އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ހުންނެވީ ގެއަށް ދޫކޮށްފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައިފި، ދެން އޮންނާނީ ހުކުމް ކުރުން
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލައިފި އެވެ. މިއާއެކު ދެން މި މައްސަލާގައި އޮންނާނީ ހުކުމް ކުރުމެވެ.
ވީ ކިހިނެއް؟ - ޔާމީންގެ މައްޗަށް މިދިޔަ 25 ޑިސެމްބަރުގައި އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފުކުރީ މިދިޔަ 21 ފެބްރުއަރީގަ އެވެ. އޭގެ ފަހުން:
-
15 މާޗު - އިސްތިއުނާފީ ފޯމުގައި އިސްލާހުކުރަން ހުރި ކަންކަން ހުރުމުން އަލުން މައްސަލަ ހުށަހެޅި
-
7 ޖޫން - މައްސަލަ ހުށަހަޅާފައި އޮންނަތާ ގާތްގަނޑަކަށް ތިން މަސް ފަހުން ކޯޓުގައި އަޑުއެހުންތައް ފެށި
-
އޭގެ ފަހުން މި މައްސަލާގައި ތިން އަޑުއެހުން ބޭއްވުމަށް ފަހު، ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގެންނެވުމުން މިދިޔަ ޖުލައި މަސް ތެރޭ ވެސް އަޑުއެހުންތައް މަޑުޖެހުނު
-
16 އޮގަސްޓު - އަޑުއެހުންތައް އަލުން ފެށި
-
26 އޮކްޓޯބަރު - އަޑުއެހުންތައް އަނެއްކާވެސް މަޑުޖެހުނު
އަޑުއެހުންތައް ނުބާއްވާތާ މަސް ދުވަސް ފަހުން އަޑުއެހުންތައް އަލުން ފެށީ މި މަހުގެ 9ގަ އެވެ. އޭގެ ފަހުން ދެ ދުވަހުގެ މަތިން ބޭއްވި އަޑުއެހުންތަކުގައި ކުރިއަށްދިޔައީ، ޝަރީއަތުން ސާފުކުރަން ބޭނުންވާ ކަންކަން ސާފުކުރުމެވެ. އެޔަށް ފަހު އަޑުއެހުންތައް ނިންމާލުމުގެ ގޮތުން، މައްސަލާގައި ހިމެނޭ ހަސްމުންނަށް ފަހު ބަސް ބުނުމުގެ ފުރުސަތު ދިނުމަށް ބާއްވާ އަޑުއެހުން މިއަދު ވަނީ ބާއްވައިފަ އެވެ.
ތަފްސީލް - މިއަދު މެންދުރުފަހު 2 ޖެހިއިރު ފެށި އަޑުއެހުން ދާދި ދެންމެއަކު ނިންމާލައްވަމުން ރިޔާސަތު ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.
ހުކުމް ކުރުމަށް ޝަރީއަތުގެ މަޖިލިސް ބާއްވާނެ ދުވަހެއް ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.
މިއަދު ވަނީ ހަސްމުންނަށް ފަހު ބަސް ބުނުމަށް ފުރުސަތު ދިނެވެ. އެއީ:
-
ނައީމުގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ ގަޒިއްޔާއަށް ހަސްމަށާއި ދައުލަތުގެ ތެރެއިން ކޮންމެ ފަރާތަކަށް 30 މިނެޓު
-
ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައިވާ ދެ ގަޒިއްޔާއަށް ހަސްމަށާއި ދައުލަތުގެ ތެރެއިން ކޮންމެ ފަރާތަކަށް އެއް ގަޑިއިރު
ފަހު ބަސް ބުނުމުގެ ފުރުސަތު ދިނުމުން، ރިޝްވަތު ހިފުމުގެ ދައުވާގައި، ޔާމީންގެ ފަރާތުން އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަކަށްވާއިރު، އެ ދައުވާގެ އުންސުރުތައް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.
ޔާމީންގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރީ ދަށު ކޯޓުން ދައުވާތައް ސާބިތުކުރަން ބޭނުންކުރީ، އެ މައްސަލާގައި ކުށް ސާބިތުވެފައިވާ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހްމަދު އަދީބު އާއި އޭރުގެ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރުގެ ހެކިބަސް ކަމުން، އެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ބުނެ ތަކުރާރު ކުރި ނުކުތާތަކެވެ.
ޖަމީލު ވިދާޅުވީ އެ ދެ މީހުންނަކީ ދައުލަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ލުއިތަކެއް ދެވޭ ގޮތަށް ހެކިބަސް ދިން ދެ މީހުންނަށް ވާއިރު، އެ އެއްބަސްވުމުގައި ފޯރުކޮށްދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކުރާ ތަހުގީގަށް ފަހު ލިބޭ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް އެ މައްސަލާގައި ދައުވާ އުފުލުމާ މެދު އަލުން ގޮތެއް ނިންމުމަށް ޕީޖީން އެއްބަސްވެފައި އޮންނަ ކަމަށެވެ. އެހެންކަމުން، އެ ދެ މީހުންނަކީ، ވަކި ކަމެއްގެ އުންމީދުގައި ތިބެ ހެކިބަސް ދިން ދެ މީހުންނަށް ވުމުން އެ ހެކި ބަސް ބަލައިނުގަނެވޭނެކަން ވަކީލު ތަކުރާރު ކުރެއްވި އެވެ.
"އަދީބާއި ޒިޔަތުގެ ހެކިބަސް އެއްކިބާ ކުރުމުން ނިކުންނަ ނަތީޖާ އަކީ ދައުލަތުގެ ދައުވާ ނެގެހެއްޓެން ނެތްކަން. އެ ދެ ފަރާތުގެ ހެކިބަސް އެއްފަރާތް ކުރުމުން ބާކީ ތިބި ހެކިތައް ވެސް ކޮލަޕްސްވާކަން ފާހަގަކުރަން. އެއީ މުޅިންހެން ގުޅިފައިވާ ހެކިތަކެއް ކަމަށް ވުމުން،" ޖަމީލު ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭގޮތުން ވަކީލު ވިދާޅުވީ ރިޝްވަތު ހިފިކަން ސާބިތުކޮށްދީގެން ނޫނީ މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ.
މައްސަލަ ނިންމަން އެދޭ ގޮތް ކަމަށް ޔާމީންގެ ފަރާތުން ޖަމީލް ވިދާޅުވީ:
-
މައްސަލަ ސާބިތުކުރަން އެކަށީގެންވާ މިންވަރަށް ހެކި ހުށަހެޅިފައި ނުވާ ކަމަށް ކަނޑައަޅައިދޭން
-
މަނީ ލޯންޑަރިން އާއި ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި ދެ ހުކުމް ވެސް ބާތިލު ކޮށްދިނުމަށް
މައްސަލަ ހުށަހެޅި ސަބަބާއި އެ މައްސަލަ ނިންމަން އެދޭ ގޮތް ކަމަށް ނައީމުގެ ފަރާތުން ބުނީ:
-
ޝަރީއަތުގެ އިޖުރާއަތު ހިންގި ގޮތް ގޯސްވެ، މުވައްކިލުގެ އެތަކެއް ހައްގެއް މަހުރޫމުވެގެން؛ އެހެންވެ، އާ ހެކިތަކެެއް ބަަލައިގަންނަން ނިންމި ނިންމުން ބާތިލުކުރުމަށް އެދުނު
-
ދައުވާކުރި މައިގަނޑު ގާނޫނުގެ މާއްދާގައި ހިމެނޭ އެއް އުންސުރު ސާބިތުނުވާއިރު، އެ އުންސުރާ މެދު ގޮތެއް ކަނޑަނާޅާ ދައުވާ ސާބިތުވާ ކަމަށް ނިންމީ ކުށުގެ އުންސުރު ސާބިތު ނުވެ އޮތް ހާލަތުގައި ކަމަށް ވާތީ ހުކުމް ބާތިލުކޮށް، ދަށު ކޯޓުން މައްސަލަ އަލުން ބެލުމަށް އެންގުމަށް
-
އަދަބު ކަނޑައެޅި ގޮތާ މެދު ކްރިިމިނަލް ކޯޓުގެ ފަނޑިޔާރު އަމަލުކުރި ގޮތް ގޯސް؛ ނައީމު ހައި ކޯޓުގައި އެދިވަޑައިގަތީ، އަދަބު ލުއިކޮށްދިނުމާ ބެހޭ ގޮތުން ހައި ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަށް
-
ވަކީލު ފާހަގަކުރީ ނައީމަށް ޖަލު އަދަބު ފިޔަވައި އެހެން އަދަބެއް ކަނޑައަޅާފައި ނުވަނީ ގާނޫނާ ހިލާފަށް ކަމަށް
"ދައުލަތުން ދައުވާ ކުރާ މީހާއަށްވެ ހުރެ، ޖިނާއީ އިޖުރާއަތުގެ ގާނޫނުން ލާޒިމު އެބަކުރޭ ދައުވާ ހުށަހަޅަންވާނީ އެޔާ އެއްކޮށް ހުށަހަޅާ ހުރިހާ ދައުވާތަކާ އެކު. ދައުލަތުގެ ހަތިޔާރުތައް އެބަޖެހޭ އަޅުގަނޑުމެންނަށް ދައްކަން. ދެއްކުމަށް ފަހު އަޅުގަނޑުމެން އޭގެ ރައްދުގައި ބޭނުންކުރާނެ ހަތިޔާރު އެބަޖެހޭ ދައްކަން. ހަތިޔާރުތައް ދެއްކީމާ ފަނޑިޔާރު ބުނާނީ ކޮން ހަތިޔާރެއްކަން ބަލައިގަންނާނީ. ޝަރީއަތް ފަށަންވާއިރު ހަތިޔާރުގެ ހަމަހަމަކަން އޮންނަން ޖެހޭނެ. އެ މައިދާނަށް ދާއިރު ފޮރުވާފައި އޮތް ކުއްލި ހަތިޔާރެއް އޮވެގެން ނުވާނެ ފަހުން ދައްކަން،" ނައީމުގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވި އެވެ.
ފަހު ބަސް ބުނުމަށް ލިބުނު ފުރުސަތުގައި، ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ދެ ދައުވާގެ އިސްތިއުނާފްގައި ހުށަހަޅާފައިވާ ނުކުތާތަކަކާ ގުޅޭގޮތުން ވެސް ދައުލަތުން އެދުނީ ދަށު ކޯޓުގެ ހުކުމް ބާތިލުކުރަން ޖެހޭނެ ސަބަބެއް ނެތް ކަމަށް ނިންމައިދިނުމަށެވެ.
ނައީމުގެ މައްސަލާގައި ދައުލަތުން އެދުނީ އޭނާގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާތަކެއް ނޫން ކަމަށް ނިންމައިދިނުމަށެވެ. އެގޮތަށް އެދޭ ސަބަބެއް ކަމަށް ދައުލަތުން ފާހަގަކުރީ އަދަބު ކަނޑައެޅުމާ ބެހޭ ގޮތުން ދަށު ކޯޓުގެ ފަނޑިޔާރު ނިންމަވާފައިވާ ނިންމެވުމަކީ ފަނޑިޔާރަށް ލިބިދޭ އިހުތިޔާރުގެ ބޭނުން ކުރައްވައިގެން ނިންމެވި ނިންމުމެއް ކަމަށް ވުމެވެ.