'ބީވީމާ'ގެ މަންޒަރެއްގައި އިސްމާއިލް އާއި އަޝްފާ (ފޮޓޯ/ޑާކް ރެއިން އެންޓަޓެއިންމަންޓް)

އިންސްޕަޔާ ވިޔަސް ކޮޕީކުރުން ބީވެގެނެއް ނުދިޔަ

ހަގީގަތަކީ މި އެވެ. 'ބީވީމާ'އޭ ކިޔާ ފިލްމެއް ނެތެވެ. އޮތީ އެ ނަން ކިޔާ 'ކޮޕީ ފިލްމެކެވެ.' ކޮޕީ ފިލްމަކަށް 'ބީވެގެން' އެ ދިޔައީ އެތައް ބައެއްގެ ވަގުތާއި އެތައް ބައެއްގެ ހުނަރެވެ. ލާރި އެވެ.
9 ފެބްރުއަރީ 2023
29

މުށުން ބީވުމުގެ ކުރިން އެންމެ ފުރަތަމަ، ސަޅި ތަމަޅަ ފިލްމެއްގެ ޕްލޮޓް ކިޔައިދޭނަމެވެ. ސުމަކުން ފަށައިގެންނެވެ. ޝޮޓުން ޝޮޓަށެވެ.

ދަރިވަރުންތަކަކަށް ފޮޓޯގްރެފީގެ ކްލާހެއް ނަގައިދިނުމަށް ފަހު ކުރާ ދަތުރެއްގައި ރާމް އަށް ގޮސް ވަދެވެނީ އޭނާގެ ސާނަވީ ތައުލީމުގެ ހަނދާންތަކަށެވެ. މި ހަނދާންތައް އޭނާއާ ބައްދަލުކުރަނީ އޭނާ ކިޔަވަން އުޅުނު ސްކޫލާއި ކްލާސްރޫމު ތެރެއަށް ވަދެ އެތަނުގައި ހޭދަކުރާ ވަގުތުކޮޅެއްގެ ތެރޭގަ އެވެ. ދެން ގޮސް ވަންނަނީ އެ ކްލާހުގައި އެކުގައި ކިޔެވި މުސްކުޅި ދަރިވަރުންނާ އެކު ވަޓްސްއެޕް ގްރޫޕަކަށެވެ.

އެންމެން މަޝްވަރާކޮށްގެން ދެން ބާއްވަނީ އެމީހުންގެ ރީޔޫނިއަން އެއްވުމެކެވެ. ރާމްގެ ކުޑައިރުގެ ލޯބިވެރިޔާ، ޖާނޫ ވެސް މި ރީޔޫނިއަންގައި ބައިވެރިވާނެކަން ރާމް އަށް އެނގެނީ ޕާކެއްގައި ކުލަބޮކިލައިގެން ބާއްވާ މި ކެއުންގަނޑުގެ ތެރެއިންނެވެ. ސިންގަޕޫރުގައި ދިރިއުޅޭ ޖާނޫ މި ރީޔޫނިއަންގައި ބައިވެރިވާން އަންނަ ހަބަރު ލިބުމާ އެކު ކެމެރާ ޒޫމްވެގެން ދަނީ ރާމްގެ މޫނަށެވެ. އެއާއެކު އަހަރެމެން ގޮވައިގެން ދަނީ ވިއްސަކަށް އަހަރު ކުރީގެ ހަނދާންތަކެއްގެ ތެރެއަށެވެ. އެއް ކުލާހެއްގައި ކިޔެވި ރާމް އާއި ޖާނޫގެ ލޯބީގެ ވާހަކައިގެ ތެރެއަށެވެ.

ތަމަޅަ ފިލްމުގެ ސްކްރީންޝޮޓެއް: މި މަންޒަރުގެ ކޮޕީ އަދި ޑައިލޮގް 'ބީވީމާ' އިން ފެންނަނީ، އިވެނީ އެއްގޮތަކަށް.

ފަހު އިމްތިހާނުގެ ޗުއްޓީ ދެ މީހުންގެ ދެމެދަށް ވަދެ ދެ މީހުން ވަކިވުމުގެ ކުރިން ރާމްގެ ޔުނީފޯމަށް ގަލަމުން ދެލި ބުރުވާލާފައި ޖާނޫ އެދެނީ އޭނާގެ މަތިން ދުވަހަކުވެސް ހަނދާން ނައްތާނުލުމަށެވެ. – ފޮގެޓް މީ ނޮޓް އެވެ.

މިހައި ހިސާބުން އަހަރެމެން އަނެއްކާވެސް އެނބުރި އަންނަނީ ރީޔޫނިއަންގެ ތެރެއަށެވެ. އެ ބައްދަލުވުމަށް ފަހު، ރާމް އާއި ޖާނޫ އަލުން ބައްދަލުވާ ތަނާއި މަންޒަރަށެވެ. ޓެކްސީން ފައިބައިގެން ޖާނޫ އަންނައިރު ރާމް ހުންނަނީ ހާސްވެ ހަދާނެ ގޮތް ހުސްވެ، ފިލަ އެވެ. އެހެން އެންމެނާ ދުރުގައި އެކަންޏެވެ.

ރާމް ވެސް ރީޔޫނިއަން އެއްވުމުގައި އުޅޭކަން ޖާނޫ އަށް އެނގޭ ހިސާބުން އަނެއްކާވެސް ދަމައިގެން ގެންދަނީ ކުރީގެ ހަނދާންތަކަށެވެ. މިފަހަރު ޖާނޫގެ ޕޮއިންޓް އޮފް ވިއުގަ އެވެ. ވީނުވީއެއް ނޭނގި ބޮޑު ޗުއްޓީއަށް ފަހު ރާމް 'ގެއްލުމުން' އޭނާ އަށް ވީގޮތެއް ހޯދުމަށް އުޅޭ ގޮތެވެ. އެންމެފަހުން އެނގެނީ ރާމް އޭނާގެ އާއިލާއާ އެކު އެހެން ސްޓޭޓަކަށް ބަދަލުވީކަމެވެ.

ދެން އަނެއްކާވެސް އެނބުރި އަންނަނީ މިހާރުގެ ވަގުތަށެވެ. ރީޔޫނިއަންއަށެވެ. އަދި ރާމް އެކަނި ފިލައި ހުއްޓައި ފަހަތުން ގޮސް ޖާނޫ އޭނާ އަށް ގޮވާލާތަނެވެ. ކިޔާނެ އެއްޗެއް ނޭނގުނަސް ދެ މީހުން އެކި ދިމަދިމާލުން ވާހަކަތައް ފަށައިގެން ގުޅުވަމުންދާތަނެވެ.

ތަމަޅަ ފިލްމު '96' ގެ ސްކްރީންޝޮޓެއް: މި މަންޒަރުގެ ކޮޕީ ހަމަ މިގޮތަށް، ގާތްގަނޑަކަށް ހުރިހާ ޑައިލޮގަކާ އެކު 'ބީވީމާ' އިން ވެސް ފެނޭ.

ޖާނޫ މީހަކާ އިނދެގެން އެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވާ ވާހަކަ ރާމް އާއި ޖާނޫ ތިބޭ ތަނެއްގައި ބުނަނީ ގާތް އެކުވެރިއެކެވެ. އެއަށް ފަހު ރާމް ގޮސް ޖާނޫ އަށް ކާއެއްޗެހި އަޅައިގެން ގެނެސްދީ އެންމެފަހުން އެ ތަށިން ދެ މީހުން ކެއުމަށް ފަހު ދަނީ ކޮފީއަކަށެވެ. ޖާނޫގެ ދަރިފުޅުގެ ފޮޓޯގަނޑެއް ޖާނޫގެ ފޯނުން ރާމް އަށް ފެންނަނީ މި ކޮފީގަ އެވެ. އަދި ރާމް އަދިވެސް މީހަކާ ނީންނަ ކަމާއި ދަރިއަކު ވެސް ނެތްކަން ޖާނޫ އަށް އެނގެނީ މި ކޮފީގައި ރައްޓެހިން ތަޅާ އަނގައިންނެވެ.

މި ކިޔައިދެވުނީ 2017 ވަނަ އަހަރު ނުކުތް ތަމަޅަ ފިލްމު '96' ގެ ގަޑިއިރަކަށްވާނެހާ މަންޒަރެވެ. އަދި މިއީ، މަރާމާތަށް ފަހު އޮލިމްޕަހުގެ ސްކްރީނުގައި މިހާރު ދައްކަމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އާ ފިލްމު 'ބީވީމާ'ގެ ވެސް ފުރަތަމަ ގަޑިއިރުގެ މަންޒަރުތަކެވެ.

މަތީގައި ލިޔެފައި އެ އޮތް ޕްލޮޓުން ރާމް އާއި ޖާނޫ އާއި ސިންގަޕޫރު ޑިލީޓްކޮށްލާފައި ވަޓްސްއެޕް ގްރޫޕް ކޮންފަރެންސް ކޯލަކަށް ބަދަލުކޮށްލުމުން މިއީ ހަނދާން ނައްތާލަން އުނދަގޫވާ ވަރަށް ތަތްވެ އެކުވެފައި އޮތް ދެ ފިލްމެވެ. – 'ފޮގެޓް މީ ނޮޓް' ރާމްއާ ދިމާލަށް ފިލްމުގައި ޖާނޫ ބުނާ ގޮތާއި 'ފޮގެޓް މީ ނޮޓް' އަޔާގެ ޔުނީފޯމުގައި ރާނިޔާ ގަލަމު ދެލިން ލިޔެލާހާ ވެސް ގަދަކޮށް ގުޅިލާމެހިފައިވާ ދެ ފިލްމެވެ. މި ހަގީގަތް ބީވެގެން ނުދާނޭ މިންވަރަށެވެ.

އެހެންވީމަ ތަމަޅަ ފިލްމުގެ ބާކީ އޮތްބައި ކިޔައިދީފި ނަމަ 'ބީވީމާ'ގެ ކުރި އެއްކޮށް މަރުވީ އެވެ. އެ ފިލްމުގެ ހުރިހާ މަންޒަރެއް އޭރުން މި ރިވިއުގައި ލިޔެވުނީ އެވެ. އެހިސާބުން އެއް ބަޔަކު ބުނަން ފަށާނީ "ނަދީމު ތިއޮތީ '96' އާއި 'ބީވީމާ' އެކުގައި ކޮޕީކޮށް" އަކުރުން އަކުރަށް ކީބޯޑަކުން ތަޅާލާފައޭ އެވެ.

އެހެން ނުބުނާންވީ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު އަސްލު އޮރިޖިނަލް ސުވާލު މި އޮތީ ތިރީގަ އެވެ.

ތަމަޅަ ފިލްމު '96'ގެ މަންޒަރެއް: މި ފިލްމުން ފެންނަ މި ހުރިހާ މަންޒަރެއްގެ ކޮޕީ 'ބީވީމާ' އިން ވެސް ފެނޭ.

މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ޕްރޮޑިއުސްކޮށް، އަހުމަދު ޒަރީރު 'ލިޔެ ޑައިރެކްޓްކޮށްފައިވާ' 'ބީވީމާ' އަކީ ތަމަޅަ ފިލްމު '96'ގެ ކޮޕީއެއް ހެއްޔެވެ؟ ނުވަތަ އެ ފިލްމުން 'އިންސްޕަޔާވެގެން' އުފެދިފައި އޮތް ފިލްމެއް ހެއްޔެވެ؟ ރަސްމީ ރީމޭކެއް ހެއްޔެވެ؟

މި ސުވާލާއި ޒުވާބު އުފެދިގެން އަންނަނީ މިއީ އިންސްޕަޔާވެގެން އުފެދިގެން އައި ފިލްމެއް ކަމަށް ޑާކް ރެއިން އިން އެކި ސިފަސިފައިގައި ބުނާތީ އެވެ. ނުވަތަ މިއީ އޮރިޖިނަލް ފިލްމެއް ނޫން ކަމަށާއި ފިލްމަކީ '96'ގެ އަސްލަށް އުފެއްދި ފިލްމެއް ކަމަށް 'ބީވީމާ'ގެ ހުރިހާ ޕްރޮމޯޝަންތަކެއްގައިހެން އަބަދުވެސް ތަކުރާރުކޮށް ބުނެ އިއުލާނުކުރި ކަމަށް މިހާރު ބުނާތީ އެވެ.

އެކަމަކު 'ބީވީމާ' އަކީ ތަމަޅަ ފިލްމު '96'ގެ އަސްލަށް ނުވަތަ އެ ފިލްމުން އިންސްޕަޔާވެގެން އުފެއްދި ފިލްމެކޭ ޑާކް ރެއިނުން ބުނި އެއްވެސް ހަބަރެއް، ޑައިރެކްޓަރު އެހެން ބުނި ވާހަކައެއް ވެސް އެންމެ ފުރަތަމަ ސުރުހީއަކަށް ތިލަވެފައެއް ނެތެވެ. އެކަމަކު ފިލްމުގެ ޓިކެޓް ވިއްކަން ފެށި ހަފުތާގައި ޝާއިއުކުރި ދެ ހަބަރެއްގައި ޑާކް ރެއިންއާ ހަވާލާދީ ބުނެފައި ވަނީ 'ބީވީމާ' އިންސްޕަޔާވެގެން އައީ '96' އިން ކަމަށެވެ. އަދި ކޮމެންޓް ކުރި މީހަކު ބުނެފައި އޮތީ "އަތަށް ގޮވީމަ" އެންމެފަހުން އެއްބަސްވީޔޯލަ އެވެ.

އެކަމަކު ވަރަށް ކުރުކޮށް ބުނަން ހެއްޔެވެ؟ މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް ބަޔަކު އިންސްޕަޔާވާ ގޮތެއް ނޫނެވެ. – މިޔަށް ކިޔަނީ ހަމަ ކޮޕީކުރުމެވެ.

'ބީވީމާ' ފިލްމުގެ ސެޓެއްގައި އަޝްފާ އާއި އިސްމާއީލް: މިއީ މަތިން އެ ފެންނަ ތަމަޅަ ފިލްމުން އިންސްޕަޔާވި މަންޒަރެއް ކަމަށް ޑާކް ރެއިން އިން ބުނޭ. (ފޮޓޯ/ޑާކް ރެއިން އެންޓަޓެއިންމަންޓް)

ޑާކް ރެއިން އިން މި ފިލްމުގެ މަސައްކަތް 'ހަލާލުކުރުމަށް' މީގެ ކުރިން ކިތަންމެ މޮޅު ވާހަކައެއް ދައްކާފައި އޮތަސް 'ބީވީމާ' އަކީ '96'ގެ މަންޒަރަކަށް މަންޒަރެއް އަދި ޑައިލޮގަކަށް ޑައިލޮގެއް ނަގައިގެން ކޮށްފައި އޮތް 'ވަރަށް ބުރަ މަސައްކަތެކެވެ.' ތަމަޅަ ފިލްމު އުފެއްދި މީހުންގެ އަތުން ރަސްމީ ހުއްދައެއް ނަގައިގެން ހެދި ނަމަ 'ރީމޭކެއް' ނުވަތަ 'ދިވެހި އެޑަޕްޓޭޝަނަކަށް' ވީހެވެ. – އެކަމަކު އެކަހަލަ ހުއްދައެއް ނެގި ވާހަކައެއް ޕްރޮޑިއުސަރު މިހާތަނަށް އެއްވެސް ޕްރޮމޯޝަނެއްގައި ނުބުނެ އެވެ.

ބުނެފައި އޮތް ވާހަކަ އަކީ ފިލްމުގެ މޮޅު ވާހަކަ އާއި ތަފާތު ވާހަކަ އެވެ. އެކަމަކު އެ މޮޅުވުމާއި ތަފާތުކަމުގެ ކްރެޑިޓް މޮގާ އާއި އޭނާގެ ޓީމު ނަގާނީ ކޮން ގޮތަކުން ހެއްޔެވެ؟ އަދި އެ ހައްގާއި ތައްގަނޑު ޖަހައިދޭނީ ކޮން ކޯޓަކުން ހެއްޔެވެ؟

ވަރަށް ރީތި ފިލްމެއް ތިމަންނާ ބަލައިފީމޭ، އޭތި ކޮޕީކޮށްލަން ހިނގާށޭ ކިޔާފައި ގޮސް 'މޮޅު ފިލްމެއް' ހެދީމާ އެތައް ބައެއްގެ މެދުގައި ވެއްޓިގެން ދަނީ އެތައް ބައެއްގެ އަގެވެ. އޮރިޖިނަލް ލަވަކިޔުންތެރިންނާއި މިއުޒިޝަނުންނާއި ހުނަރުން ފުރިފައިވީ އެކްޓަރުންނަކަށް ވެސް ލިބެން ޖެހޭ ހައްގު ތައުރީފެއް، ސުރުހީއެއް މި ހާވާ ހަޑިއަކާ ހެދި ނުލިބެ އެވެ.

މިސާލަކަށް 'ބީވީމާ' ގައި ހިމެނޭ އެފަދަ ބައެއް ހުނަރުވެރިންނަށް ބަލައިލަމާ ހިނގާށެވެ.

ލީޑް ރޯލު ކުޅެފައި ވަނީ ރާއްޖެ އާއި ސާކް ސަރަހައްދުގައި ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ކޮޕީ އިސްމާއިލް ރަޝީދެވެ. އަލަށް ތައާރަފްވެ ލީޑް ރޯލު ކުޅެފައިވާ ބަތަލާ މަރިޔަމް އަޝްފާ އަކީ ރާއްޖޭގެ މިއުޒިކީ ދާއިރާގައި ދިގު އަދި ކާމިޔާބު ކެރިއާއެއް ތަރައްގީކޮށްފައިވާ ހުނަރުވެރި ލަވަކިޔުންތެރިއެކެވެ. ފިލްމުގެ ޓައިޓްލް ލަވަ ކިޔާފައިވާ ޝަލަބީ އިބްރާހީމާއި އެހެން ލަވަކިޔުންތެރިންގެ ގޮތުގައި ފިލްމުން އަޑުއިވިގެން ދިޔަ ޝައްމޫން މުހައްމަދު (އިކުއެޓިކް ވައިބްސް) އާއި މީރާ މުހައްމަދު މާޖިދު ފަދަ ހުނަރުވެރިންނަކީ ދިވެހި އޮރިޖިނަލް ލަވައިގެ އައު ޖީލުގެ ކުރީ ސަފުގައި ތިބި އާޓިސްޓުންނެއް ނޫން ހެއްޔެވެ؟

މީގެ އިތުރުން ވެސް އެތައް އެތައް އާޓިސްޓުންނެއް އެތައް ގޮތަކުން މި ފިލްމަށް ކޮންޓްރިބިއުޓްކޮށްދީފައިވެ އެވެ. އެކަމަކު އެމީހުންގެ މަސައްކަތް ކިތަންމެ އޮރިޖިނަލްވެފައި ކިތަންމެ މޮޅަކަސް އާހިރުގައި ހަޑި މި ވަނީ އެންމެންގެ ނަމެވެ. ފެނުނީ ކޮޕީ ފިލްމަކުންނެވެ.

ފިލްމެއް ކޮޕީކުރަން މިހައި ބައިވަރު ހުނަރުވެރިން އެއްކުރަންވީ ކީއްކުރަން ހެއްޔެވެ؟ މި ހުރިހާ ހުނަރުވެރިން އެއްކޮށްގެން އޮރިޖިނަލް ފިލްމެއް ނަހަދަންވީ ކީއްވެ ހެއްޔެވެ؟ ނެހެދޭނީ ހެއްޔެވެ؟

މިސާލަކަށް ބަލާށެވެ. މި ފިލްމަކީ ޑައިރެކްޓަރު ޒަރީރުގެ ވެސް އަލަތު ފީޗާ ފިލްމެވެ. ޒަރީރަކީ އޭނާގެ ސްކްރިޕްޓް ރައިޓިން އާއި ޑައިރެކްޝަންގެ ހުނަރު މީގެ ކުރިން ވަރަށް ރަނގަޅަށް ޑްރާމާ އަދި ފިލްމުން ސާބިތުކޮށްފައި ހުރި ފަރާތެކެވެ. އެކަމަކު 'ބީވީމާ'ގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަން ކިތަންމެ މޮޅަސް އެއީ ހަގީގަތުގައި ޒަރީރަށް ހައްގު ކްރެޑިޓް ހެއްޔެވެ؟ އެކަން ފާހަގަކުރަން ކިތަންމެ ބޭނުންވިޔަސް ކަނޑައަޅަންވީ ކޮން މިންވަރެއް ހެއްޔެވެ؟ - މުޅި 'ބީވީމާ' އެހެން ބައެއްގެ ފިކުރީ މުދަލެއްގެ ކޮޕީއަކަށްވާތީ އެވެ.

'ބީވީމާ'ގެ ސްކްރީންޕްލޭ ހުރިހާ ގޮތަކުން ވެސް ދިވެހި ފިލްމުތަކަށް ވުރެ ރަނގަޅެވެ. ސްޓޯރީޓެލިންގެ އިތުރުން ވަކިން ހާއްސަކޮށް ފިލްމުގެ މެއިން ދެ ކެރެކްޓަރުގެ ދެމެދުގައި ދެ ޒަމާނުގައި ބޭނުންކޮށްފައިވާ ޑައިލޮގްތަކާއި އެމީހުންގެ މެދުގައި ގާއިމުކޮށްފައިވާ ކެމިސްޓްރީ އަކީ ޒަރީރުގެ ވެސް މޮޅުކަމެވެ. އެކަމަކު ތަމަޅަ ފިލްމުގައި ވެސް ހުރީ ހަމަ މި ޑައިލޮގެވެ. އަދި މުޅި 'ބީވީމާ' ގައި ވެސް އެންމެންގެ ޝައުގުވެރިކަން ދަމައިގަތް ސްކްރީންޕްލޭ އުކުޅަކީ ތަމަޅަ ފިލްމުގައި ވެސް ހަމަ އެގޮތަށް ބޭނުންކޮށްފައިވާ އުކުޅެކެވެ.  

އެތަން ގެނެސްދީފައިވާ ގޮތް ވެސް ކިޔައިދީފާނަމެވެ. އެކަމަކު ކުރި މަރައިނުލައެވެ.

ފިލްމުގެ ޑައިރެކްޓަރު އަހުމަދު ޒަރީރު ފިލްމުގެ ދެ ބަތަލާއިން ކަމުގައިވާ އަޝްފާ އާއި އާޝާއާ އެކު ޕްރިމިއާ ނައިޓުގައި ފޮޓޯއަކަށް ހުއްޓިގެން. (ފޮޓޯ/ ޑާކް ރެއިން އެންޓަޓެއިންމަންޓް)

ފިލްމުގައި ހިމެނޭ އެންމެ ޝައުގުވެރިކުރުވަނިވި ތަންކޮޅަކީ ރާނިޔާ (އަޝްފާ/އާޝާ) ހޯދަން ދިޔަ ވާހަކަ އަޔާ (އިސްމާއިލް/ޒިދާން) ބުނާތަނެވެ. އަދި އަޔާ އެ ދުވަހު ނުދެކޭ ކަމަށް ރާނިޔާ ބުނާ ތަނެވެ. މިތަން ފިލްމުގައި ގެނެސްދީފައިވާ ގޮތެވެ.

ބަލާ މީހުންނަށް ފެންނަނީ ރާނިޔާ އަށް އަޔާ ފެނުމުން ވެސް އަޔާއާ ބައްދަލުކުރަން ބޭނުންނުވާތަނެވެ. އެކަމަކު މި ސީން ސްކްރީންޕްލޭގައި ގެނެސްދީފައި ވަނީ ބެލުންތެރިން ގަސްދުގައި އޮޅުން އަރުވާލާ ގޮތަކަށެވެ. އެއީ ވަރަށް ސަޅި ޓެކްނީކެކެވެ. – އެންމެ ފުރަތަމަ މި ދައްކަނީ އަޔާގެ ޕޮއިންޓް އޮފް ވިއުގަ އެވެ.

ދެން ފަހުން ދައްކުވައިދެނީ ރާނިޔާގެ ޕޮއިންޓް އޮފް ވިއުގަ އެވެ. އޭރުން އަހަރެމެންނަށް ފެންނަނީ އަޔާގެ ބަދަލުގައި ރާނިޔާ ބަލައި އައިސް ހުންނަ އެހެން ފިރިހެނެކެވެ. މި ފިރިހެން މީހާ އަކީ ރާނިޔާ ފަހަތު އަޅުވާލައިގެން އުޅޭ ފިރިހެނެކެވެ. އަޔާ ދިން މެސެޖު އަތަށް ލިބުމުން ރާނިޔާ ބޭރަށް ބަލައިލާއިރު އޭނާ އަށް އަޔާ ނުފެނި، ފެންނަނީ ފަހަތު އަޅުވާލައިގެން ޖެއްސުންކުރާ ފިރިހެން މީހާ އެވެ.

މިހައި ހިސާބުން އެ ދުވަހު ވީގޮތް އަހަރެމެންނަށް އެނގިގެންދެ އެވެ. ތަމަޅަ ފިލްމުގައި ވެސް ވަނީ ހަމަ މިހެންނެވެ. ތަފާތަކީ އެކްޓަރުންނާއި ބަހުރުވަ އާއި ލޮކޭޝަނެވެ. ސޭމް ސީން، ސޭމް ސެޓަޕާއި ޓެކްނީކެވެ. އަދި ޑައިލޮގެވެ. ނުވަތަ އެ އޮތީ ހަމަ ގަދަ އަށް ކޮޕީކޮށްލައިފަ އެވެ. – ތަރުޖަމާކޮށްފައޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު އިންސްޕަޔާވުން އޮތީ ވަރަށް ދުރުގަ އެވެ.

މިއީ އިންސްޕިރޭޝަނެއް ނަމަ މަތީގައި އެ އޮތް ޕްލޮޓަކީ '96' އަދި 'ބީވީމާ' ބަލައިގެން އަޅުގަނޑު އިންސްޕަޔާވިވަރު ބޮޑުކަމުން ލިޔެފައި އޮތް ކުރު ވާހަކައެކެވެ. އަދި 'ބީވީމާ' އަކީ އިންސްޕިރޭޝަނެއް ނަމަ، ހިންދީ ފިލްމު 'ކުޗް ކުޗް ހޯތާ ހޭ' އަކީ ދިވެހި ފިލްމު 'ހިތް ހަލާކު' އިން އިންސްޕަޔާވި ފިލްމެކެވެ. – މިއީ ހަމަ އެވަރުގެ ކަމެކެވެ.

ހަގީގަތުގައި ވެސް ކޮޕީކޮށްލާފައި އޮތީ ގައިން ހީބިހިނަގައިގެންދާ ވަރަށެވެ. 'ބީވީމާ' ބަލާފައި ގޮސް '96' ބަލާއިރު ހަމަ އަސްލަށް ވެސް ގައިން ހީބިހިނަގާނެ އެވެ. ކުރިއަށް އޮތް ދެ ގަޑިއިރާއި ބައިގައި ވާނެ ހުރިހާ ކަމެއް ކުލައިން، މަންޒަރުން، އަކުރުން ފިއްޔަށް އެނގޭނެތީ އެވެ.

'ބީވީމާ'ގެ މަންޒަރެއް ނެގުމުގެ ކުރިން ޑައިރެކްޓަރު ޒަރީރު އިސްމާއިލް އަށް އިރުޝާދު ދެނީ. (ފޮޓޯ/ޑާކް ރެއިން އެންޓަޓެއިންމަންޓް)

އެކަމަކު މިވަރަށް ކޮޕީކޮށްފައި ވެސް، އެއީ އިންސްޕިރޭޝަނެކޭ ކިޔާފައި، މި ފިލްމުގެ ވާހަކަ ކިޔައިދޭކަމީ ހަމަ އަސްލަށް ވެސް އަޖާއިބުން އަޖާއިބުވާ ވަރުގެ ކަމެކެވެ. އަދި ރާއްޖޭގެ ފިލްމީ ދާއިރާ އަށް އިންގިލާބެއް ގެނައި ކަމަށް ބުނާ، ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ އިން އެމީހުންގެ އެންމެ 'ތަފާތު'، 'އެންމެ މޮޅު' ފިލްމުގެ ގޮތުގައި 'ބީވީމާ' ޕްރޮމޯޓްކޮށް ވިއްކިކަމީ ވަރަށް ވެސް ލަދުވެތި ކަމެކެވެ.

ދެން މިހާރު މިވީ ގޮތެއް ވެސް ބަލާބަލާށެވެ. ފިލްމުގައި އިސްމާއިލް އާއި އަޝްފާ އަދި އާޝާ އާއި ޒިދާން ކިތަންމެ މޮޅަސް އެކަން ސެލެބްރޭޓްކުރަން މި ލިބުނީ އެންމެ ޖުމްލައެކެވެ. ހިތްގައިމު މިއުޒިކާއި ޅެންވެރިކަމާއި ލަވަކިޔުންތެރިކަމަށް ވެސް ފޮޅުވަތެކެވެ. ޑައިރެކްޓަރާއި އެހެން މީހުންނަށް އަކުރަކާއި ފިއްޔެކެވެ. އެކަމަކު ފިލްމުގައި ޕާފޯމްކޮށްފައިވާ ތަރިންގެ ހުނަރަށް އެއް ހާސް ލަފުޒުގެ ތައުރީފު ލިޔާ ވަރުވެ އެވެ.

ކީއްކުރާނީ ހެއްޔެވެ؟ – '96' ވުޖޫދުގައި ނެތް ނަމަ އޮލިމްޕަހުގައި ހޭދަކުރި ދެ ތިން ގަޑިއިރު ހިތުން ބީވެގެން ނުދިޔައީހެވެ. އެކަމަކު ހަގީގަތަކީ މި އެވެ. 'ބީވީމާ'އޭ ކިޔާ ފިލްމެއް ނެތެވެ. އޮތީ އެ ނަން ކިޔާ 'ކޮޕީ ފިލްމެކެވެ.'

ކޮޕީ ފިލްމަކަށް 'ބީވެގެން' އެ ދިޔައީ އެތައް ބައެއްގެ ވަގުތާއި އެތައް ބައެއްގެ ހުނަރެވެ. ލާރި އެވެ.

ކޮމެންޓް (29)

ޒިއާދާ އުމަރު

10 ފެބްރުއަރީ 2023
ޚޮޕީ ކުރުން މައްސަލަ އެއް ނޫން އެކަމަކު ކޮޕީކަން ނޭގި ބަލަން ދެވުންކަން މައްސަލައެއް.އެންމެން ނަކީ ކޮޕި ބަލަންބޭނުން ވާނެ ބައެއް ނޫން.ތަމަލަ ފިލްމް މަވެސް ބެލިން އަކުރުން އަކުރަށް ކޮޕީކޮއްފަ އޮތީމަ ވ ފޫހިވި.އިއުލާން ކުރަންވާނެ ދޯ ކޮޕީއެއް ވިއްޔަ.
1 0

ޢަންބޮދާޑް

10 ފެބްރުއަރީ 2023
ޖަސްޓް ލެޓް ޕީޕަލް ލިވް… މީއީ ފިލްމެއް ބްރޯ!
1 4

ކޮޕީ ޑްރޭ

10 ފެބްރުއަރީ 2023
@ޢަންބޮދާޑް ފިލްމުތައް ހަދާ އިރު ކޮޕީ ނުކުރާށޭ ނަދީމު އެ ކިޔަނީ. ގެޓު؟
3 0

ތޭރަަަ

9 ފެބްރުއަރީ 2023
ތީ ޑާރކްރެއިން އިން ވަރަށް ދެރަކޮށް ކުރާ ކަމެއް. ޢަލީ ރަމީޒްގެ ލަވައެއް ހުއްދަ ނުހޯދާ ކޮޕީކޮށްގެން އަޝްފާ ލައްވާ ކިޔުއްވީ. އަނެއްކާ ތަމަޅަ ފިލްމެއް ހުއްދަ ނުހޯދާ ކޮޕީ ކޮށްގެން އަޝްފާ ލައްވާ ތި ކުޅުވީ.. ދެން އަޝްފާވެސް އަޅެ ކީއްކުރަންތަ ކުޅުނީ ކޮޕީ ފިލްމެއް؟
9 0

ސަމަރޭ

9 ފެބްރުއަރީ 2023
މީގެ ފުރަތަމަ ހަތަރު ކޮމެންޓް މީންދީ އިންސަޕަޔާ ވެފަތަ؟ ހަހަހަ
1 0

ޒީނާ ޒާހިރު

9 ފެބްރުއަރީ 2023
ޣުޑް ރިވިއު.ދެން ނުވެސް ދާނަން މި ބަލާކަށް
7 0

ކޮޕީމޭން

9 ފެބްރުއަރީ 2023
ނަދީމު ހާދަ ރިޕިޓެޓިވްއޭ. ވަރަށް ހާސަރު ދިގުވީމަ، އެކައްޗެއް އެތައް ފަހަރަކު އެކި ގޮތްގޮތަށް ކިޔާލަކިޔާލާ އިނދެވުންހެން ހީވީ. ކިޔުންތެރިންގެ ވަގުތުވެސް ބީވެގެން ދާނެ މިގޮތަށް ވަންޏާ. ލިޔުންތެރިން ވިސްނަންޖެހޭ ކަންކަން މިހުންނަނީ. ދިވެހިން ކޮޕީކުރަން ޖެހެނީވެސް އެ ހުނަރު، ނުވަތަ ކްރިއޭޓިވިޓީ ނުހުންނާތީ. ނަދީމުގެ މުޅި އާރޓިކަލްވެސް ވަރަށް ރިޑަންޑެންޓް، އަދި ވަރަށް ފޯރސްޑްހެން ފީލްވަނީ. ދިވެހި ފިލްމްތަކަށް ވާ ގޮތަށް ފުރަތަމަ ހާފް ރަނގަޅު. އިންޓަރވަލްގެ ފަހުން ހީވީ ކްލައިމެކްސް ގެންނާނެ ގޮތެއް ނޭނގިގެން މުޅިތަނުގަ ފަތަރާސީވިހެން.
7 9

އައި އޭމް

9 ފެބްރުއަރީ 2023
އަދި ބީވީމާ ފިލްމްގެ ލަވަ އަށް ބަލާލިޔަސް، ފްލޫޓްގެ ރާގު ވަރަށް ބޮޑަށް 96 ގެ ބެކްގްރައުންޑ މިއުޒިކް އާއި އެއްގޮތް ކަމަށް ވެސް ފާހަގަ ކުރެވޭ. ހަގީގަތުގަވެސް އިންސްޕަޔަރ ވެފަ.
6 1

ނަދީމު އަށް ތައުރީފު

9 ފެބްރުއަރީ 2023
ނަދީމޫ! މަގޭ އުމުރު 2ބައި ވީއިރު އަދި ކިރިޔާ ވަނައެއް ހައްގު ކުރިޓިކެއް ކިޔާލެވުނީ! ސަޅި ލިޔުމެއް! ހީވީ ހަމަ 96 ގެ ފުރަތަމަ ގަޑިއެއް ހާއިރު ބަލާލެވުނުހެން! ޑާކުރެއިން ކަޑަ ފޯ އަޝްފާ އަދި ޒަރީރުގެ ފެށުން ކޮޕީ ފެށުމަކަށް ތިއޮށްހެދީ! ދެރަ ކަންތައްތައް!
11 0

ގްރިފިން

9 ފެބްރުއަރީ 2023
ދެން ހުއްޓާލާ ނަދީމޫ! "ހީއިޒް އޯލްރެޑީ ޑެޑް!"
15 0

ޢަންދަލާ

9 ފެބްރުއަރީ 2023
ޢަސްފާ ގެ އެކްޓީން ވ މޮޅޭ ކިޔާފަ އެވަރު ކަމެއް ނެތް ހެން އިސްތިހާރު ކުރީމަ ދިޔައީ.އެއްޓަކައް ވާކަހަލަ އެެއްޓެއް ނުފެނޭ ހަމަ ވ ބޭސިކް
8 0

ޖައުހަރީ

9 ފެބްރުއަރީ 2023
ދެން ބުނަންވީ އެހެން މީހުން ވެސް މިގޮތަށް ކޮޕީކޮށްގެން ފިލްމު ހަދައެއް ނޫންހޭ؟ ބޮލީވުޑުން ހަމަ މިހެން ސީން ޓު ސީން ކޮޕީކޮށްގެން ސައުތުގެ ފިލްމުތައް ހަދާ. ލައިކް ކަބީރް ސިންގް، ވިކްރަމް ވޭދާ، މިއްލީ. އެކަމަކު މިއިން ކޮންމެ ފިލްމެއް ހެދުމުގެ ކުރިން ވެސް އިއުލާން ކުރާނެ މިއީ ރީމޭކެއް ކަން.. އޮފިޝަލް ރައިޓްސް ހޯދައިގެން ހަދާ އެއްޗެއްކަން. އޭރުން އޯޑިއަންސްއަށް އޮޅުވާލެވިފައެއް ނޯންނާނެ. ބަލަން ދާނީ، މިއީ ރީމޭކެއް ނޫނީ ކޮޕީއެއްކަން އެނގިހުރެ. ދިވެހިންނަށް ވާގޮތަކީ ކޮންމެ ކަމެއްގައި ވެސް އޮޅުވާލުން. އަތަށް ގޮވީމަ، އެންމެ ފަހު ވަގުތު މި ބުނަނީ 'އިންސްޕަޔާ' ވެގެންނޭ. އަކުރުން އަކުރުން މީހުން އިންސްޕަޔާ ވޭތަ. ފޫހިދެން.
16 2

ސައްލޫ

9 ފެބްރުއަރީ 2023
@ޖައުހަރީ ބުރޯ! އެއީ އިންސަޕްޔާވެގެންނޭ ކިޔާފަ ހަދާ ފިލްމްތަކެއް ނޫން. އެއީ ހިންދީ ރީމޭކް، ހުއްދަނަގައިން ހަދާފަ ހުރި.
4 0

ޖައުހަރި

9 ފެބްރުއަރީ 2023
@ސައްލޫ އަޅެ އަޖައިބު ހީވޭ. އެވާހަކަ އެއްނޫންތަ މި ބުނީ!
1 1

ޖައުހަރީ

9 ފެބްރުއަރީ 2023
@ސައްލޫ ކިހާ ދެރަކަމެއް. މަގޭ ކޮމެންޓްގަ އޭނީ އެހެންނެއް ނޫންތަ އަޅެފަހެ. އެއީ ރީމޭކޭ، ހުއްދަ ނަގައިގެން ހަދާފަ ހުރި. އަޖައިބު ހީވޭ.
3 0

ދަންނަ އެދުރު

9 ފެބްރުއަރީ 2023
ކަލޯ ހާދަ ޒާތީވެލާފަ. ކަލޭ ލިޔުނު ވާހަކައަކަށް އެ ސްޓޫޑިއޯ މީހުންގާތުގަ ފިލްމެއް ހަދަން އާދޭސްކޮށްކޮށް އެކަން ނުކުރީމާ އަދިވެސް އެކަމުގެ ރުޅިބާލަނީކަން މަމެންނަށް އެބަ އެނގޭ. ކަލޯ މޮޅަށް ލިޔުނަސް، ތިޔަ ޒާތީ ގޮތްގަނޑު ދޫކޮށްލަން މަމެންނަށް ފެނޭ
7 33

އޯނޯ

9 ފެބްރުއަރީ 2023
@ދަންނަ އެދުރު އަހަރުންނަށް އެބަފެނޭ ޒާތީވާ މީހުން. ތަމަޅަ ފިލްމެއް ކޮޕީ ނުކޮށް އޭނަ ބުނި ވާހަކައަށް ފިލްމެއް ހެދިނަމަވެސް ލަދުން އޮރިޔާންވާން ނުޖެހުނީސް ދޯ. އަމިއްލަ އުފެެއްދުމޭ ކިޔާ ރައްޔިތުން ވާވައްދާއިރު ލަދެއްނުގަނޭ. މަމެންނޯ!
27 0

ޖިމޯ776

9 ފެބްރުއަރީ 2023
@ދަންނަ އެދުރު ދޮގެއް އަދި ކޮށްލާފައި އޮތްވަރު ކުޑަ.
12 0

ފޭނެއް

9 ފެބްރުއަރީ 2023
ދެން އަޝްފާވެސް ދޯ! ބައިވަރު އޮފަރ ތައް ލިބުނޭ އެކަމަކު މީތި ކުޅުޅުނީ މޮޅުވީމައޭ ކިޔާފަ ފޮނި ކަނޑާފަ އަލަށްވެސް ކޮޕީ ފިލްމެއް ވިއްޔާ ތި ކުޅުނީ. ވަރަށް ފޫހިވެއްޖެ.
19 1

އައިޝާ

9 ފެބްރުއަރީ 2023
ތި ފިލްމްގެ ރީތި ވާހަކަ ދައްކާތީ ވީކެންޑްގަ އޮފީސް މީހުންނާއެކު ފިލްމް ބަލަން ދާން އުޅުނީ! ދެން ނުވެސް ދާނަން. ގޭގެ އިނދެ ތަމަޅަ ފިލްމް ބަލާލާނަން. އޭރުން ބީވީމާ ބެލުނީއެއްނު.
20 2

ވިސްނޭމީހާ

9 ފެބްރުއަރީ 2023
ހަޤީޤތަކީ ޓިކެޓް ވިއްކަން ފަށަން ކައިރިވެފަ އޮތްވައި ކޮންމެވެސް ގޮތަކުން ބަޔަކަށް އެނގުނީ ޝޮޓުން ޝޮޓަށް ކޮޕީ ފިލްމެއްކަން. އެހެންވެ އަތަށް ގޮވީމަ ބުނީ އިންސްޕެއަރ ވެފައޭ! ޝޫޓިން ފެއްޓި އިރުވެސް ނުބުނޭ. މުޅިންވެސް އޮޅުވާލުން. ޒަރީރު ގެ ފުރަތަމަ ޑައިރެކްޝަން އަދި ޢަޝްފާ ގެ ފުރަތަމަ ފިލްމަކަށް ކޮޕީ ފިލްމެއްވީމެ އެއްވެސް މޮޅުކަމެއް ނުފެނުނު. ޓިކެޓް ގަނެގެން ބަލަން ދެވުނު މޮޔަހީވޭ!
17 1

މާއިން

9 ފެބްރުއަރީ 2023
މީގަ މަޖަލީ ދިވެހިންނާ އިންވައިޓް ކޮށްގެން ފުރަތަމަރޭ ޝޯއަށް އެގެންދާ ކުދިންކޮޅު. ހާދަ ރީއްޗޯ ހާދަ މޮޅޯ ކިޔާ އެކުރާ ތަޢުރީފް! ޑާކް ރެއިން ފަދަ ބޮޑު ސުޓޫޑިއޯ އަކުން މިވަރަށް ކޮޕީ ކުރީމަ ކަޑަ. އޮފިޝަލް ރައިޓްސް ހޯދާފަ ރިމޭކް އޮފް 96' އޭ އަރުވާލަބަލަ އޯޕަނިންގ ކްރެޑިޓަށް. މުޅިން މީހުނަށް އޮޅުވާލެވޭތޯ! ޑާކް ރެއިންގެ ކޮންމެ ފިލްމެއްގަ ވެސް ހުންނާނެ އެތައް ފިލްމެއް އިރާ ކުދިކޮށްގެން ސީންތައް ހަދާފަ. ތިހާ ލާރިއޮތިއްޔާ އަމިއްލަ އެއްޗެއް ހަދާލަބަލަ ނިކަން.
22 1

ޒަހުރާ

9 ފެބްރުއަރީ 2023
ވޯވްވްވް! ނަދީމް ޑިޑް އިޓް. އަސްލު ހީކުރަނީ ކަންނޭނގެ ދިވެހިންް ތަމަޅަ ފިލްމު ނުބަލާނޭ. 96 އޭ މަށަށް ވަރަށް ރީތިވި، އަސަރު ގަދަ ފިލްމެއް. ބީވީމާ ބަލަން އޮލިމްޕަހަށް ދިޔައީ އެއްގޮތަކަށް ވެސް 96 އަށް އުއްމީދުކޮށްގެންނެއް ނޫން. ކުރިން އެކަހަލަ ވާހަކައެއް ނުވެސް އަހަން. އެކަމަކު ބަލަން އިންދާ ފެނުނީ ހަމަ 96، އަކުރުން އަކުރަށް، ސީނުން ސީނަށް. ވަރަށް ދެރަވެ، ލަދުގަތް. ދިވެހިންނަކީ ވަރަށް ހުނަރުވެރިބައެއް، އެކަމަކު އެ ހުނަރު ބޭނުން ނުކުރެވިދަނީ މި ކަހަލަ ކަންތައްތަކާ ހެދި، ވެރީ ޑިސްއެޕޮއިންޓެޑް އިން ޑްރޭ. 96 އިންސްޕަޔާ ވެގެން އެއްޗެއް ހެދިނަމަވެސް ރަނގަޅު. ހަމަ ކޮޕީގަނޑެއް
18 1

ކަންބަޅި

9 ފެބްރުއަރީ 2023
ޑޭމް ސަން. އޮއްޓަރު ހުރި ކްރިޓިކެއް މިކިޔުނީ އަދި ކިރިޔާ
29 3

ތަމަޅަ ފިލުމު 96

9 ފެބްރުއަރީ 2023
ނިދޫމޫ އަހަރެންނެއް ނެތް.. މިކިޔާ ކަޅު ވާރެޔޭ ކިޔުނު ބައިގަނޑު އަހަރެން މުޅިން އަވަދި ކޮށް .. އަދި އެވަރުން ނުވެގެން އަހަރެންގެ ކޮޕީ އެކޭ ވެސް ކުރިން ބުނެލި ނަމަ އަހަރެން ކިހާ އުފާވިސް.. މަންޒަރުން މަންޒަރަށް، ޑައިލޮގުން ޑައިލޮގަށް އަހަރެން ގަޔަށް އަތްބާނާފަ އެވެރިން އެ އޮތީ.. ޝުކުރުރިއްޔާ ނަދީންބޭ.. މިވާހަކަ ދައްކަން ކެރޭ ނޫސްތައް ވެސް މަދު!
20 2

އަންކްރިއޭޓިވް

9 ފެބްރުއަރީ 2023
މި އުޅޭ ފިލުމު “ސްޓާރުން” ކޮޕީ ކުރުމަކީ ދިވެހި ސަގާފަތުގެ ބަޔަކަށް ހަދައިފި
14 1

ފިލްމް ބަލާ ކުއްޖާ

9 ފެބްރުއަރީ 2023
ނަދީމޫ ހާދަ ވަރެކޭ ތިކޮށްލީ. އެހާދުވަސް ކޮށްލާފަ އޮލިމްޕަސްއަށް ފިލްމެއް ބަލާލަން ދާން މިޖެހުނީ ކޮޕީ ފިލްމެއް ވިއްޔާ. ދިވެހިން އަމިއްލަ އުފެއްދުމެއް ގެނެސްދޭކަށް ނޫޅޭނެ. އަބަދުވެސް ކޮންމެ ވެސް ބޭރު ގައުމެއްގެ ބަޔަކު ކޮށްފަ ހުރި ބުރަ މަސައްކަތެއް ކޮޕީ ކޮށްލާނީ. އެހެންނަހަދަ ބަލަ. ނިކަން އަމިއްލަ އެއްޗެއް ގެނެސްދީބަލަ
11 1

ފިލްމް ބަލާ ކުއްޖާ

9 ފެބްރުއަރީ 2023
ނަދީމޫ. ހާދަ ވަރެއް ތި ކޮށްލީ. ދިވެހި ފިލްމްތައް އެހެން މީހުން ކުރާ ބުރަ މަސައްކަތް ކޮޕީ ކޮށްގެން ހަދާތީ ވަރަށް ދެރަވޭ. އަމިއްލަ އެއްޗެއް ހަދާކަށް ނޫޅޭނެ. އެހާ ދުވަސް ކޮށްލާފަ އޮލިމްޕަސްއަށް ފިލްމެއް އަޅުވާލިއިރު ވެސް މި އަޅުވާލީ ކޮޕީ ފިލްމެް
32 4

މުހައްމަދު

9 ފެބްރުއަރީ 2023
@ފިލްމް ބަލާ ކުއްޖާ ކޮޕީ އިއްސެ ކުޅުނީމާ އޯކޭ ނުން
6 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް