ޓީ-ޖެޓީ ސަރަހައްދު: މި ތަން އެމްޕީއެލްއާ ހަވާލުކުރީ 2015ގައި. (ފޮޓޯ/ޕީއެސްއެމް)
ޓީ-ޖެޓީ ހޯދަން ކައުންސިލުން ކޯޓަށް ދަނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އަތުން މާލޭ ޓީޖެޓީ އާއި ނޯތު ހާބަރު ހޯދަން، އަންނަ ހަފްތާގައި ކޯޓަށް ދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޓީޖެޓީ އަކީ މާލޭ ސިޓީ ކައުންސިލްގެ ބިމެއް ކަމަށް ބުނެ އެތަން ހަވާލުކުރަން ކައުންސިލުން އެމްޕީއެލްއަށް ދިން 90 ދުވަހުގެ މުއްދަތު ހަމަވީ މި މަހުގެ 12ގަ އެވެ. އަދި އެތަނުގައި ހުރި އެމްޕީއެލްގެ މުދާ ހުސްކުރުމަށް، އިތުރު ހަތް ދުވަހުގެ ނޯޓިސް ދިނެވެ.
އެ މުއްދަތު ހަމަވުމާ އެކު، ސިޓީ ކައުންސިލުން ވަނީ ޖެޓީއާ ހަވާލުވާން މިއަދު އެސަރަހައްދަށް ގޮސްފަ އެވެ.
ތަފްސީލް - އެ ސަރަހައްދުގައި ހުންނަވައި ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ، ކައުންސިލުން އެތަނަށް ދިޔައީ، ތަން ހަވާލުކުރުމަށާއި ޖެޓީ ހިންގާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެމްޕީއެލް އިން އެއްބާރުލުން ނުދިނުމުން، އެ މައްސަލަ ކޯޓަށް ވައްދަން ނިންމާފައިވާކަން އެމްޕީއެލްގެ ވެރިންނަށް އަންގައި، 'ރީތި އުސޫލުން' އެކަން ކުރުމަށް ކަމަށެވެ.
މާލޭގެ ރައްޔިތުންގެ ދެ ބިމެއް، މާލޭގެ ރައްޔިތުންނަށް ލޯ ލާރިއެއް ވެސް ނުލިބޭ ގޮތަށް ކުންފުންޏަކުން ހިންގާ ހިންގުމަކީ އަޅުގަނޑުމެން ބަލައިގަންނަ ކަމެއް ނޫން،"
ނަމަވެސް މިއަދު އެމްޕީއެލްގެ އެއްވެސް ވެރިޔަކު އެ ސަރަހައްދަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލުކުރައްވާފައި ނުވާކަމަށް ނަރީޝް ވިދާޅުވި އެވެ.
ކައުންސިލްގެ ބަސް - ނަރީޝް ވިދާޅުވީ، އެމްޕީއެލް އިން ޖެޓީ ހިންގުމާ ކައުންސިލުން ދެކޮޅު ނޫން ކަމަށާއި ކައުންސިލްގެ ކަންބޮޑުވުމަކީ ޖެޓީގެ އަގު މާލޭގެ ރައްޔިތުންނަށް ނުލިބޭތީ ކަމަށެވެ.
"މާލޭގެ ރައްޔިތުންގެ ދެ ބިމެއް، މާލޭގެ ރައްޔިތުންނަށް ލޯ ލާރިއެއް ވެސް ނުލިބޭ ގޮތަށް ކުންފުންޏަކުން ހިންގާ ހިންގުމަކީ އަޅުގަނޑުމެން ބަލައިގަންނަ ކަމެއް ނޫން،" ނަރީޝް ވިދާޅުވި އެވެ.
"އެމްޕީއެލް އާއެކު ނެގޯޝިއޭޓް ކުރަން ވެސް މަސައްކަތް ކުރިން ބިމު ކުއްޔަށްވާ ފައިސާ ކައުންސިިލަށް ދައްކައިގެން އެމްޕީއެލް އިން ތަން ހިންގަން. އެގޮތަކަށް ވެސް އެމްޕީއެލް އިން ތައްޔާރުވާކަށް ބޭނުމެއް ނުވި،"
ނަރީޝް ވިދާޅުވީ ޖެޓީގެ މައްސަލައިގައި މިހާތަނަށް ފަސް ސިޓީއެއް އެމްޕީއެލް އަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ މައްސަލައިގައި ދެ ފަހަރަކު އެމްޕީއެލް އާ ބައްދަލުކޮށްފައިވާނެ ކަމަށެވެ.
އެގޮތުން ފުރަތަމަ ބައްދަލުވުމުގައި، ނޯތު ހާބަރާއި ޓީޖެޓީ އަކީ އެމްޕީއެލް އަށް މުހިންމު ދެ ތަން ނޫން ކަމަށާއި އެހެންކަމުން ކައުންސިލުން އެ ތަންތަނާ ހަވާލުވާން އެމްޕީއެލް އިން ބުނި ކަމަށެވެ. ނަމަވެސް ދެވަނަ ބައްދަލުވުމުގައި ރާގު ކުޑަކޮށް ބަދަލުވެ، ޓްރާންސްޕޯޓާއި ހައުސިން މިނިސްޓްރީއާ މަޝްވަރާކޮށްގެން ޖެޓީއާ ހަވާލުވާން އެމްޕީއެލް އިން ބުނި ކަމަށް ނަރީޝް ވިދާޅުވި އެވެ.
ނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު، ޓީޖެޓީ އާއި ނޯތު ހާބަރަކީ ސިޓީ ކައުންސިލްގެ އިހްތިސޯސް ހިނގާ، ކައުންސިލްގެ ބިންތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީއަކުން ކައުންސިލަށް އަންގާފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލާގައި އިތުރު ފަރާތަކާ މަޝްވަރާކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނަރީޝް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގައި މި މައްސަލައިގައި އަޅުގަނޑުމެން ކޯޓަށް ވަންނާނަން. މާލޭ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކޯޓަށް އަޅުގަނޑުމެން ވަންނާނަން. އެއަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ގާތްގަނޑަކަށް ވެ ނިމިއްޖެ،" އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ބަސް - އެ މައްސަލައިގައި އެމްޕީއެލްގެ ތަރުޖަމާނު ދާނިޝް ނިޒާމް ވިދާޅުވީ، ޓީޖެޓީ މައްސަލާގައިި އެ ކުންފުނީގެ ސްޓޭންޑް ވަރަށް ސާފު ކަމަށެވެ. އެ ކުންފުންޏާ ޓީޖެޓީ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު ހައުސިން މިނިސްޓްރީން މުއްދަތެއް ނެތް ގޮތަށް ކަމަށާއި އެމްޕީއެލްގެ އަތުން ޓީޖެޓީ ނެގުމުގެ ބާރު އޮންނާނީ އެ މިނިސްޓްރީއަށް ކަމަށް ދާނިޝް ވިދާޅުވި އެވެ.
"އަދި، ތަންފީޒީ އިދާރާއަކުން ނުވަތަ މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފިނަމަ މި ކުންފުނިން އެގޮތަށް އަމަލުކުރާނެ ވާހަކަ ދަންނަވަން. އަދި އެމްއޯޔޫގައި އޮތް ގޮތަށް، ކުރިޔެއެކޭ ވެސް އެއްފަދައިން މި ކުންފުނިން ޓީޖެޓީގައި ދެމުންގެންދާ ހިދުމަތް ދެމުންގެންދާނެ ވާހަކަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" ދާނިޝް ވިދާޅުވި އެވެ.
'ޖެޓީ ދިނީ މުއްދަތެއް ނެތް ގޮތަކަށް ނޫން'
ޓީޖެޓީއާ ހަވާލުވީ މުއްދަތެއް ނެތް ގޮތަށް ކަމަށް އެމްޕީއެލް އިން ބުނި ނަމަވެސް، ސިޓީ ކައުންސިލުން އެކަން ދޮގުކުރެ އެވެ. ނަރީޝް ވަނީ އެގޮތަށް ބަޔާންކޮށްފައިވާ އެއްބަސްވުމެއް އޮތް ނަމަ ދައްކަން އެދިވަޑައިގެންފަ އެވެ.
"އެބޭފުޅުންނަށް [އެމްޕީއެލް އަށް] ދީފައި އޮތް މުއްދަތު ހަމަވިތާ ތިން އަހަރު ވެއްޖެ،" ނަރީޝް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ މާލޭ ރައްޔިތުންނަށް އަގު ނުލިބޭ ގޮތަށް މާލޭގެ އެއްވެސް ބިމެއް، އެއްވެސް ކުންފުންޏަކަށް މަންފާވާ ގޮތަށް ބޭނުންކުރެވިގެން ވާނެ ކަމަކަށް ސިޓީ ކައުންސިލުން ގަބޫލުނުކުރާނެ ކަމަށެވެ.
"ކޯޓަށް ވަނުމަށް ފަހު އަޅުގަނޑުމެންގެ އިހްތިސޯސްގައިވާ ބިންތައް ހޯދަން ކުރަންޖެހޭ މަސައްކަތް ކުރާނަން. ނޯތު ހާބަރާއި ޓީޖެޓީގެ މައްސަލައިގައި ވެސް ކޯޓަށް ދާނަން." ނަރީޝް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން -