ޕްލޭނިން މިނިސްޓްރީން، ރޯވި ގެ ސާފުކޮށް ތަޅާލުމުގެ މަސައްކަތުގައި، ގަރާޖުގެ ދޮރު މިއަދު ނައްޓާލަނީ. (ފޮޓޯ/ހައުސިން މިނިސްޓްރީ)
ރޯވި ގެ ތަޅާލުމުގެ މަސައްކަތް ފަށައިފި
މާލޭގައި ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހި ގެ ތަޅާލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ތަފްސީލް - ދިހަ މީހަކު މަރުވި އަލިފާނުގައި އަނދާފައިވާ އެ ގެ (މ. ސެންޑްރޯޒްގެ ހުޅަނގު ބައި) ސާފުކުރާ ތަން ފެންނަ މަންޒަރުތަކަކާ އެކު ހައުސިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނިގޮތުގައި އެ ގެ ސާފުކޮށް ތަޅާލުމުގެ މަސައްކަތްކުރަނީ އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސަސް ޑިޕާޓްމެންޓުންނެވެ.
އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ އެ ގޭގެ ތިރީ ބައިގައި ހިންގަަމުން އައި ގަރާޖުގެ ދޮރު ނައްޓާލައި އެ ތަން މިހާރު ވަނީ ސާފުކޮށްފަ އެވެ.
-
ވަރަށް ބޮޑަށް އަނދާފައި އޮތް ޕިކަޕެއް ވެސް ގަރާޖުން ނެރެފައިވޭ
-
ގަރާޖުގެ ތެރޭ އަނދާފައި ހުރި އެހެނިހެން ސާމާނުތައް ވެސް ނެރެ އަޅިތައް ވެސް މިހާރު ވަނީ ސާފުކޮށްފައި
ވީ ކިހިނެއް؟ - ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާގައި މަރުވެފައިވަނީ ގަރާޖުގެ މަތީގައި ލޭބާ ކުއާޓާސްގެ ގޮތުގައި ހަދާފައިވާ ދެ ބުރީގައި ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެކެވެ. އެ އެންމެންގެ ހަށިތައް ހޯދައި އިމާރާތުގެ ތެރެއިން ނެރެ ނިންމާލެވުނީ އެތައް ގަޑިއިރެއްގެ މަސައްކަތުންނެވެ.
އެނގުން މުހިއްމު - އަލިފާން ރޯވާން ދިމާވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މަރުވި މީހުންގެ ތެރެއިން، ކާކުކަން މިހާތަނަށް ދެނެގަނެވިފައިވަނީ ނުވަ މީހަކު ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެއީ:
-
އިންޑިއާގެ ތިން އަންހެނުން
-
ބަންގްލަދޭޝް އަންހެނެއް
-
އިންޑިއާގެ ހަތަރު ފިރިހެނުން
-
ބަންގްލަދޭޝް ފިރިހެނެއް
ފުލުހުން ބުނިގޮތުގައި ކާކުކަން އަދި ދެނެގަނެވިފައި ނުވަނީ ފިރިހެނެކެވެ.
މަރުވި އެއްވެސް މީހެއްގެ ވަނަވަރެއް އަދި ހާމައެއް ނުކުރެ އެވެ.
މި އަލިފާނާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ، ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމުގެ މަސައްކަތް ހަރުދަނާކުރުމަށާއި މާލޭގައި ހުރި ވޯކްޝޮޕްތަކާއި ގަރާޖު ފަދަ ތަންތަން އަވަހަށް އެހެން ތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް ތައްޔާރުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވައިފަ އެވެ.