އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)
ފައިސާ ޗާޕުކުރުން ހުއްޓާލުމަށް މަރުހަބާ؛ އިތުރު ފިޔަވަޅުތައް އަވަސްކުރަން ޖެހޭ: އައިއެމްއެފް
ފައިސާ ޗާޕުކުރުން ހުއްޓާލަން ނިންމި ނިންމުމަށް މަރުހަބާ ކިޔައި، ބޭރު ފައިސާ މާރުކުރާ ރޭޓު (އެކްސްޗޭންޖް ރޭޓް) ހިފެހެއްޓުމަށް ޓަކައި އިތުރު އަދި ހަރުދަނާ ފިޔަވަޅުތައް އަވަސް ކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - އައިއެމްއެފްގެ ވަފުދެއް ރާއްޖެއަށް އައިސް މައުލޫމާތު އެއްކޮށް، ހެދި ދިރާސާއާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުމާ އެކު މިދިޔަ އަހަރު ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށެވެ.
އެހެން ނަމަވެސް ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ދަރަނީގެ ނިސްބަތް ހުންނާނީ %118.7ގައި ކަމަށް އައިއެމްއެފްއިން ލަފާކުރެ އެވެ.
ތަފްސީލު - މުދާ އެތެރެކުރުން ބޮޑުތަނުން އިތުރުވުމާއި ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރަން ހިނގާ ހަރަދު ބޮޑުވުމުގެ އިތުރަށް، ޓޫރިޒަމާ ގުޅިގެން އިމްޕޯޓަށް އޮންނަ ޑިމާންޑު ބޮޑުވުމުގެ ސބަބުން ކަރަންޓު އެކައުންޓުގެ ޑެފިސިޓް ވެސް މިދިޔަ އަހަރު %22.8 އަށް އިތުރުވިކަން އައިއެމްއެފްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިދިޔަ އަހަރު ނިމުނުއިރު ބޭރު ފައިސާގެ ރިޒާވްގައި ހުރީ 589 މިލިއަން ޑޮލަރު (9.1 ބިލިއަން ރުފިޔާ) އެވެ. އައިއެމްއެފްއިން ބުނި ގޮތުގައި އަހަރު ނިމުނުއިރު ރިޒާވްގައި ފައިސާ ހުރީ ގާތްގަނޑަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޒަރޫރީ މުދަލުގެ ބާވަތްތައް އެތެރެކުރެވޭ ވަރަށެވެ.
މި އަހަރު އިގްތިސާދުގެ ކުރިއެރުން %5.2އަށް މަތިވާނެ ކަމަށް އައިއެމްއެފްއިން ވަނީ ލަފާކޮށްފަ އެވެ. އެކަމަށް އިތުރަށް ބާރުއަޅާނެ ކަންކަމުގެ ތެރޭގައި އެ އިދާރާއިން ފާހަގަކުރި މައިގަނޑު ދެ ކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގ ތަރައްގީކުރާ މަޝްރޫއު އާއި ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ތަންތަނުގެ އަދަދު އިތުރުވުމެވެ.
އެހެން ނަމަވެސް ތަކެތީގެ އަގު މައްޗަށް ދިއުމާއި މުދާ އެތެރެކުރުން އިތުރުވަމުން ދިއުމާ އެކު ކަރަންޓް އެކައުންޓުގެ ޑެފިސިޓް، މެދު ރާސްތާގައި ކުޑަވި ނަމަވެސް ޖުމްލަކޮށް ބަލާއިރު ހުންނާނީ ބޮޑު އަދަދެއްގައި ކަމަށް އައިއެމްއެފްއިން ލަފާކުރެ އެވެ.
ހަމައެއާ އެކު ދަރަނީގެ ނުރައްކާ ބޮޑުކަން މީގެ ކުރިން އައިއެމްއެފްއިން ނެރުނު ރިޕޯޓުތަކެކޭ ވެސް އެއްފަދައިން މި ފަހަރު ވެސް ތަކުރާރުކޮށްފައިވެ އެވެ.
އައިއެމްއެފްގެ ޓީމުން ހެދި ދިރާސާތަކުގެ އަލީގައި އެގްޒެކެޓިވް ބޯޑުން ދިން ލަފަޔަކީ ދަރަނި މެނޭޖު ކުރުމާއި މާލީގޮތުން ހަމަޖެހުން ގެނައުމަށްތަކައި ވީހާވެސް އަވަހަށް ސިޔާސަތުތަކަށް ބަދަލު ގެނައުމަށެވެ.
ރާއްޖޭގެ މާލީ އިދާރާތަކުން މިހާރު އަޅާފައިހުރި ފިޔަވަޅުތަކަށް އައިއެމްއެފްގެ ޑިރެކްޓަރުންގެ ބޯޑުން މަރުހަބާ ކިޔަ އެވެ. އަދި އާމްދަނީ ބޭނުންކުރުން ހަރުދަނާކޮށް، ހަރަދު ކުޑަކުރުމުގެ ވަށައިޖެހޭ ސިޔާސަުތަކާ އެކު ބޭރު ފައިސާގެ ރިޒާވް ފުޅާކުރުން އަވަސް ކުރުމަށް ވަނީ ގޮވާލާފަ އެވެ.
ހަމައެއާ އެކު މިހާރަށް ވުރެ ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައިގެންް އެކްސްޗޭންޖް ރޭޓް ހެފެހެއްޓޭނެ ކަމަށް ޑިރެކްޓަރުން އެއްބަސްވެވަޑައިގަންނަވަ އެވެ. އަދި ބޭރު ފައިސާ ޗާޕުކުރުން ހުއްޓާލި ހުއްޓާލުމަށް މަރުހަބާ ކިޔައި، އެއާ ވިދިގެން ލިކުއިޑިޓީ މެނޭޖުކުރުން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ވެސް އެގްޒެގެޓިވް ބޯޑުން ވަނީ ލަފާދެއްވާފަ އެވެ.