ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ރާއްޖެ ވަޑައިގަތުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަރުހަބާ ދަންނަވަނީ. (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ރާއްޖެ-ޗައިނާ

ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ރާއްޖެ ވަޑައިގެންފި

ފޮރިން މިނިސްޓަަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު މަޝްވަރާތައް ބާއްވަވާނެ
7 ޖެނުއަރީ 2022

ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ޗައިނާގެ ރައީސް ޝީ ޖިންޕިން ސެޕްޓެމްބަރު 2014ގައި ރާއްޖެ ވަޑައިގެންނެވި ފަހުން ޗައިނާ ސަރުކާރުގެ އިސް ފަރާތަކުން ރާއްޖެއަށް ކުރާ ފުރަތަމަ ރަސްމީ ދަތުރުގައި ވޭންގް ޔީ ރާއްޖެ ވަޑައިގަތީ މިއަދު ހަވީރު ގާތްގަނޑަަކަށް 4ގެ ފަހުންނެވެ.

ތަފްސީލު - ދެ ދުވަހުގެ މި ދަތުރުގައި، ވެންގް ޔީ މާދަމާ ކުރައްވާނެ ކަންކަން:

  • ރާއްޖޭގެ ފޮރިން މިނިސްޓަަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރާނެ

  • އެމްއޯޔޫތަކެއްގައި ސޮއިކުރައްވާނެ

  • ދެ ބޭފުޅުން ބަޔާނެއް ދެއްވާނެ

އެމްއޯޔޫތަކެއްގައި ސޮއިކުރަން ނިންމާފައިވީ ނަމަވެސް، އެ އެމްއޯޔޫތަކާ ބެހޭ އެއްވެސް ތަފްސީލެއް އަދި ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ ރާއްޖެ ވަޑައިގަތުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އޭނާއަށް މަރުހަބާ ދެންނެވުމަށް ފަހު އެކުގައި ހިންގަވާފައި ވަޑައިގަންނަވަނީ. (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ވޭންގް ޔީގެ ދަތުރާ ދިމާކޮށް، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގެ ޒިންމާތައް އަދާކުރެއްވުމަށް މިހާރު އެމެރިކާގައި ދިރިއުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ މިއަދު ރާއްޖެ ވަޑައިގެންފަ އެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެ މަނިކުފާނު މި ވަގުތު ހުންނެވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕޭނަށް ށ. ކޮމަންޑޫގަ އެވެ.

ޗައިނާގެ އެމްބަސީން މީގެ ކުރިން ބުނީ، މި ދަތުރަކީ ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން ގާއިމްކުރުމުގެ ރަންޔޫބިލް ފާހަގަކުރުމަށް ހިންގަން ރާވާފައިވާ ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ކުރައްވާ ދަތުރެކެވެ.

އެންގުން މުހިންމު - ވޭންގް ޔީ ރާއްޖެ ވަޑައިގެންފައި މި ވަނީ، ރާއްޖޭގެ މިހާރުގެ ސަރުކާރުން ޗައިނާއާ ދުރުވެ، ތަރައްގީގެ މަޝްރޫއުތަކަށް ފަންޑު ހޯދަން ޗައިނާއާ ވާދަވެރި އިންޑިއާއާ ގާތް ގުޅުމެއް އުފައްދާފައި ވަނިކޮށެވެ. އެހެންވެ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ އެކު ރާއްޖެއިން އުފެއްދި ގުޅުން މިހާރު ވަނީ ހީނަރުވެފަ އެވެ.

ވޭންގް ޔީ ރާއްޖެ ވަޑައިގެންފައި ވާއިރު، ފޮރިިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް ވަޑައިގެންފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް