ބްރިޖު ޕްލެޓްފޯމެއް 16 އޮގަސްޓް 2022 ވަނަ ދުވަހު ވިލިމާލެ ފަރަށް އަރާފައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ވިލިމާލެ ބްރިޖު

ވިލިމާލޭ ފަރުގެ ސާވޭ ރިޕޯޓް އާންމުކުރުން ލަސްވަނީ އެފްކޮންސް އިން ޖަވާބުދާރީ ނުވެގެން: އީޕީއޭ

ސާވޭގެ ހޯދުންތައް އެފްކޮންސްއަށް އެންގިތާ ހަފްތާއެއް ވެއްޖެ
20 ސެޕްޓެމްބަރު 2022

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމުން އެ ފަރަށް ލިބިފައިވާ ގެއްލުން ބަލަން ހެދި ސާވޭގެ ހޯދުންތައް އާންމުކުރުން ލަސްވަނީ އެ ކުންފުނިން މިހާތަނަށް ސާވޭގެ ރިފޯޓަށް ޖަވާބުދާރީ ވެފައި ނުވާތި ކަމަށް އީޕީއޭ އިން މިއަދު ބުނެފި އެވެ.

ބުނީ ކީކޭ؟ - އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް މިއަދު 'ދައުރު'އަށް ވިދާޅުވީ:

  • އެފްކޮންސް ކުންފުނީގެ ފަރާތުން ރިޕޯޓަށް ޖަވާބުދާރީވާން ފުރުސަތު ދޭންޖެހޭކަން ގަބޫލުކުރާ ކަމަށް 

  • އެ ކުންފުނީގެ ފަރާތުން ކޮމެންޓެއް ލިބުމުން ސާވޭގެެ ރިޕޯޓް އާންމު ކުރާނެ ކަމަށް 

  • ނަމަވެސް، އެ މައުލޫމާތު އާންމު ކުރެވޭނީ ކިހާތާކު ކަމެއް އޭނާ ވިދާޅެއް ނުވޭ 

އެނގުން މުހިންމު - މީގެ ހަފްތާއެއް ދުވަސްކުރިން އީޕީއޭއިން ވަނީ ސާވޭ ނިމިފައިވާކަމަށް ބުނެފަ އެވެ. އަދި ސާވޭގެ ހޯދުންތަކާއެކު އެފްކޮންސް ޖޫރިމަނާ ކުރެވޭނެ ކަމަށް ބެލެވޭ އަދަދު ވެސް އާންމުކުރާނޭ ކަމަށް އޭރު ބުނެފައިވެ އެވެ.

ފަސްމަންޒަރު - ބްރިޖު ސާވޭ އާއި ތަނބުޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ގެންގުޅުނު އެފްކޮންސްގެ ޕްލެޓްފޯމް ވިލިމާލޭގެ ފަރަށް އެރީ އެ ޕްލެޓްފޯމްގެ 'އެންކާ ސްޕަޑްތައް' ނުވަތަ ފައިތައް ގާއިމް ކުރަން އުޅެނިކޮށް، އެ ސަރަހައްދުގެ އޮއެ ގަދަވެގެންނެވެ.

ބްރިޖު ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމާ ގުޅިގެން އެ ފަރަށް ލިބުނު ގެއްލުންތައް ބަލަން ސާވޭ ކުރުމުގެ މަސައްކަތް އީޕީއޭގެ އޮފިޝަލުން 6 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ކުރަނީ. (ފޮޓޯ/އީޕީއޭ)

ފާހަގަކޮށްލެވޭ ކަމެއް - އެ ޕްލެޓްފޯމް ފަރުމަތީގައި ހަފްތާއަކަށް ވުރެ ގިނަ ދުވަހު ތާށިވެފައި އޮތެވެ. އޭތި ފުން ނުކުރެވި އޮތުމުން ފަރަށް އިތުރު ގެއްލުން ލިބޭނެ ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅު ކުރި އެވެ. ލިބުނު ގެއްލުން ބަލަން އީޕީއޭއިން ސާވޭ ފެށީ، ޕްލެޓްފޯމް ފުން ކުރުމަށްފަހު، އެތަނަށް އެޅިފައި ހުރި ދަގަނޑު ހޮޅިތައް އެފްކޮންސްއިން ނަގައި ނިމުމުންނެވެ.

ޕްލެޓްފޯމް އަރާފައި އޮތް ސަރަހައްދަށް ޑައިވްކޮށްގެން ނަގާފައި ހުރި ފޮޓޯތައް އީޕީއޭއިން ވަނީ އާންމުކޮށްފަ އެވެ. ވިލިމާލެ ފަރުގައި ބޮޑެތި ވަޅުގަނޑުތަކެއް ހެދިފައިވާކަން އަދި ފަރުގެ ގާތައް ގޭނިފައި ވާކަން އެ ފޮޓޯތަކުން ފެނެއެވެ. ފޮޓޯތައް އާންމުކުރަމުން އީޕީއޭގެ ޑިރެކްޓާ ނައީމް ވިދާޅުވެފައި ވަނީ ފަރަށް ބޮޑު ގެއްލުމެއް ވެފައި ހުރީ ޕްލެޓްފޯމްގެ ފައިތަކުން ކަމަށެވެ.

ޓައިމްލައިން:

  • މިދިޔަ މަހުގެ 16: ވިލިމާލޭ ފަރަށް ޕްލެޓްފޯމް ފަރަށް އެރި

  • މިދިޔަ މަހުގެ 27: ޕްލެޓްފޯމް ތާށިވިތާ 11 ދުވަސް ފަހުން ޕްލެޓްފޯމް ފުން ކުރެވުނު

  • މި މަހުގެ 4: ފުންކުރިތާ ހަތް ދުވަސް ފަހުން ޕްލެޓްފޯމުން އެޅިފައި ހުރި ދަގަނޑުތައް ނަގައި ނިމުނު 

  • މި މަހުގެ 6: ޕްލެޓްފޯމުން ލިބުނު ގެއްލުން ބަލަން އީޕީއޭއިން އެފްކޮންސްއާ ގުޅިގެން ސާވޭ ފެށި

  • މި މަހުގެ 14: ސާވޭގެ މަސައްކަތް ނިމި، ސާވޭގެ ހޯދުންތައް އެފްކޮންސްއަށް އެންގުނު ކަމަށް އިޕީއޭ އިން ބުނި

އެނގުން މުހިންމު - ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންކުރާ ބޮޑެތި އުޅަނދުތައް، މީގެ ކުރިން ވެސް ރާއްޖޭގެ ފަރުތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައި އެބަ ހުއްޓެވެ. އެގޮތަށް ތިމާވެއްޓަށް ގެއްލުން ވެއްޖެ ނަމަ އީޕީއޭއިން އެތަނަކަށް ޑައިވްކޮށްގެން ސާވޭކޮށް، ގެއްލުން ހިސާބު ކުރެ އެވެ. އަދި ގެއްލުންވި ވަރަށް ބަލައި އެ އުޅަނދުތަކުގެ ވެރިފަރާތްތައް ޖޫރިމަނާ ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް