ޕީޕީއެމް-ޕީއެންސީ މަޖިލިސް ޕްރައިމަރީގައި ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓުފޮށިތަކެއް ކައިރި ހަމަނުޖެހުން ހިންގާ މަންޒަރު
ޕްރައިމަރީ ފޯރިގަދަވެ، ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގައިފި
މިހާރު ވޯޓުލުން ކުރިއަށްދާ ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ފޯރި ގަދަވެ، ބައެއް ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގައިފި އެވެ.
ވީ ކިހިނެއް؟ - ވޯޓުލާ އެކި މަރުކަޒުތަކުގައި ބައެއް މީހުން ހިތްހަމަނުޖެހި، އަޑުގަދަކޮށް، ހަމަނުޖެހުން ހިންގާ މަންޒަރު ފެންނަ އެކި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން:
-
ކަލާފާނު ސްކޫލުގައި ހުރި ހެންވޭރު ދާއިރާތަކުގެ ވޯޓު ފޮށިތައް ކައިރި މައްސަލަ ބޮޑުވެ، ހަމަނުޖެހުން ކޮންޓްރޯލް ކުރަން ފުލުހަކު ހަރަކާތްތެރިވާ މަންޒަރު ފެނޭ
-
ވޯޓުލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހި، ހެންވޭރު ދަނޑުގައި ވެސް މީހުން ނުރުހުން ފާޅުކުރާތަން ފެންނަ ވީޑިއޯތަކެއް ވަނީ އާންމުވެފައި
-
ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތާމެދު، އެ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ދުންޔާ މައުމޫން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކްސްގައި ވީޑިއޯއެއް ޕޯސްޓުކުރައްވާފައި
Forigadha primary. Henveyru ge foshithakuga masala bodu. list in nan uni kurikamah bune zuvabaa hiyhama nujehun. Fulhun vadhe control kurumuga pic.twitter.com/jbtFWgQAZM
— Mohamed Afsal (@afsal_afey) January 27, 2024
⚠️⛔️Hulhumale Dhekunu dhaaira PNC primary ga nan neh meehun vote laigen massala hoonu vejje. Vote lun huhtifa!
— މުޝްތަރީ 🪐 (@hnveyru) January 27, 2024
Hulhumale Uthuru dhaaira baeh voters dhekunu dhaaira fohtah vote laigen. Candidate un nikume vote lun huttuvaifi. pic.twitter.com/hjeHQeOxmy
ބުނީ ކީކޭ؟ - "އަޅުގަނޑަށް ހަބަރު ލިބޭ ގޮތުގައި، މިހާރު ހުޅުމާލޭ ދެކުނުގައި ހިނގަމުންދާ ވޯޓުގައި، ވޯޓު ލުމުގެ މައްސަލަތަކެއް ދިމާވެގެން މީހުން ވަރަށް ހިތްހަމަނުޖެހިގެން އެބައުޅޭ. މި ދިމާވި [މައްސަލަ] ކަމަށް މި ބުނަނީ، އެހެން ދާއިރާއެއްގެ ވޯޓު ކަރުދާސްތަކެއް މި ވޯޓު ފޮށީގައި ހުރި ކަމަށް،" ރެހެންދި ސްކޫލުގެ ގޯތިގެތޭރެގައި ހުންނަވައިގެން ދުންޔާ ވިދާޅުވި އެވެ.
"އެހެންވީމަ ކެންޑިޑޭޓުންނާ އަޅުގަނޑު ވެސް މިދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑަށް ފެންނަ ގޮތުގައި، ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން، އަޅުގަނޑުމެންގެ ޕާޓީން އެބަ ޖެހޭ ވަރަށް އިންސާފުވެރިކޮށް ޕްރައިމަރީތައް ގެންދަން،" ދުންޔާ ވާހަކަދައްކަވަމުން ދިޔައިރު ވެސް، ވޯޓުލާ މަރުކަޒު ކައިރީގައި މީހުން އަޑުގަދަކޮށް ހަޅޭއްލަވާ އަޑު އިވެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ދުންޔާ ވިދާޅުވީ، މައްސަލަތައް ހައްލު ކުރެވި، އިންސާފުވެރިކަމާ އެކު ޕްރައިމަރީގެ ކަންކަން ކުރިއަށްދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
Problems in hulhumale dhekunu primary vote! Appeal to ppm-pnc leadership to ensure a democratic, free & fair process that has the trust of our party people in hulhumale dhekunu dhaaira! Fairness & justice for all candidates. pic.twitter.com/Tnpd6Ixse1
— Dunya Maumoon (@dunyamaumoon) January 27, 2024
ޕީއެންސީގެ ބަސް - މި މައްސަލަތަކާ ގުޅިގެން 'ދައުރު'އިން ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާ ސުވާލު ކުރުމުން، އޭނާ ވިދާޅުވީ މިއަދުގެ މިހާތަނަށް އައިއިރު ޕްރައިމަރީއާ ގުޅިގެން އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވި ގޮތުގައި:
-
ވޯޓު ލުމުގެ ކަންކަން ދަނީ ވަރަށް އޮމާންކޮށް؛ ބައެއް ފޮށިތަކުގައި ވޯޓު ލުން ފެށުމުގައި ކުޑަ ލަސްކަމެއް އުޅުނު ނަމަވެސް، މައްސަލައެއް ދިމަލެއް ނުވޭ
-
ގިނަ އަދަދެއްގެ މީހުން ވޯޓުލާން އެބަ ނުކުމޭ؛ ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން %90 ވޯޓު ލާނެ ކަމަށް ބެލެވޭ
"މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޕްރައިމަރީ. އެހެންވީމަ، މިވަރުގެ ޕްރައިމަރީއެއް ކުރިއަށްދާ އިރު، ކެންޑިޑޭޓުންގެ ވާދަވެރިކަން ވަރަށް ބޮޑު. ޕީއެންސީގެ ޓިކެޓަށް ޝައުގުވެރިވާ ފަރާތްތައް ވަރަށް ގިނަ،" އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
"އެހެންވީމަ އެ ފަރާތްތަކުގެ ޝައުގުވެރިކަން ހުރި މިންވަރުން، ވޯޓުލާ މަރުކަޒުތަކުގައި އެ ފޯރި އެ ފެންނަނީ. އެއްގޮތަކަށް ވެސް ހަމަނުޖެހުމެއް ނޫން."
އެނގުން މުހިއްމު - ސަރުކާރު ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 10 ޖެހިއިރު އެވެ. ހަވީރު 5 ޖަހަންދެން ވޯޓުލުން ކުރިއަށް ދާނެ އެވެ. މި ޕްރައިމަރީގައި:
-
73 ދާއިރާއަކަށް 283 ކެނޑިޑޭޓުން ވާދަކުރޭ
-
ވޯޓުލުމުގެ ހައްގު 71،597 މީހުންނަށް ލިބޭ
ވޯޓު ފޮށިތައް ބެހެއްޓިފައިވާ ގޮތް:
-
މާލޭގެ ދާއިރާތަކަށް ވޯޓުލާ ފޮށިތައް ބެހެއްޓިފައިވަނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ރެހެންދި ސްކޫލް، ކާމިލްދީދީ ޕްރީ ސްކޫލް އަދި ވިލިމާލެ ޔޫތު ސެންޓަރުގައި
-
މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލާ ފޮށިތައް ބެހެއްޓިފައި ވަނީ ހެންވޭރު ދަނޑުގައި
-
ރަށްރަށުގެ ވޯޓުފޮށިތައް ބެހެއްޓިފައި ވަނީ ކެންޑިޑޭޓުންގެ މެދުގައި އެއްބަސް ވެފައިވާ ތަނެއްގައި