށްގެން އެ ތަނަކާ އެކަށީގެންވާ އަދި ރާއްޖޭގެ މާހައުލާ ގުޅޭ ގަސް އިންދާ ނަމަ، ގަހުގެ ސަބަބުން މަގުތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ އެވެ.

"ގިނަ ގަސްތަކުން ދިމާވާ މައްސަލައަކީ މޫތައް މާ ބޮޑަށް ފެތުރޭތީ. އަޅުގަނޑުމެން ހުޅުމާލޭގައި ގަސް އިންދާ އިރު މި އިންދަނީ މޫތައް ބޮޑަށް ދަތުރު ނުކުރާ ގަސްތައް ބަލާފައި،" އޭނާ ވިދާޅުވި އެވެ. 

އަމީނީމަގުގައި ގިނައިން ހުރީ އޮފިއެލޭ ގަހެވެ. ޝަރުމީލް ވިދާޅުވީ އޮފިއެލޭ ގަހަކީ މޫތައް ވަށައިގެން ފެތުރޭ ގަހެއް ކަމަށެވެ. ބެލެވޭ ގޮތުގައި އަމީނީމަގުގައި ވަޅުލާފައިވާ ހޮޅިތަކާއި ކޭބަލްތަކަށް ގަސްތަކުގެ މުލުގެ އަސަރު ކޮށްފައިވަނީ އެހެންވެ އެވެ.

އަމީނީމަގުގައި އަދި ފެހިކޮށް އޮތް ހިސާބެއް

އަމީނީމަގަށް މި ނޫން ގޮތެއް ނެތީބާ؟

ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބޭ ވާހަކަ އާއި ބޮޑު ހަރަދު ކޮށްގެން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކުން ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއް ނުނިކުންނަ ކަމުގެ ޝަކުވާ ނުހަނު ބޮޑެވެ.

މަޝްރޫއުތައް ފަރުމާކުރާއިރު ރާއްޖެއަށް އެންމެ އެކަށީގެންވާ އުސޫލުން، ތިމާވެއްޓަށް ލިބޭ ގެއްލުން ވީހާ ވެސް ކުޑަވާނެ ގޮތަށް ކަންކަން ކުރަން އެކި ފަރާތްތަކުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ. ތިމާވެށި ސުންނާފަތި ނުކޮށް ތަރައްގީ ގެނެވޭނެ ފަދަ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ދުނިޔޭގައި މިހާރު އެބަހުއްޓެވެ. 

ފަހަރުގައި، ރާއްޖޭގައި މަޝްރޫއުތައް މި ހިންގަނީ އެންމެ ފަސޭހަ އަދި ހަރަދުކުޑަ ގޮތަށެވެ.

ގަހުގެ މޫ ފައިބައިފައި ހުރީ ހަމައެކަނި އަމީނީމަގުގައި ނޫންކަން ފާހަގަކުރައްވައި ހުމޭދާ ވިދާޅުވީ މުލުގެ ސަބަބުން ކޭބަލްތަކަށް ގެއްލުން ލިބި، ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އާރްޑީސީއިން ބުނި ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ. ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ގަސްތަކާއި މޫތައް ހުރެގެން މިފަދަ މަޝްރޫއުތައް ހިންގާ ކަމަށާއި ރާއްޖޭގައި ނުކުރެވިގެން އުޅޭ ކަމަކީ ދެފުށްފެންނަ ގޮތަށް މަޝްރޫއުއެއް ރާވާ ތަންފީޒު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަޝްރޫއުތައް މި ހިންގަނީ މަޝްރޫއު ހިންގާ މީހުންގެ މަންފާއަށް ކަމަށް އަޅުގަނޑަށް ބޮޑަށް ގަބޫލު ކުރެވެނީ. ދިވެހި ރައްޔިތުންނަށް ކޮންމެހެން މަންފާ ހޯދާކަށް ނޫން މިކަން ކުރަނީ،" ހުމޭދާ ވިދާޅުވި އެވެ.

އަމީނީމަގުގައި ހުރި ގަސްތައް ކޮށަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މާލެ ވެސް ފެހިކުރެވިދާނެ

ޝަރުމީލް ވިދާޅުވިގޮތުގައި ސިޓީތަކުގައި ގަސް އިންދާ އިރު ހުރިހާ ގޮތަކުން ވިސްނަން ޖެހެ އެވެ؛ އިންދަންވާނީ މޫތަކުން ގެއްލުން ނުލިބޭ، ދުއްވާ އެއްޗެއްސަށް އުނދަގޫ ނުވާ، ރާއްޖޭގެ މޫސުމަށް އެކަށީގެންވާ އަދި ސީދަލަށް، ފަސޭހައިން ހެދޭ ބާވަތްތަކުގެ ގަހެވެ. މިސާލެއްގެ ގޮތުގައި ޝަރުމީލް ނެންގެވީ އަނބުގަސް، ދަނބުގަސް، ރީނދޫ ވާރޭ ގަސް (ޔެލޯ ރެއިން ޓްރީ) އަދި މެހޯގަނީ ފަދަ ގަސްތަކެވެ. އަދި ހާއްސަކޮށް މޫނިމާ ގަހަކީ މާލޭގެ ހަނި މަގުތަކަށް ވަރަށް އެކަށީގެންވާ ގަހެއް ކަމަށް ޝަރުމީލް ވިދާޅުވި އެވެ. އެއީ ބައްޓަން ރަނގަޅު، ހިޔާ ލިބޭ، އަދި ވަށައިގެންވާ ސަރަހައްދަށް މުލުގެ އަސަރެއް ނުކުރާ ގޮތަށް ހެދޭ ގަހަކަށް ވާތީ އެވެ.

ޝަރުމީލް ވިދާޅުވީ، ހުޅުމާލެ ފެހި ކުރުމަށް ގަސް އިންދާފައިވާ ގޮތަށް، މާލޭގެ މަގުތަކުގައި ވެސް ހިޔާ ލިބޭ ގަސްތައް އިންދައި ބެލެހެއްޓޭނެ ކަމަށެވެ. 

އަމީނީމަގުގެ ފެހިކަން

އާރުޑީސީގެ މީޑިއާ އޮފިޝަލް 'ދައުރު' އަށް ވިދާޅުވިގޮތުގައި އަމީނީމަގުގައި އިންދާނެ ގަސްތަކެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް، އޭނާ ވިދާޅުވީ އެ މަގުގައި ތާރު އަޅާނީ ގަސް އިންދަން ޖާގަ ހެދުމަށް ފަހު ކަމަށެވެ.

ފާއިތުވި މަޝްރޫއުތަކުން ދަސްވި ފިލާވަޅުތައް ބަލައި، ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ތަފާތު ގައުމެއްކަން ދަނެ، ދުރާލާ ރާވާލައިގެން ކަންކަން ކޮށްފި ނަމަ އަދަށް ވުރެ ފެހި މާލެއެއް ތަރައްގީ ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެކަމަކު އަމީނީމަގުގައި ހުރި ގަސްތައް ނަގަމުންދާ މަންޒަރުން ފެންނަނީ ފޫބައްދަން އެތައް އަހަރެއް ނަގާނެ ފަދަ ބޮޑު ގެއްލުމެކެވެ.

"އަމީނީ މަގުގެ ގަސްތަކަކީ ގާތްގަނޑަކަށް ވިއްސަކަށް، ތިރީހަކަށް އަހަރުވީ ގަސްތަކެއް. އެހެންވީމަ އެބޭފުޅުން އޮފިކޮޅެއް ނަގައިގެން ގެނެސް އިންދީމާ މާލޭ ރައްޔިތުންނަކަށް އޭގެ މަންފާއެއް ނުލިބޭނެ އިނގޭތޯ؟ ހުމޭދާ ވިދާޅުވި އެވެ.

"މުޅި އެއް ޖެނެރޭޝަނަށް އޭގެ ފައިދާ ގެއްލޭނެ. ކުޑަގިރީގައެއް ނޫން ދެއްތޯ އަޅުގަނޑުމެން އެންމެން ގޮސް ތިބޭނީ ގަހުގެ ހިޔާ ހޯދަން؟" 

އިތުރު އާޓިކަލް

އިތުރު އާޓިކަލް