މާލޭ ޑަބްލިޔުޑީސީގެ ވިލިމާލެ ދާއިރާގެ މެމްބަރު އާމިނަތު އީމާން. (ފޮޓޯ/ ޑަބްލިއުޑީސީ)

އީމާން މަރުވި ކަމަކަށް އަދި ނުނިންމާ؛ ވިންދު އެބަހުރި: އޭޑީކޭ

ވެންޓިލޭޓަރުން ނެގުމާ މެދު އޭނާއަށް ފަރުވާދެއްވަމުން ގެންދަވާ ތިން ޑޮކްޓަރުންގެ ތެރެއިން ދެ ޑޮކްޓަރުން އަދި ގޮތެއް ނުނިންމަވާ ކަމަށްވޭ
28 ފެބްރުއަރީ 2022

ހުޅުމާލޭގައި އިއްޔެ ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެ، ބޮޑެތި އަނިޔާތަކެއްވި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ މެމްބަރު އައިމިނަތު އީމާން މަރުވި ކަމަށް ޑޮކްޓަރުން އަދި ނުނިންމާ ކަމަށާއި އޭނާގެ ވިންދު އަދިވެސް އެބަހުރި ކަމަށް، އޭނާއަށް ފަރުވާދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެކްސިޑެންޓްގައި އީމާންއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އޭނާގެ ނާށިގަނޑު ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅިފައިވާއިރު އަދިވެސް އޮތީ ވެންޓިލޭޓަރުގަ އެވެ.

ނަމަވެސް، އޭނާ މަރުވެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

ބުނީ ކީކޭ؟ - އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ދެންމެއަކު 'ދައުރު'އަށް ވިދާޅުވީ އީމާން މަރުވިކަމަށް ޑޮކްޓަރުން ނުނިންމާ ކަމަށާއި އޭނާގެ ވިންދު އަދިވެސް އެބަހުރި ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އީމާންއަށް ފަރުވާދެއްވަމުން އަންނަ ތިން ޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރަކު ވަނީ އޭނާ ސަލާމަތްކުރެވިދާނެ ކަމުގެ އުއްމީދު ކަނޑާލައި އޭނާ ވެންޓިލޭޓަރުން ނަގަން ލަފާދެއްވާފަ އެވެ. ނަމަވެސް އެ ޓީމުގައި ދެން ހިމެނިވަޑައިގަންނަވާ ދެ ޑޮކްޓަރުން އަދި ގޮތެއް ނުނިންމަވަ އެވެ.

މައްސަލައިގެ ފެށުން - އެ އެކްސިޑެންޓް ހިނގީ:

  • އިއްޔެ ހަވީރު 4:30ގައި 

  • އެކްސިޑެންޓް ހިނގީ ވެމްކޯ ސަރަހައްދު ކައިރިން ދުއްވާފައި ދަނިކޮށް، ރަނގަޅަށް ފާހަގަކޮށްފައި ނެތް ބަމްޕަރެއްގެ މައްޗަށް އެރި ތަނުން ކައްސާލައިގެން 

  • އެ ވަގުތު އެ ސަރަހައްދުގައި އެއްވެސް މީހަކު ނެތް 

  • ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައީ 20 މިނެޓު ފަހުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް