މިރޭގެ ރަސްމިއްޔާތުގައި ފައްޔާޒް ވާހަކަދައްކަވަނީ. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

ދަރަނި ނަގައިގެން ވިޔަސް އަންނަން އޮތް ޖީލުތަކަށްޓަކާ މަޝްރޫއުތައް ހިންގަން ޖެހޭ: ފައްޔާޒް

30 އަހަރުން ނުކުރެވި ހުރި މަސައްކަތްތައް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވި
25 ސެޕްޓެމްބަރު 2022

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޅަދަރިންނަށް އެބައެއްގެ އަމިއްލަ ރަށުގައި އުފާވެރިކަމާ އެކު ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަށް، ދަރަނި ނަގައިގެން ވިޔަސް ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އުތުރުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިރޭ މީރުމާ އިވެންޓު ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ، ދަރިންގެ ބޮލުގައި ދަރަނި އެޅިދާނެ ކަމަށް ބަލައިގެން ތަރައްގީގެ މަޝްރޫއުތައް ނުހިންގައިފި ނަމަ، އެ ކުދިންގެ އުމުރު ހޭދަ ކުރަން ޖެހޭނީ "މާލެއަށް އައިސް، ގެއެއްގައި ގުލާނު ކުރަން" ކަމަށެވެ. 

"އަޅުގަނޑުމެންނަށް މަޑުކޮށްލެވިދާނެ ލިބޭ އެއްޗަކުން ފުއްދާލައިގެން ކުރިއަށް އޮތް ސަތޭކަ އަހަރުން މި އެއާޕޯޓް ހަދާލަން މަޑުކޮށްލަން. އެކަމަކު އަޅުގަނޑުމެން މި ނިންމީ ދަރަނި ނެގޭނެ ގާބިލުކަން ދިވެހިރާއްޖޭގައި ވެސް އެބަހުއްޓޭ،" ފައްޔާޒް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

އެނގުން މުހިންމު - ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ހެދި މުޅި ދުނިޔޭގައި ވެސް ތަކެތީގެ އަގުތައް އުފުލި، އިގްތިސާދީ ދަތިތަކާ ކުރިމަތިލާން ޖެހިފައި ވާއިރު، އޭގެ އަސަރު ރާއްޖެއަށް ވެސް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އެހެންވެ، އާ މަޝްރޫއުތައް ހިންގުން ފަދަ ކަންކަން ނުކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް، ސަރުކާރުން އިއުލާނުކޮށްފައިވާ ހަރަދު ކުޑުކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރެވޭ ވަރާ ގުޅޭ ގޮތުން ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ބުނީ ކީކޭ؟ - ރާއްޖެ ލާމަރުކަޒު ކުރުމަށް ސަރުކާރުން ބޮޑެތި މަޝްރޫއުތައް ހިންގައި މާލޭން ބޭރުގައި އިގްތިސާދީ ހަބް ތަރައްގީ ކުރާނެ ކަމަށްް ފައްޔާޒު ވިދާޅި އެވެ.

ލާމަރުކަޒީ ނިޒާމު ރަނގަޅަށް ގާއިމް ކުރުމަށް، ޒަމާނުއްސުރެ ނުކުރެވި ހުރި ކަންތައްތަކެއް ސަރުކާރުން ކުރަން ޖެހިފައި ވާކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވި ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ އިސްކަމެއް ދެއްވައިގެން ކުރެއްވި ކަމަކީ 21 ވަނަ ގަރުނާ އެކަށޭނަ، މާލެއާ އެއް ފެންވަރެއްގެ އަސާސީ ހިދުމަތްތައް ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

"ތިރީހަކަށް އަހަރު ނުކުރެވި ހުރި ކަންތައްތައް އަޅުގަނޑުމެންނަށް ކުރަން ޖެހި، ކުރަމުން، ނިންމަމުން މި ދަނީ މި ހަތަރު އަހަރު ތެރޭގައި. އެއީ ގަބޫލު ކުރަން ބޭނުން ވިޔަސް، ނޫނަސް ފެންނަން އޮތް ހަގީގަތް،" ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި:

  • ރައީސް ސޯލިހަށް 2018ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނު ދުވަހުން ފެށިގެން، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހަގީގަތަކަށް ހެދުމުގެ މަސައްކަތް ފެއްޓެވި

  • ރާއްޖޭގެ ތާރީހުގައި ދުވަހަކު ނުދެވޭ ވަރަށް ލާމަރުކަޒީ ބާރުތައް، ހާއްސަކޮށް މާލީ ބާރުވެރިކަން މިހާރު ވަނީ ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލާފައި

  • ހަނިމާދޫގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ސަބަބުން އިންވެސްޓަރުންގެ ޝައުގުވެރިކަން މިހާރު ވެސް ވަނީ އިތުރުވެފައި

  • އެއާޕޯޓުގެ ސަބަބުން އިތުރު ރިސޯޓްތަކާއި ގެސްޓްހައުސްތައް ތަރައްގީ ކުރެވި، އުތުރުގައި ޓޫރިޒަމް ކުރިއަރާނެ

  • އުތުރުގެ މަސްވެރިންނަށް މާލެ އަންނަން ނުޖެހި އެއާޕޯޓް މެދުވެރިކޮށް ސީދާ ހަނިމާދޫން ކަނޑުމަހާއި ކަންނެލި ބޭރުކުރެވޭނެ

އެނގުން މުހިއްމު - ހދ. ހަނިމާދޫގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ހަމަޖައްސާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުންނެވެ. އިންޑިއާގެ އިންފްރާސްޓްރަކްޗާ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެ މަޝްރޫއު ހަވާލުކުރީ 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ޖޭއެމްސީއާ އެކު މިރޭ ސޮއިކުރަނީ. (ދައުރު ފޮޓޯ)

ފައްޔާޒް ވިދާޅުވީ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. ޕްރޮޖެކްޓުގެ މަސައްކަތް ނިންމައި އެއާޕޯޓުން ހިދުމަތް ދޭން ފަށަން ހަމަޖެހިފައިވަނީ 2025ގަ އެވެ. 

މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި:

  • 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ގާއިމްކުރާނެ

  • އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޒަމާނީ އާ ޓާމިނަލެއް ހަދާނެ

އިތުރަށް ކިޔާލަން - 

އިތުރު އާޓިކަލް

އިތުރު އާޓިކަލް