ރަން މެޑެލް ހޯދި ރާއްޖޭގެ ގައުމީ އަންހެން ޓީޓީ ޓީމާއި ރިހި މެޑެލް ހޯދި ޓީޓީ ފިރިހެން ޓީމު މެޑެލްއާ އެކު (ފޮޓޯ/އެމްއޯސީ)

އައިއޯއައިޖީގައި އިއްޔެއަކީ ރާއްޖެއަށް ކާމިޔާބު ދުވަހެއް

28 އޯގަސްޓު 2023
ޓީޓީން އެއް ރަން މެޑެލް، އެއް ރިހި، ޓައެކްވަންޑޯއިން ދެ ރިއްސާއި ދެ ލޯ މެޑެލް ވަނީ ހޯދާފައި

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ އެތުލީޓުންނާއި ކުޅުންތެރިން މިހާރު ގެންދަނީ މެޑެލް ހޯދައި، ކުރިން ކުޅިވަރުގައި ނުފެންނަ ބައެއް މަންޒަރުތައް ވެސް ދައްކައިދެމުންނެވެ.

އިއްޔެ ނިމުނު އިރު ރާއްޖެއަށް އެއް ރަން މެޑެލް، ތިން ރިހި އަދި ދެ ލޯ މެޑެލް ވަނީ ހޯދައިދީފަ އެވެ. އެހެންކަމުން އިއްޔެއަކީ ކާމިޔާބު ދުވަހެކެވެ.

ރަން މެޑެލް ކާމިޔާބުކުރީ ގައުމީ އަންހެން ޓީޓީ ޓީމެވެ. މިއީ 2019ގައި އޮތް އައިއޯއައިޖީގައި ރާއްޖޭގެ ޓީމުން ހޯދި ރަން މެޑެލް ދިފާއުކޮށް، މި ގޭމްސްގައި އެ ކުޅުންތެރިންގެ މަގާމު ދެމެހެއްޓުމެވެ.

 ޓައެކްވަންޑޯއިން ރިހި ދެ މެޑެލް އާއި ދެ ލޯ މެޑެލް ހޯދި ޓީމާއި ކޯޗުން އުފާ ފާޅުކުރަނީ (ފޮޓޯ/އެމްއޯސީ)

ޓައެކްވެންޑޯގައި ދެ ރިހި މެޑެލް ކާމިޔާބުކުރީ 53 ކިލޯގެ ދަށުގެ ބައިން ފާތުމަތު އިބްރާހިމް އާއި ފިރިހެނުންގެ 87 ކިލޯގެ ދަށުގެ ބައިން އަހުމަދު ފަޒީލް އެވެ. ލޯ މެޑެލް ހޯދީ އަންހެނުންގެ 62 ކިލޯގެ ދަށުގެ ބައިން ފާތުމަތު އާއި 46 ކިލޯގެ ދަށުގެ ބައިން ޖަންނަތު ޖަވާދު އެވެ.

ޓައެކްވަންޑޯގައި ލޯ މެޑެލް ހޯދި ޖަންނަތު ޖަވާދު (ކ) އާއި ރިހި އަދި ލޯ މެޑެލް ކާމިޔާބުކުރި ފާތުމަތު އިބްރާހިމް (މ) އަދި ރިހި މެޑެލް ހޯދި އަހުމަދު ފަޒީލް (ފޮޓޯ/އެމްއޯސީ)

އައިއޯއައިޖީއަކީ ރާއްޖެއަށް ގިނަ މެޑެލްތަކެއް ލިބުމުގެ ފުރުސަތު އޮންނަ ގޭމްސްއެކެވެ. އެހެންކަމުން ބައެއް ކުޅިވަރުތަކުން މެޑެލްގެ އަމާޒުތައް ކަނޑައަޅައިގެން މަސައްކަތްކުރެ އެވެ.

މި ގޭމްސްގައި ކުރިންސުރެ ބެޑްމިންޓަން އާއި ޓީޓީގައި ރާއްޖޭގެ ކުޅުންތެރިން، އެހެން ގައުމުތަކާ އެއްވަރުގެ ވާދައެއްކުރެ އެވެ. އެކަމަކު 2019ގެ ގޭމްސްގައި ދިވެހި އަންހެން ޓީޓީ ކުޅުންތެރިން ހޯދި ވަރުގެ ކާމިޔާބީއެއް މިހާތަނަށް އަދި ލިބިފައެއް ނުވެ އެވެ. އެ ފަހަރު ތިން ރަން މެޑެލް ރާއްޖެއަށް ގެނެސްދިނެވެ.

އަންހެން ޓީޓީ ޓީމުގެ ފާތުމަތު ދީމާ އަލީއަށް، ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފްގެ އަތުން އައިއޯއައިޖީގެ ހަނދާނީ ހަދިޔާއެއް ދެއްވަނީ (ފޮޓޯ/އެމްއޯސީ)

ޓީޓީގެ އިންޑިވިޖުއަލް ބައިން ވެސް ރާއްޖެއަށް މެޑެލް ލިބުމުގެ ފުރުސަތު ބޮޑެވެ. ދީމާއަކީ އެންމެ ފަހުން އޮތް ގޭމްސްގެ ޓީޓީގައި އަންހެން ސިންގަލްސް ޗެމްޕިއަނުންނެވެ. އޭނާގެ ޑަބަލްސް ޕާޓްނަރު އައިޝަތު ރަފާ ނާޒިމްއާ އެކު އެ ފަހަރުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދި އެވެ.

އިއްޔެގެ ފައިނަލް މެޗުގެ ފަހު ސިންގަލްސް ކާމިޔާބުކޮށް ދީމާ އުފާ ފާޅުކުރަނީ
ފައިނަލްގައި މޮރިޝަސްއާ ދެކޮޅަށް އައިޝަތު ރަފާ ކުޅުނު މެޗުގައި ޕޮއިންޓެއް ހޯދުމަށް ފަހު ހިތްވަރު ދައްކާލަނީ

ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު މަޑަގަސްކަރަ އަތުން އިއްޔެ 3-2 އިން ބަލިވި ނަމަވެސް އެ ކުޅުންތެރިން އެވަނީ ތާރީހު ލިއެލައިފަ އެވެ. މިއީ ބޭރުގެ މުބާރާތެއްގެ ފައިނަލްގައި މިހާތަނަށް ކުޅުނު ހަމައެކަނި ގައުމީ ފިރިހެން ޓީޓީ ޓީމެވެ. މުބާރާތުގައި ފިރިހެން ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، ކުރިއަށް އޮތް އިންޑިވިޖުއަލް ބައިން ވެސް މެޑެލްއާ ހަމައަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް ބޭރުގެ ފައިނަލެއްގައި ކުޅުނު ގައުމީ ފިރިހެން ޓީޓީ ޓިމު މެޑެލްއާ އެކު.

އިތުރު އާޓިކަލް

އިތުރު އާޓިކަލް