މަގޫދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/އެމްޓީސީސީ)

އެމްޓީސީސީ

މަގޫދޫގައި އެއާޕޯޓު އެޅުމަށް ބިން ހިއްކަން ފަށައިފި

އެމްޓީސީސީއާ 206.87 މިލިއަން ރުފިޔާއަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް
10 އޯގަސްޓު 2022

ފ. މަގޫދޫގައި އެއާޕޯޓު އެޅުމަަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު މެންދުރު މަގޫދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން، މަގުދޫ ހިމެނޭ ބިލެތްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ތަފްސީލް - ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން:

  • އެއާޕޯޓު އެޅުމަށް 30.8 ހެކްޓަރުގެ ބިން ހިއްކާނެ 

  • ރަށުގެ ތަރައްގީ އަށާއި އެހެނިހެން ބޭނުންތަކަށް އިތުރު 17 ހެކްޓަރުގެ ބިން ހިއްކާނެ

އޭގެ އިތުރުން، އެ މަޝްރޫއުގެ ތެރެއިން އެ ރަށުގެ ގޮނޑުދޮށް ވެސް ހިމާޔަތް ކުރާނެ އެވެ. އެގޮތުން:

  • 3،339 މީޓަރުގެ ރިވެންޓްމެންޓު ޖަހާނެ

  • 90 މީޓަރުގެ ގްރޮއިން ޖަހާނެ

މަގޫދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާހަކަ ދައްކަވަނީ. (ފޮޓޯ/އެމްޓީސީސީ)
މަގޫދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު ފަށަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އާދަމް އާޒިމް އާއި މެމްބަރު ހަލީމް. (ފޮޓޯ/އެމްޓީސީސީ)

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ ޖެނުއަރީ 27ގަ އެވެ. ޖުމްލަ 206.87 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 650 ދުވަސް ނުވަތަ ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ނިންމާގޮތަށެވެ.

އެނގުން މުހިންމު - އެއާޕޯޓު އަޅަން ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވީ ނަމަވެސް، އެއާޕޯޓު އެޅުމުގެ މަަޝްރޫއު އަދި ބަޔަކާ ހަވާލެއް ނުކުރެ އެވެ.

ފ. މަގޫދޫ:

  • މިހާރު ބޮޑުމިނުގައި 22.1 ހެކްޓަރު ހުރޭ

  • އާބާދީ އަކީ ގާތްގަނޑަކަށް 900 

  • އެ ރަށުގައި މައިގަނޑު މަސައްކަތެއްގެ ގޮތުގައި ކުރަނީ ބޮޑުކަންނެލީގެ މަސްވެރިކަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް