ދިއްގަރު ފަޅުތެރޭގައި ގޮވި ލޯންޗުގައި ރޯވެ އަނދަނީ. (ފޮޓޯ/ ފޭސްބުކް ވީޑިއޯގެ ސްކްރީންޝޮޓެއް)
ދިއްގަރުގައި ލޯންޗެއް ގޮވައި އެކަކު ސީރިއަސް ހާލަތުގައި
މ. ދިއްގަރު ބަނދަރުގައި އޮތް ލޯންޗެއް މިއަދު ގޮވައި އެ ވަގުތު ލޯންޗުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - ދިއްގަރު ކައުންސިލް މެމްބަރު އަބްދުﷲ އާރިފް 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެ ހާދިސާ ހިނގީ މިއަދު ހެނދުނު 9:50 ހާއިރު އެވެ. ހެނދުނު ލޯންޗުގައި މަހަށް ގޮސް އައުމަށް ފަހު، އަނެއްކާވެސް ނައްޓާލަން ތަޅުދަނޑި ޖަހައި އަނބުރާލި ވަގުތު ބާރު އަޑަކާ އެކު އެއްޗެއް ގޮވައި ލޯންޗުގައި ހުޅު ހިފީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް ބެލެވެނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް،" އާރިފް ލަފާކުރެއްވި އެވެ.
ތަފްސީލް - އާރިފް ވިދާޅުވި ގޮތުގައި، އެ ވަގުތު އެ ލޯންޗުގައި ތިބީ:
-
ލޯންޗުގެ ވެރިފަރާތް އަދި ކައްޕި މުހައްމަދު ސޮބާހު
-
އިތުރު ފަޅުވެރިއެއް
އެ ހާދިސާގައި ލޯންޗުގައި ވަރަށް ކުއްލިއަކަށް އަލިފާން ހިފައި ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. ފަޅުވެރިޔާގެ އެކި ތަންތަން ކޮންމެވެސް ވަރަކަށް ފިހިފައި ވާއިރު، ކައްޕި ގައިގައި ރޯވެ، ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.
އާރިފް ވިދާޅުވި ގޮތުގައި:
-
ސޮބާހުގެ ދެ ފައި ވަނީ ވަރަށް ބޮޑަށް ފިހިފައި؛ އޭނާގެ ހާލަތު "ކްރިޓިކަލް"
-
އިތުރު ފަރުވާއަށް އޭނާ ވަނީ ވަގުތުން ސީ އެމްބިއުލާންސްގައި މާލެ ގެނެސްފައި
އާރިފް ވިދާޅުވި ގޮތުގައި، ސޮބާހު ގައިގައި އަލިފާން ރޯވުމާ އެކު އޭނާ ފުންމާލީ މޫދަށެވެ. އެއާ އެކު، ބަނދަރުމަތީގައި ހުރި އެމްޓީސީސީގެ މުވައްޒަފަކު ވަގުތުން މޫދަށް ފުންމާލައި ސޮބާހު މޫދުން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯންޗުގައި ހިފާފައިވާ އަލިފާންގަނޑު ނިއްވާލަން ދިއްގަރުގެ ރައްޔިތުން ކުރި މަސައްކަތުން މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ. އެހެންކަމުން، ރަށުގެ ރައްޔިތުންނާއި އެމްޓީސީސީގެ މުވައްޒަފުން އެކުގައި އަލިފާންގަނޑު ނިއްވާލީ، އޭގެ ގާތްގަނޑަކަށް 45 މިނިޓް ފަހުން ލޯންޗު ފަޅުތެރެއަށް ފައްތާލައިގެންނެވެ.