ރައީސް ސޯލިހް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ އެކު މިއަދު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ތިލަމާލެ ބްރިޖުގެ ތަނބެއްގެ ކޮންކްރީޓް އަޅައި އަމަލީ މަސައްކަތް ފަށައިފި

ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައިވެރިވެވަޑައިގެންނެވީ ވީޑިއޯ ކޮންފަރެންސްކޮށް
2 އޯގަސްޓު 2022

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ގްރޭޓާ މާލެ ބްރިޖު ޕްރޮޖެކްޓްގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ބްރިޖުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ތަފްސީލް - ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތު ބާވާފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގަ އާއި މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގަ އެވެ. މި ރަސްމިއްޔާތުގެ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ބޭއްވި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، ރައީސާއި މޯދީ ބައިވެރިވެވަޑައިގެންނެވީ ވާޗުއަލްކޮށެވެ.

ރައީސް ސޯލިހް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ އެކު މިއަދު ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

މި ރަސްމިއްޔާތުގައި، ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން، މިއަދު ވަނީ ރާއްޖޭގައި ބްރިޖުގެ ތަނބެއްގެ ކޮންކްރީޓު އަޅާފަ އެވެ.

ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އެނގުން މުހިއްމު - ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއާ ބެހޭ ގޮތުން އެންމެ ފުރަތަމަ މަޝްވަރާ ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގަ އެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު މިދިޔަ އަހަރު އެއްބަސްވުމުގައި ސޮއިކޮށްފައި ވާއިރު، އެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވެ އެވެ.

ރައީސް ސޯލިހް އިންޑިއާގެ ބޮޑުވަޒީރު މޯދީއާ މިއަދު ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ރައީސް ސޯލިހް އިންޑިއާގެ ބޮޑުވަޒީރު މޯދީއާ މިއަދު ބައްދަލުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

މިހާރު އެފްކޮންސް އިން އަންނަނީ ބްރިޖު އަޅާ ސަރަހައްދުގެ ބިމުގެ ހާލަތު ދެނެގަތުމަށްޓަކާ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް ކުރަމުންނެވެ. އެ ސާވޭ އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވޭއިރު، އެފްކޮންސް އިން ވަނީ ތާވަލާ އެއްގޮތަށް އެއްބަސްވެފައިވާ ތާރީހަށް ބްރިޖު ނިންމާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖް:

  • ޖުމްލަ އަގަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާ އިން ދޭ ހިލޭ އެހީ

  • ބާކީ 400 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ހަމަޖައްސައިދެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިނެއްގެ ދަށުން

  • ދިގު މިނުގައި 6.7 ކިލޯމީޓަރު ހުންނަ ކޯޒްވޭއަކުން ހަތަރު ރަށް ގުޅާލާނެ

  • ބްރިޖު އަޅަން ހަވާލުކުރި އެފްކޮންސް އަކީ އިންޑިއާގެ ޓާޓާ ކުންފުންޏާ ގުޅުން އޮންނަ ކުންފުންޏެއް

  • އެފްކޮންސްއާ މަޝްރޫއު ހަވާލުކުރީ 26 އޮގަސްޓް 2021ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް